ނިލަންދެއަތޮޅު އުތުރުބުރި (ފ.އަތޮޅު)




ނިލަންދެއަތޮޅު އުތުރުބުރި
ނިލަންދެއަތޮޅު އުތުރުބުރީގެ ގޫގުލް މެޕް
ޢަރުޝީފް
Onclick Go

މިއަތޮޅަކީ އަރިއަތޮޅުގެ ދެކުނަށް ރާއްޖޭގެ ދެކުނު ދުނީގައި އޮތް އަތޮޅެކެވެ. މިއަތޮޅާއި ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއާއި ދެމެދުގައި ހުންނަނީ 70 މޭލެވެ. މިއަތޮޅުގެ ބޮޑުމިނަކީ އުތުރުން ދެކުނަށް ގާތްގަނޑަކަށް ¾16 މޭލު، އަދި އިރުން ހުޅަގަށް ގާތްގަނޑަކަށް ½14 މޭލެވެ. އަތޮޅުއޮތީ އުތުރުޢަރުޟުން °03-03 އާއި °03-20 ދެމެދުއެވެ. މިއަތޮޅާއި އަރިއަތޮޅާއި ދެމެދުގައި އޮތީ އަރިއަދޫ ކަނޑެވެ. އަތޮޅުގެ އިރުންއޮތީ ހަތަރުއަތޮޅުގެ މެދުގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނޑެވެ.

މިއަތޮޅުގައި މީހުން ދިރިއުޅެނީ 05 ރަށުގައެވެ. ކުރިން މީހުން ދިރިއުޅެމުން ގެންދިޔައީ ހިމިއްޗާއެކު 06 ރަށުގައެވެ. ހިމިއްޗަކީ މިހާރު ފަޅު ރަށެކެވެ. މިހާރު މީހުން ދިރިއުޅެނީ ފީއަލީ، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ، ނިލަންދޫ ގައެވެ. މިއަތޮޅުގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ މަގޫދޫގައެވެ. މިހާރު ވެރިކަން ކުރަނީ ނިލަންދޫ ގައެވެ. ނިލަންދޫގައި ވެރިކަން ކުރަންފެށީ 18 ޖަނަވަރީ 1999 ގައެވެ.

މިއަތޮޅުގައި މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ވަޒީފާ އަދާކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ. މިއަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. މިއަތޮޅު މާފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ. މިހާރު ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރީގެ މަސައްކަތް ކުރަމުން ގެންދެއެވެ.

މިއަތޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ބުޑިސްޓުން ރާއްޖޭގައި އުޅުނު ޒަމާނުގައި ވަރަށް މުހިންމު އަތޮޅެކެވެ. އަތޮޅުގެނަން ނިސްބަތްވަނީ އަތޮޅުގެ ދެކުނު ދުނީގައި އޮތް ނިލަންދުއަށެވެ. އަދި މިހާރުގެ ވެރިރަށަކީވެސް ނިލަންދުއެވެ. މިއަތޮޅުގައި ތާރީޚީގޮތުން ފާހަގަ ކުރެވޭ ދެ ރަށަކީ މިއަތޮޅު ނިލަންދުއާއި ހިމިއްޗެވެ. ބިލެއްދޫގައިވެސް އިހުޒަމާނުގެ މިސްކިތެއް ހުރެއެވެ.

މިއަތޮޅު ނިލަންދުއަކީ ބުޑިސްޓް މޮނާސްޓްރީއެއް ހުންނަ ރަށެކެވެ. އެ މޮނާސްޓްރީ ހުރި ތަނަކީ މިހާރު އެރަށުގެ އާސާރީ ސަރަހައްދެވެ. އެސަރަހައްދު މަޝްހޫރު ވެފައިވަނީ "ފޯއްމަތި" މިނަމުންނެވެ. "ފޯއްމަތި" ކިޔަނީ މޮނާސްޓްރީ ހުރި އުސް ފަސްގަނޑަށެވެ. މި ފަސްގަނޑަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަނެވެ. މިތަނަކީ ކުރިން އާސާާރީ ބިނާއެއްހުރި ތަނެއްކަން އެނގިފައި ނުވާތީ ކުރިން އުސްމިނުގައި 30 ފޫޓް ހުންނަ މި ފަސްގަނޑުން ގަލާއި ވެލި ނެގުމުގެ ސަބަބުން މިހާރުވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައި ވެއެވެ. ނިލަންންދޫގެ އާސާރީ ސަރަހައްދަކީ ވަރަށްބޮޑު ސަރަހައްދެކެވެ. މި ސަރަޙައްދުގެ ބޮޑު މިނުގައި 110,732.74 އަކަ ފޫޓު ހުރެއެވެ. މިސަރަހައްދުގެ ވަށާފާރުވަނީ ރާނާފައެވެ.

ފަތްތޫރައިގެ 54 ވަނަ ޢަދަދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރީ ޒަމާނެއްގައި ނިލަންދުއަކީ ފައްޅީގެ ރަށެކެވެ. ނުވަތަ ޚާއްޞަ ދީނީ މަރުކަޒެއްހުރި ރަށެކެވެ. ނިލަންދޫގައި ހުރި އާސާރީ މިސްކިތްހުރީ "ޓެމްޕަލް" ސަރަހައްދުގެ އެންމެބޮޑު ފައްޅިހުރި ތަނުގައިކަން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސާބިތުވެއެވެ. މިއަދު އެންމެބޮޑަށް ފާހަގަ ކުރެވެނީ މިސްކިތުގެ ދޮރާއްޓާއި އެޒަމާނުގައި ބެހެއްޓިފައި ހުރި ވަޅެވެ.

ނިލަންދޫ "ފޯއްމަތި" ކޮނެ ބެލުމުގެ މަސައްކަތް ކޮށްފައިވަނީ 08 ފެބްރުވަރީ 1983 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހައިދާލާއި އޭނާގެ ޓީމުންނެވެ. މިތަން ކޮނެ ބެލުމަށް 4 ދުވަސް ހޭދަކޮށްފައި ވެއެވެ. މިތަން ބައްލަވައި ނެރުއްވި މަޢުލޫމާތުގައި މި ސަރަޙައްދަކީ އިހު ޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެއްކަމުގައި ބުނެއެވެ. މިތަނުން ފެނިފައިވާ އިންސާނުންގެ ކަށިތައް ކާބަންޑޭޓް ކުރުމުން އެގުނީ މިއީ މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރު ތަކުގެ ތެރޭގައި ވޭރެއް ހުރި ތަނެއް ކަމެވެ. އަދި މިތަނުން ފެނިފައިވާ ތަކެތިން އެނގުނު ގޮތުގައި މިރަށަކީ ބޭރުގެ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އައިސް މަޑުކޮށްލާ ރަށެއްކަމަށްވެސް ހޯދި ހޯދުންތަކުން އެނގިފައި ވެއެވެ.

ނިލަންދޫގައިވާ އާސާރީ ތަނަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. ނިލަންދޫގެ އާސާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީޚްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭ ގޮތުގައި އެ މިސްކިތަކީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެއިރުގެ ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ (ދަރުމަވަންތަ މަހާރަދުން) ބިނާކުރެއްވި 3 މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ބުނެވޭ ގޮތުގައި ނިލަންދޫގައި ހުރި މިސްކިތަކީ ދަރުމަވަންތަ މަހާރަދުން ނިލަންދުއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެކެވެ.

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. މި މިސްކިތަށް ބޮޑަތި ބަދަލުތަކެއް ގެނެސްފައި ވުމުގެ ސަބަބުން މިސްކިތުގެ އަޞްލުގެ ބޮޑުބައެއްވަނީ ގެއްލިގެން ގޮސްފައެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.

ނިލަންދޫ އާސާރީ ސަރަޙައްދުގައި އޮންނަ ވެވަކީ ކުރީ ޒަމާނުގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެކެވެ. މިވެވަކީ ހިރިގަލުން ރާނައި އަދި ވެވުގެ އަޑި ތަށިވައް ހަދައިފައި އޮންނަ ވެވެކެވެ. ޒަމާންތަކެއް ވަންދެން މިވެއު ބައްދާލާފައި އޮތުމަށްފަހު 2015 ވަނަ އަހަރު މިނިވަން ފަންސާހުގެ ފުނަ ޙަރަކާތްތަކަށް އާސާރީ ސަރަޙައްދު ތައްޔާރުކުރުމުގެ ގޮތުން ވެއު އޮތް ސަރަޙައްދު ކޮނެ ވެއު މިހާރުވަނީ ފެންނަގޮތަށް ބަހައްޓާފައެވެ. މިވެއުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ވެވު ކައިރީގައި އެބައޮތެވެ. ނިލަންދޫގެ ދުވަސްވީމީހުން ބުނާގޮތުގައި ވެއު ބައްދާލީ ކުޑަކުދިން ވެވަށް ވެއްޓި މަރުވާތީ ކަމަށާއި ވެއު ކޮނުނުއިރު ވެއު ބައްދާލާފައިވާތަން 50 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައި ހުރި އާސާރީ މިސްކިތުގެ އިތުރުން މިސްކިތުގެ ގޯތީގެ ތެރޭގައި ހުރި ބޮޑު ފެންވަޅަކީ އިހުޒަމާނުގެ ވަޅެކެވެ. ނިލަންދޫ ރައްޔިތުން ކުރީ ޒަމާނުގައި ފެން ބުއިމަށް ބޭނުންކުރަމުން ގެންދިޔަ ވަޅެވެ. މިވަޅު ހުންނަނީ ހިރިގަލުން ހަދާފައެވެ. މިވަޅުގެ އިތުރުން ފެންވެރުމަށް ބޭނުންކުރާ ވެވަކާއި އިހުޒަމާނުގެ ދޮރާއްޓެއް މިސަރަހައްދުގައި މިހާރުވެސް އެބަހުއްޓެވެ.

މިއަތޮޅު ހިމިއްޗަކީ 14 މެއި 1970 އާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. ހިމިތި ފަޅުވެފައިވަނީ އެރަށުގައި ދިރިއުޅެމުން ގެންދިޔަ 23 މީހުން އެރަށް ފަޅުކޮށް އެތާރީޚްގައި އެރަށުން ފެއިބުމުންނެވެ. މި 23 މީހުން ހިޖުރަކުރީ މިއަތޮޅު ނިލަންދުއަށެވެ. މި 23 މީހުންނަކީ އެއް ޢާއިލާގެ މީހުންނެވެ. ހިމިތީގެ މީހުން އެހެން ރަށްރަށަށް ހިޖުރަ ކުރަންފެށީ ހުކުރު ހަމަވާ 40 މީހުން ނެތުމާއެކު 1968 ވަނައަހަރާއި 1970 ވަނައަހަރާއި ދެމެދުގައި ކަމާއި 1968 ވަނަ އަހަރު ހިމިތީގެ މުޅި އާބާދީއަކީ 68 މީހުން ކަމުގައި ހިމިތިން ނިލަންދުއަށް ހިޖުރަ ކޮށްފައިވާ ނިލަންދޫ އެއްގަލި ޢަބްދުއްރައްޒާޤް މުޙައްމަދު ވިދާޅުވެއެވެ. ހިމިތީގެ ގިނަމީހުން ހިޖުރަ ކޮށްފައިވަނީ މާލެއަތޮޅު މާފުއްޓަށާއި މިއަތޮޅު ނިލަންދޫ އަށެވެ. މިދެރަށުގެ އިތުރުން މިއަތޮޅު ފީއައްޔަށާއި އެނޫން ބައެއް ރަށްރަށަށްވެސް މީހުން ހިޖުރަ ކޮށްފައި ވެއެވެ.

ހިމިއްޗަކީ ވަރަށްބޮޑު ރަށްވެހިކަމެއްއޮތް ނިސްބަތުން މުސްސަނދި ބަޔަކު ދިރިއުޅުނު ތަނަވަސް ފާގަތި ރަށެކެވެ. ޢިލްމީ ބަޔަކު ދިރިއުޅުނު ރަށެކެވެ. ހިމިއްޗަކީ ހިސާބު ޢިލްމާއި ނަކަތްތެރިކަމާއި ނުޖޫމީ ޢިލްމުގައި ރާއްޖޭގައި އެންމެ ކުރިއަރައިގެން ދިޔަ ރަށެވެ. ހިމިތީގެ ރަންޒަމާނުގައި ބަންގާޅަށާއި އުތުރު ކަރައަށާއި އޮޅުދޫ ކަރައަށް ދަތުރުކުރާ ފުރެއްދެ އޮޑީގެ 07 އޮޑި ހިމިތީގައި ދުއްވި ކަމަށްވެއެވެ.

ހިމިތީ މީހުންނަކީ މުރާލި ހީވާގި ޢިލްމީ ބައެކެވެ. ހިމިތީ މީހުން މަޝަހޫރުވެފައިވަނީ ބޮޑު އަކުރު ލިޔުމަށާއި ނަކަތްތެރިކަމަށާއި ހިސާބު ޢިލްމަށެވެ. އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުން ކުރެވޭ ގޮތަށް ރާހި ތަކާއި ނަކަތުންވާ ދުވަސް އެނގޭނެ ތާވަލް، ރޫމީމައިލު ވެސް ތައްޔާރުކުރަމުން ދިޔައީ ހިމިތީގައެވެ. މިހާރު ވެސް ރާއްޖޭގެ މަޝްހޫރު މާލިމީންނާއި ހިސާބު ޢިލްމުގެ މޮޅު އެތައް ބޭފުޅުންނެއް ހިމިތީ ދަރިކޮޅުތަކަށް ނިސްބަތްވެއެވެ. ހިމިތީގައި 1800 ގެ އަހަރުތަކުގައި ނިޔަމިކަން ކިޔަވައިދޭ މަދަރުސާއެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

ހިސާބު ޢިލްމާއި ނިޔަމިކަމަށް ދިވެހިރާއްޖޭގައި މަޝްހޫރު ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ މިއަތޮޅު ހިމިއްޗަށް އުފަން ހިމިތީ ބޭފުޅެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގައި މުޅި ދިވެހި ރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް "ނޫރީން" ފޮތުން ތުއްތު ސާހިބު ކުށެއް ހޯއްދެވިއެވެ. އަދި ތުއްތުއަކީ އޮޑިޓް ކުރުމާއި ބިން ސާވޭ ކުރުމުގައިވެސް އަރާ ހުންނެވި ފަންނުވެރިއެކެވެ. މޮޅު ލިއުންތެރިއެކެވެ. އަހަރުގެ ކޮންމެ ދުވަހެއްގައިވިއަސް ހިޔަނި ހުންނަ މިޞްރާބަށް ބަލައިގެން ޤިބުލަ ހޯދުމަކީ ތުއްތު ސާހިބުގެ ޚާއްޞަ ފަންނެކެވެ. ތުއްތު ސާހިބުގެ އަޚް ހިމިތީ މުޙައްމަދު ކަލޭފާނަކީވެސް ހަމަ އެފަދަ މޮޅު ޢިލްމީ ބޭފުޅެކެވެ. މުޙައްމަދު ކަލޭގެފާނު މަޝްހޫރު ވެފައިވަނީ މޮޅު އަތުލިއުންތެރިއެއްގެ ގޮތުގައެވެ.

14 މެއި 1970 ގައި ހިމިތި ފަޅުރަށެއްގެ ގޮތުގައި ވެގެން ދިއުމުގެ މާކުރިންވެސް ހިމިތިކައިރިން ފިނޮޅެއް އުފެދި އެފިނޮޅު ހިމިއްޗާގުޅި ހިމިތި ފަޅުވާނެކަން އެވޭލާޒަމާނުގެ މީހުން ކިޔާއުޅުނު ކަމަށް އެރަށުގެ މީހުން ބުނެއުޅެއެވެ. ހިމިތީގެ އެއް ޖީލުން އަނެއް ޖީލަށް މިވާހަކަ ނަގުލު ވަމުންގޮސްފައި ވެއެވެ. އެވާހަކައިގައި ބުނެވެނީ ހިމިތި ކައިރިން ފިނޮޅެއް އުފެދި ހިމިތި ފަޅުވާނެ ކަމަށެވެ. ހިމިތި ފަޅުވުމާއި ހަމައަށް އޭގެކުރިން ހިމިތީގައި އުޅެމުންއައި މީހުން މިފިނޮޅު އުފެދޭތޯ ބަލަމުން ގޮސްފައިވާ ކަމަށް ބުނެއެވެ.

ހިމިތިން މީހުން ފައިބައި އެރަށް ފަޅުވިއިރު އެބުނާގޮތަށް ހިމިތީގެ އުތުރު ފަރާތުން ފިނޮޅެއް އުފެދި ހިމިއްޗާއި ގުޅިފައި ވެއެވެ. ވުމާއެކު ހިމިތި ފަޅުވުމުގެ ޙާދިސާ ހިމިތި ކައިރިން އުފެދުނު ފިނޮޅާ ގުޅުވާފައިވާކަން އެނގެއެވެ. މިފިނޮޅު އުފެދުމުން ދިއުމާއެކު ހިމިތީގެ ހުޅަނގު ފަރާތުން ގިރަމުން އިރުމައްޗާއި ދެކުނަށް ވޮޑެމުންގޮސް އިހުގެ ހިމިތީގެ ބޮޑުބައެއް ވަނީ މިހާރު ގިރައިގެންގޮސް ފަޅުމަތީގައެވެ. ހިމިތީގެ މިހާރުގެ ބިމުގެ ތިންބައިކުޅަ އެއްބަޔަކީ ހިމިތި ކައިރިން އުފެދި ބޮޑުވެ ހިމިއްޗާ ގުޅިފައިވާ ފިނޮޅުގެ ބިމެވެ.

ހިމިތީ ކަނޑަކީ މަސްވެރިކަމަށް ތިޔާގި ސަރަހައްދަކަށް ވެފައި ހިމިތީ ފަޅަކީ އަމާން އަދި ތަނަވަސް ފަޅަކަށްވުމުން އިރުވައި މޫސުމުގައި އެކި ރަށްރަށުގެ މީހުން މަސްވެރިކަން ކުރުމަށް ހިމިއްޗަށް ގޮސްއުޅުނު ކަމަށްވެއެވެ. މިގޮތުން މަސްވެރިކަން ކުރުމަށް ކޮންމެ އިރުވައި މޫސުމެއްގައި 70 އާއި 80 އާއި ދެމެދުގެ ޢަދަދަކަށް ދޯނިފަހަރު ހިމިއްޗަށް ގޮސްއުޅުނު ކަމަށާއި އޭގެ ތެރޭގައި މާފުށި، ގުރައިދޫ، ތިމަރަފުށި، ގެމެންދޫ، މީދޫ، މާއެނބޫދޫ އަދި މުލަކަތޮޅުގެ އެކިރަށްރަށުގެ ދޯނިފަހަރު ހިމެނެއެވެ.

ހިމިއްޗަކީ ލަފާފުރަން ފަސޭހަ ރަށަކަށް ވާއިރު އެށަށް ފަޅުވިއިރު ރަނގަޅު ފެންވަރުގެ ގެދޮރުވެސް އެރަށުގައި ބިނާކޮށްފައި ހުރިކަމަށްވެއެވެ. ހިމިތި ފަޅުވިއިރު ހިމިތީގެ ގިނަގެތަށް ރާނައި ފުރާޅު ހިޔާކޮށްފައި ހުރިއިރު 2 ގެއެއް އީޓުން ހިޔާކޮށްފައި ހުއްޓެވެ. މިކަމުގެ ހެކިތައް މިހާރުވެސް އެ ރަށުގައި ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން ހިމިތީގައި ދެ ޒިޔާރަތެއް ހުރިއިރު އެއިގެ ތެރެއިން އެއް ޒިޔާރަތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ހިމިތީ ޝައިޚް ޢަލިބެ (ބޯހުނި ޢަލިބެ) ގެ ޒިޔާރަތެވެ. ޝައިޚް ޢަލިބެގެ ޒިޔާރަތް ހުރުމުގެ ސަބަބުން ހިމިތި ވެފައިވަނީ ދިވެހިން އިޙްތިރާމްކުރާ މުޤައްދަސް ރަށަކަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ މީހުން ނަދުރު ފުއްދުމަށް މިޒިޔާރަތަށް އާދެއެވެ.

ޝައިޚު އަލިބެ އަކީ އެއް ޒަމާނެއްގައި ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭކަލެކެވެ. ނަދުރު ބުނެގެން ކަންކަން ފުއްދޭ ކަމަށް ދިވެހިން ގަބޫލުކުރި ދުވަސްވަރު، ޝައިޚު އަލިބެގެ ޒިޔާރަތަށް ނަދުރު ބުނެގެން ނަދުރު ފުއްދުމަށް އެ ޒިޔާރަތުގެ ކައިރިއަށްގޮސް ބޯހުންޏާއި ކިރަން ބޭނުންކުރާ އެއްޗެއް ފުނަ ލަކުޑިން ހަދާފައި ހުރެއެވެ. ހިމިތީ ޒިޔާރަތް ދޮށުގައި މީހުން ކިރުމަށް ބޭނުންކުރީ ވަރަށް މޮޅަށް ތައްޔާރު ކޮށްފައި ހުންނަ ބޯހުންޏެއް ކަމަށް ބުނެއެވެ. ހިމިތީމީހުން ތައްޔާރުކުރާ ބޯހުނި ދެމަސްދުވަހަށް ނުބައިނުވެ ހުންނަކަމަށް ވެއެވެ. އެހެންކަމުން ހިމިތި ވެފައިވަނީ ދިވެހިން އިޙްތިރާމްކުރާ މުޤައްދަސް ރަށެއްގެ ގޮތުގައެވެ. އަދި ހިމިއްޗަކީ އެރަށް ފަޅުވުމުގެ ކުރިން އެރަށަށް ގިނަ އަދަދަކަށް މީހުން ގޮސްއުޅުނު އަދި ރާއްޖޭގެ ނިސްބަތުން ފުރިހަމަ ރަށްވެހިކަމެއް އޮތް ރަށެއްކަން ހާމަވެއެވެ.

މީލާދީން 18 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން 20 ވަނަ ޤަރުނާ ހަމައަށް ނެވިކަމާއި ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމުގައި ވަރަށް މަޝްހޫރު ދަރިކޮޅެއް މާލޭގައި އޮތެވެ. އެމީހުންގެ ކާބަފައިންނަކީ ހިމިތީގެ ބައެކެވެ. ހިމިތީ ދަރިކޮޅުގެ މީހުން 19 ވަނަ ޤަރުނުގެ ތެރޭގައި މާލޭގައި ވަރަށް ކާމިޔާބު ކަމާއެކު ނިޔަމިކަމުގެ ސްކޫލެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

ދިވެހި ތާރީޚްގައި ލިޔެފައިވާ ގޮތުން ޙަސަން ތާޖުއްދީނުގެ އަރިހުން ތަޢުލީމު އުނގެނި މޮޅުވި ދަރިވަރުންގެ ތެރޭގައި ހިމިތީ ނައިބު ތަކުރުފާނޭ ކިއުނު ބޭކަލަކު ވެއެވެ. ޤަދީމީ ޒަމާނުއްސުރެ ހިމިތީގައި އޮތް ނަކަތްތެރި ކަމާއި ނިޔަމި ކަމުގެ ޢިލްމުގެ އިތުރުން ފިޤުހު ޢިލްމާއި ދީނުގެ އެކިއެކި ޢިލްމު ހިމިއްޗަށް ތަޢާރަފުވެ ފުޅާވެގެން ދިޔައީ މި ނައިބު ތަކުރުފާނުގެ ފަރާތުންނެވެ.

ކުރީ ޒަމާނުގައި މިއަތޮޅުގައި ވާރުކުރި 4 ރަށުގެ ތެރެއިން ދެވަނައަށް ވާރުކުރީ ހިމިތީގައި ކަމަށް ބުނެއެވެ. ވާރު ކުރެއްވި ބޭކަލަކީ ހިމިތީ ވާރުގޭ ޙަސަން ކަލޭގެފާނު ކިޔާ ބޭކަލެކެވެ. މި ޙަސަންކަލޭގެފާނު ވާރުކުރެއްވި ވާރުގެ ހިމިތިން މީހުން ފޭބުމާއި ހަމައަށް ވީރާނާވުމެއްނެތި ފެންނަންހުރި ކަމުގައި ހިމިތީގެ ދުވަސްވީ މީހުން ބުނެއެވެ. މިގެއަކީ ހައިވަކަރުން މެއްލަތައްޖަހައި ބިތުގައި ހައިވަކަރު ފިލައިޖަހާފައިވާ ވަރަށްބޮޑު އަދި ރީތިގެއެއްކަމަށް ވެއެވެ. އަދި އިބްރާހީމް ޙިލްމީ ދީދީ ހިމިއްޗަށް އަރުވާލައްވާފައި ހުންނެވީ މިގޭގައި ކަމަށްވެސް ބުނެއެވެ.

މިއަތޮޅު ދަރަނބޫދޫ މީހުން 1969 ވަނަ އަހަރު މިއަތޮޅު މަގޫދޫއަށް ބަދަލު ކުރާގޮތަށް ގޮތަށް ސަރުކާރުން ނިންމެވުމުން ދަރަނބޫދޫގައި އެއިރުތިބި 123 މީހުންގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލު ވިއެވެ. މަގޫދޫއަށް ބަދަލުވި ދަރަނބޫދޫގެ މީހުން އެނބުރި އެރަށަށް ދިއުމަށް ސަރުކާރުން ހުއްދައެއްވުމުން މަގޫދޫގައި ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ ގިނަ މީހުން 1977 ވަނަ އަހަރު އެނބުރި ދަރަނބޫދޫއަށް ދިރިއުޅުން ބަދަލުކުރި އެވެ. މިރަށަކީ ފަސްގަނޑު އުސް އިހުޒަމާނުގައި ހުޅަނގު މޫސުމުގައި ފަޅުގަދަ ރަށެކެވެ. އިހު ޒަމާނުގައި ވަރަށް ގިނައިން ވެލާއެރި ރަށެކެވެ.

މިއަތޮޅުގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުންނާއި ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މިއަތޮޅުގައި އަތޮޅުވެރިކަން ކުރައްވާފައިވަނީ 35 ބޭފުޅުންނެވެ. މިއަތޮޅުގެ އަތޮޅުވެރިކަން އެންމެ ފުރަތަމަ ކުރައްވާފައިވާކަން އެނގިފައިވަނީ 1904 ވަނަ އަހަރު މާފަތްގޭ ޙަސަންމަނިކެވެ. މިއަތޮޅުގެ އަތޮޅުވެރިކަން އެންމެފަހުން ކުރައްވާފައިވަނީ 2008 ވަނައަހަރުގައި ޙުސައިން ޢަބްދުލް ވާޙިދެވެ. މިއަތޮޅަށް އުފަން މިއަތޮޅުގެ 04 ބޭފުޅުންވެސް މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. މިއީ އަތޮޅަށް ލިބިފައިވާ ވަރަށްބޮޑު ޝަރަފެކެވެ.

އަތޮޅުވެރިކަން ކުރައްވާފައިވާ މިއަތޮޅުގެ ބޭފުޅުންނަކީ ފީއަލި އަލްފާޟިލް ޒަކަރިއްޔާ ޙަމީދާއި، ފީއަލީ އޯކިޑްވިލާ އަލްފާޟިލް އިބްރާހީމް މޫސާއާއި، ބިލެއްދޫ ބަގީޗާގޭ އަލްފާޟިލް މޫސާ ޢަބްދުއްރަޙްމާނާއި އަދި ނިލަންދޫ ފިނިފެންމާގޭ އަލްފާޟިލް ޙަސަން ޙަމީދެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި ކުރަމުން ގެންދިޔަ އަތޮޅުވެރިކަމަށް މީހުން ޢައްޔަންކުރުން 2009 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

މިއަތޮޅު މަގޫދޫގައިހުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް މިއަތޮޅު ނިލަންދުއަށް ބަދަލު ކުރެއްވީ 18 ޖެނުއަރީ 1999 ގައެވެ. އަތޮޅުއޮފީހުގެ ދިދަ ރަސްމީކޮށްނެގީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި 24 ޖަނަވަރީ 1999 ދުވަހުއެވެ. ދިދަ ނަންގަވައި ދެއްވީ ނިލަންދޫގެ އޭރުގެ ކުޑަކަތީބު އަލްފާޟިލް އިބްރާހީމް ޚަލީލެވެ. މިރަސްމިއްޔާތުގައި އޭރުގެ މިނިސްޓްރަ އޮފް އެޓްލޮސް ޑިވެލޮޕްމަންޓް އޮންރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދާއި އޭރުގެ އަތޮޅުވެރިޔާ އަލްފާޟިލް ޒަކަރިއްޔާ ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިލަންދޫއަށް އަތޮޅުއޮފީސް ބަދަލުކުރެއްވުމުން ފުރަތަމަ އަތޮޅު އޮފީހުގެ ގޮތުގައި ބޭނުންކުރަމުން ދިޔައީ ނިލަންދޫ އޮފީހެވެ. އަތޮޅު ގެއެއްގެ ގޮތުގައި ބޭނުންކުރީ ނިލަންދޫ ރައްޔިތުންގެ ރަށްވެހިގެއެވެ. 03 ނޮވެމްބަރ 2002 ން ފެށިގެން އަތޮޅު ގެއެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި އަތޮޅުގޭ ޢިމާރާތުގައެވެ. އަދި ސަރުކާރުން އަލަށް ޢިމާރާތްކޮށްދެއްވި އޮފީސް ޢިމާރާތަށް އަތޮޅުއޮފީހުގެ މަސައްކަތް ބަދަލުކުރީ 29ޑިސެންބަރު 2009 ގައެވެ. މި ޢިމާރާތް ރަސްމީކޮށް ހުޅުވީ 31 ޑިސެންބަރު 2009 ގައެވެ.

ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވިތާ އެތައް އަހަރެއްގެފަހުން 25 އެޕްރީލް 1981 ގައި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި ތުއްތުގެ ހަނދާން ދިރުވައި އާލާ ކުރުމުގެ ގޮތުން "ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ" ގެ ނަމުގައި މިއަތޮޅުގައި ލައިބްރަރީއެއް ބިނާކޮށް ދެއްވާގޮތަށް ހަމަޖައްސަވައި މި ލައިބްރަރީ މިއަތޮޅު މަގޫދޫގައި ބިނާކޮށްދެއްވާފައި ވެއެވެ. ލައިބްރަރީ ހުޅުވީ 29 ޑިސެންބަރ 1984 ގައެވެ. މި ލައިބްރަރީގައި ސްކޫލްގެ ދަރިވަރުންނަށާއި، ޢާންމުންނަށް ބޭނުންވާ އެކިއެކި މަޢުލޫމާތުތައް އެކުލެވިގެންވާ ގިނަ ފޮތްތަކެއް ހުރެއެވެ. މި ލައިބްރަރީގެ ހުރިހާ ޚަރަދެއް ބަލަހައްޓަވަމުން ގެންދަވަނީ ސަރުކާރުންނެވެ. މި ލައިބްރަރީގައި އިދާރީ މުވައްޒަފަކާއި މަސައްކަތު މީހަކު ހުރެއެވެ.

މަގޫދޫގައި ހުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް 18 ޖަނަވަރީ 1999 ގައި ނިލަންދުއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ލައިބްރަރީ ނިލަންދުއަށް ބަދަލު ކުރެއްވީ 07 ޖޫން 2000 ގައެވެ. ލައިބްރަރީ ނިލަންދުއަށް ބަދަލު ކުރެއްވުމުން ލައިބްރަރީގެ އާ ޢިމަރާތަށް ލައިބްރަރީ ބަދަލު ކުރަންދެން ލައިބްރަރީ ހިންގަމުން ގެންދިޔައީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ނިލަންދުގައި އަލަށް ޢިމާރާތްކުރި ޢަބްދުﷲ އިސްމާޢީލް ލައިބްރަރީގެ ބިންގާ އަޅުއްވައި ދެއްވީ 11 އޯގަސްޓް 2002 ގައި އޭރުގެ މިނިސްޓްރ އޮފް އެޑިއުކޭޝަން ޑރ މުޙައްމަދު ލަޠީފެވެ. ލައިބްރަރީގެ މަސައްކަތްނިމި ލައިބްރަރީގެ އައު ޢިމާރާތަށް ލައިބްރަރީ ބަދަލުކޮށް އެ ޢިމާރާތުގައި ލައިބްރަރީ ހިންގަންފެށީ 01 ޖޫން 2003 ގައެވެ.

ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތުގެ ހަނދާން ދިރުވާ އާލާކުރުމުގެ ގޮތުން "ޢަބްދުﷲ އިސްމާޢީލް އެވޯޑް" ގެ ނަމުގައި އެވޯޑެއް ތަޢާރަފް ކުރައްވައި، މި އެވޯޑަށްހޮވޭ މިއަތޮޅުގެ ކުއްޖެއް މާލެގެންދަވައި ސަރުކާރުގެ ސްކޫލަކުން ތަޢުލީމު ޙާޞިލް ކޮށްދޭގޮތަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް 25 އެޕްރީލް 1981 ގައި މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި ހަމަޖެއްސެވިއެވެ. ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވި މި އެވޯޑްގެ ދަށުން 1983 ވަނަ އަހަރުން ފެށިގެން މުޅިއަތޮޅަށް އެވޯޑް އިމްތިޙާނެއް ބާއްވައި އިމްތިޙާނުން އެއްވަނަ ހޯދާ ކުއްޖަކަށް ގްރޭޑް 12 ނިމެންދެން ސަރުކާރު ޚަރަދުގައި ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. ކުދިންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތީގެ އިތުރުން ޔުނީފޯމާއި ހުރުމުގެ ޚަރަދުވެސް ސަރުކާރުން ދެއްވިއެވެ. 1983 ވަނަ އަހަރުން ފެށިގެން 1995 ނިޔަލަށް ކިޔަވައިދެމުން ގެންގޮސްފައިވަނީ އަހަރަކު އެއްކުއްޖަކަށެވެ. 1996 ވަނަ އަހަރުން ފެށިގެން 1987 ވަނައަހަރުގެ ނިޔަލަށް އަހަރަކު 02 ކުދިންނަށް ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. 2008 ވަނަ އަހަރުން ފެށިގެން މިއެވޯޑުވަނީ ހުއްޓާލާފައެވެ.

މިއަތޮޅުގެ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުންދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ރައްޔިތުންގެ ނަމުގައެވެ. ނަމަވެސް މިހާރު ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ސަރުކާރުގެ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަނުންނެވެ. އެންމެ ފުރަތަމަ އޭރުގެ ޔުޓިލިޓީ ކުންފުންޏަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ދަރަނބޫދޫއެވެ. އެންމެފަހުން މިހާރުގެ ފެނަކަ ކޯޕަރޭޝަނަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ނިލަންދޫއެވެ. ސަރުކާރުގެ ކުންފުންނާއި ކަރަންޓް ޙަވާލުކުރީ ލިބޭއެއްޗަކަށްވުރެ ކުރަންޖެހޭ ޚަރަދުތައް ބޮޑުވަމުން ދިއުމާއި، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓްގެ ޚިދުމަތް ތަރައްޤީ ކުރުމަށް ދަތިވެގެންނެވެ.

ފީއަލީގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 02 އޮކްޓޯބަރ 2014 ގައެވެ. ބިލެއްދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ 02 މާރިޗު 2014 ގައެވެ. މަގޫދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 01 އޯގަސްޓް 2013 ގައެވެ. ދަރަނބޫދޫގެ ކަރަންޓް އޭރުގެ ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރީ 2011 ގައެވެ. ނިލަންދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 22 މޭ 2019 ގައެވެ.

މިއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިއަތޮޅު އަތޮޅު މަދަރުސާ ހުންނަނީ މިއަތޮޅު ފީއަލީގައެވެ. އަތޮޅު މަދަރުސާ ކުރިންހުރީ މިއަތޮޅު މަގޫދޫގައެވެ. ފީއަލީގައި ޢިމާރާތްކުރި އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ މަދަރުސާ އެކެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. ފީއަލީގައި ޢިމާރާތްކުރި އަތޮޅު މަދަރުސާ 4 މާރޗް 1982 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް މުޙަންމަދު ޒާހިރު ޙުސެއިންއެވެ

މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޘާނަވީ ފެންވަރަށް މިހާރު ކިޔަވައިދެމުން ގެންދެއެވެ. ނިލަންދުއާއި ބިލެއްދޫގައި ޘާނަވީގެ އިތުރުން މަތީ ޘާނަވީއަށްވެސް ކިޔަވައި ދެމުން ގެންދެއެވެ. މިއަތޮޅުގައި ކިޔަވައިދޭ ތަންތަނުގެ ތެރެއިން އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލްހެދީ 1998 ވަނައަހަރު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެއަހަރު އެމަރުކަޒުގެ 07 ކުދިން ޖީ.ސީ.އީ އޯލެވެލްގައި ބައިވެރި ވެފައި ވެއެވެ. މިއަތޮޅުގެ ހުރިހާ ސްކޫލްތަކަކީ މިހާރު ސަރުކާރުން ހިންގާ ސަރުކާރުގެ ސްކޫލްތަކެވެ. ސްކޫލްތައް ހިންގުމަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރަނީވެސް ސަރުކާރުންނެވެ.

ޔުނިސެފުގެ އެހީގައި މިއަތޮޅުގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މިރިސޯސް ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތް 31 އޮކްޓޯބަރ 2006 ން ފެށިގެން ބޭނުން ކުރަމުން ގެންދިޔަ ނަމަވެސް ރަސްމީ ގޮތުން ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ. މިކޮމްޕިއުޓަރ ލެބުގައި އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރެއެވެ.

މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިހާރު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅުހޮސްޕިޓަލް ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. ނިލަންދޫގައިހުރި ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރީ 16 ޑިސެންބަރ 2006 ގައެވެ. މިއީ ދިވެހި ރާއްޖޭގެ އަތޮޅު ތަކުގައި އެންމެފަހުން ޤާއިމްކުރި އަތޮޅު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން 24 ގަޑިއިރު ޚިދުމަތްދް ދެމުން ގެންދެއެވެ. މި ހޮސްޕިޓަލްގައި ލެބޯޓްރީގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚިދުމަތް ލިބެން ހުރެއެވެ. މީގެ އިތުރުން ކުދިކުދި އޮޕަރޭޝަންތައްވެސް ކުރެވެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ކްލިނިކެއް ޤާއިމްކޮށް ދަތުގެ ޚިދުމަތް ދޭންފެށީ 03 މޭ 2019 ގައެވެ.

މިއަތޮޅުގައި އެންމެ ފުރަތަމަ ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ރަށަކީ މިއަތޮޅު މަގޫދޫއެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. އޭގެ ކުރިންތިބެނީ ކޮމިޔުނިޓީ ހެލްތު ވޯކަރުންނެެވެ.

ނިލަންދު ފިޔަވައި އެހެން ރަށްރަށުގައި ހުންނަނީ ޞިއްޙީ މަރުކަޒެވެ. ކޮންމެ މަރުކަޒެއްގައިވެސް ޞިއްޙީ މަރުކަޒުގެ ލެވެލްގެ ނިސްބަތުން ޞިއްޙީ ޚިދުމަތްތައް ލިބެން ހުރެއެވެ. އަދި ކޮންމެ ރަށެއްގައިވެސް ޢާންމު ބަލިތަކުގެ ޑޮކްޓަރަކާއި މަރުކަޒުގެ ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޢާންމު ބަލިތަކަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރަކާއި، މާބަނޑުމީހުންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި ހޮސްޕިޓަލް ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅުހޮސްޕިޓަލްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަނީ މުޅިންވެސް ދިވެހި ކުދިންނެވެ. މިއަތޮޅުގެ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަކީ މިހާރު ސަރުކާރުން ހިންގާ ތަންތަނެވެ. އެތަންތަން ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް ކުރަނީވެސް ސަރުކާރުންނެވެ.

01 ސެޕްޓެމްބަރ 2004 ގައި ފުލުހުން އުފެއްދެވުމާ ގުޅިގެން 21 އޭޕްރީލް 2003 ގައި މިއަތޮޅު ނިލަންދޫގައި ޤާއިމު ކޮށްފައިވާ އެން.އެސް.އެސް ނިލަންދޫ މަރުކަޒުގެ ނަން އެތާރީޚުން ފެށިގެން މިއަތޮޅު ޕޮލިސްޓޭޝަނުގެ ނަމަށް ބަދަލު ކުރެއްވިއެވެ. ޕޮލިސްސްޓޭޝަންގެނަން މިހާރު ނިލަންދޫ ޕްލިސްސްޓޭޝަންގެ ނަމަށް ބަދަލު ކުރެއްވި ނަމަވެސް އަތޮޅުގެ އެންމެ އިސް ޕޮލިސްސްޓޭޝަނަކީ މި ޕޮލިސްސްޓޭޝަނެވެ. މިއަތޮޅު މަގޫދޫގައި އަދި ބިލެއްދޫގައިވެސް ޕޮލިސްސްޓޭޝަނެއް ހުރެއެވެ. މަގޫދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމްކުރީ 13 ފެބްރުވަރީ 2014 ގައެވެ. ބިލެއްދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމްކުރީ 25 އެޕްރީލް 2019 ގައެވެ. މީގެ އިތުރުން ފީއަލީގައި ޕޮލިސް ޕޯސްޓެއް ހުރެއެވެ.

ފެމެލީ ޗިލްޑްރަން ސަރވިސް ސެންޓަރ ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިތަނުން ޚިދުމަތްދޭން ފަށާފައިވަނީ 28 އޯގަސްޓް 2008 ގައެވެ.

މިއަތޮޅު މަގޫދޫގައި އިޓަލީ ވިލާތުގެ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ހުރެއެވެ. އިޓަލީވިލާތުގެ ބިކޯކާ ޔުނިވަސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން މަގޫދޫއަށްއައިސް މި އައުޓްޕޯސްޓްގައި ތަޢުލީމު ޙާޞިލް ކުރަމުން ގެންދެއެވެ. މިތަނުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ބިކޯކާ ޔުނިވަސިޓީންނެވެ. މިތަން ހުޅުވާފައިވަނީ 28 ޖަނަވަރީ 2011 ގައެވެ.

ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން އަތޮޅު ރައްޔިތުންގެ ނަމުގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. މި ވިޔަފާރި ފައްޓާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. ވިޔަފާރި ފެށިއިރު ވިޔަފާރީގެ ކެޕިޓަލަކީ ކިހާވަރެއްކަމެއް އެނގޭނޭ ލިއުމެއް މިހާރު ފެންނަން ނެތުމާއެކު ވިޔަފާރީގެ ފުރަތަމަ ކެޕިޓަލަކީ ކިހާވަރެއްކަން އެނގޭކަށް ނެތެވެ. މަގޫދޫގައި ވިޔަފާރި ކުރަމުން ގެންދިޔައީ އޭރުގެ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. ވިޔަފާރި ކުރަމުން ގެންދިޔައީ އަތޮޅުކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ އަލްފާޟިލް ލޯޖެހި ޢަލީ ވަހީދުގެ އަތޮޅުވެރިކަމުގައި 1990 ވަނަ އަހަރުއެވެ. އެއިރު ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ -/28،000 ރުފިޔާއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްފެށީ އަލްފާޟިލް ޒަކަރިއްޔާ ޙަމީދުގެ އަތޮޅުވެރިކަމުގައި 1994 ވަނައަހަރުއެވެ. ނިލަންދެއަތޮޅު އުތުރުބުރީގެ ވެރިކަން 18 ޖަނަވަރީ 1999 ގައި މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ނިލަންދޫއަށް ބަދަލު ކުރަންވެގެން 1999 ވަނައަހަރު ހިސާބު ކުރިއިރު އަތޮޅުސްޓޯރުގެ ކެޕިޓަލަކީ -/278،000 ރުފިޔާއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި މަގޫދޫން ނިލަންދުއަށް ބަދަލުކުރީ 05 މޭ 1999 ގައެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި 1990 ވަނައަހަރު އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން -/15,000 ރުފިޔާގެ ލޯނެއް ނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމަށްޓަކައި 2000 ވަނައަހަރު އަތޮޅުރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. އަދި 5 އަހަރުން އަގު އަދާކުރާގޮތަށް އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން -/500,000 ރުފިޔާގެ ލޯނެއްނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. 2015 ވަނަ އަހަރުވެސް އަތޮޅު ރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ސްޓޯރުގެ ކެޕިޓަލަށް އިތުރުކުރި ފައިސާގެ ޖުމްލައަކީ -/815،000 ރުފިޔާއެވެ.

ފ.އަތޮޅުސްޓޯރު ނިލަންދުއަށް ބަދަލު ކުރެއްވުމުން އެންމެ ފުރަތަމަ ވިޔަފާރި ކުރަންފެށީ ނިލަންދޫ ޑޭލައިޓް ކުލަބުގެ މަރުކަޒު ކުއްޔަށްހިފައި އެތަނުގައެވެ. ޑޭލައިޓް މަރުކަޒުގައި ވިޔަފާރި ފެށުމަށްޓަކައި ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ޚަރަދު ކޮށްގެން ޢިމާރާތަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެތަނުގައި އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަންފެށީ 01 ޖޫން 1999 ގައެވެ.

އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު ނިލަންދޫ ރަށްމެދުގައިހުރި ކުރީގެ ބޮޑުމަދަރުސާ ޢިމާރާތް މިހާރު ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފައި، ކުލިން ކެނޑޭގޮތަށް ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ވަރަށްބޮޑު ޚަރަދުކޮށްގެން އެ ޢިމާރާތުގެ އުތުރަށާއި ދެކުނަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެތަނުގައި ވިޔަފާރި ކުރަންފެށީ 2002 ވަނައަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް އަތޮޅު އިސްޓޯރު ހިންގީ އެ ޢިމާރާތުގައެވެ. ފިނިހިޔާ ޢިމާރާތް މިހާރު ފެންނަން އެހުރިގޮތަށް ޢިމާރާތުގެ އެތެރެއަށާއި ބޭރަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ އަތޮޅުސްޓޯރުންނެވެ.

ނިލަންދޫގައި ލިލީސްޓޯރުން ސިމެންތީގެ ވިޔަފާރި ކުރުމަށް ހަދާފައިވާ 106X28 ފޫޓުގެ ޢިމާރާތެއް ވިއްކާލުމަށް ބޭނުން ވުމުން އަތޮޅުސްޓޯރުގެ ބޭނުންތަކަށް އެ ޢިމާރާތް 2003 ވަނައަހަރު ގަނެފައިވެއެވެ. މި ޢިމާރާތްގަތީ -/150،000 ރުފިޔާއަށެވެ. ޚަރަދުކުރީ އަތޮޅުސްޓޯރުގެ ކެޕިޓަލުންނެވެ. އެހެންކަމުން އެ ޢިމާރާތަކީ މިހާރު އަތޮޅު ރައްޔިތުންގެ ޢިމާރާތެކެވެ. މި ޢިމާރާތް ސްޓޯރަށް ގަތުމަށްފަހު 2012 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރީ އަތޮޅުސްޓޯރުގެ މުދާ ރައްކާކުރާ ސްޓޯރުގެ ގުދަނަކަށެވެ. ނަމަވެސް އެތަނުގައި ވިޔަފާރި ހިންގުމުގެ ޚިޔާލު އުފެދި އެ ޢިމާރާތުގައި ވިޔަފާރި ހިންގުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ޢިމާރާތުގައި ވިޔަފާރި ކުރަންފެށީ 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުން ފެށިގެންނެވެ. މިތަނުގައި ވިޔަފާރި ފެށުމަށްވެސް ކުރަންޖެހުނު ހުރިހާ ޚަރަދުތަކެއްވެސްކުރީ ސްޓޯރުގެ ކެޕިޓަލްގެ ތެރެއިންނެވެ.

މަގޫދޫގައި އަތޮޅުސްޓޯރ ހިންގިއިރު ސްޓޯރުން މުސާރަދޭގޮތަށް މުވައްޒަފުން ގެންގުޅެފައެއް ނުވެއެވެ. އަތޮޅުސްޓޯރ ނިލަންދުއަށް ބަދަލު ކުރުމާއެކު ނިލަންދޫގައި އަތޮޅުސްޓޯރ ހިންގަންފެށީ 02 މުވައްޒަފުންނާއެކުއެވެ. ނިލަންދުއަކީ އާބާދީބޮޑު ރަށެއްކަމުގައިވާތީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިއަށް ހެޔޮބަދަލުތައް އަންނަން ފެށިއެވެ. ޢާންމު ރައްޔިތުންނަށް ބޭނުންވާ އެކިއެކި ބާވަތްތަކުގެ މުދާ އަތޮޅުސްޓޯރުން ލިބެންހުރުމުން ވިޔަފާރި ދިޔައީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. ވިޔަފާރި ފުޅާވަމުން ދިއުމާއެކު މުވައްޒަފުން އިތުރަށް ނުހޯދައި ވިޔަފާރި ކުރުމަށް ދަތިވާތީ، ސްޓޯރަށް މުވައްޒަފުން އިތުރު ކުރަމުން ގެންދިޔައީ ވިޔަފާރި ފުޅާވަމުންދާ ނިސްބަތުންނެވެ. މިހާރު އަތޮޅުސްޓޯރުގައި އިދާރީ 04 މުވައްޒަފުންނާއި މަސައްކަތު 02 މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. އަތޮޅުސްޓޯރަކީ މިހާރު ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ގެންދާ ވިޔަފާރިއެކެވެ.

މިއަތޮޅުގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ދޭންފެށީ 25 ޖަނަވަރީ 2015 ގައެވެ. ބެންކު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. އެހެންވެސް ބެންކު ތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް މި ބެންކުން ލިބެން ލިބެން ހުރެއެވެ. މި ބޭންކްގެ އޭޓީ އެމް އިން 24 ގަޑިއިރު ފައިސާ ނެގެން ހުރެއެވެ. ބެންކަށް ނުގޮސް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ޤާއިމް ކުރުމުގެ ގޮތުން ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރު އޭޓީއެމް މެޝިނެއް ބަހައްޓައި ޚިދުމަތްދޭންފެށީ 05 އެޕްރީލް 2020 ގައެވެ. މިޚިދުމަތްވެސް 24 ގަޑިއިރު ލިބެންހުރެއެވެ.

މިއަތޮޅު ނިލަންދޫގައި މީރާ ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭންފެށީ 04 އޮކްޓޯބަރ 2015 ގައެވެ. މި ކަލެކްޝަން ސެންޓަރ ހުންނަނީ ފ.އަތޮޅުކައުންސިލް އިދާރާ ހިންގާ ޢިމާރާތުގެ ބައެއްގައެވެ. މީރާ ކަލެކްޝަން ސެންޓަރ ރަސްމީކޮށް ހުޅުވީ 19 އޮކްޓޯބަރ 2017 ގައި ކޮމިޝަރ ޖެނެރަލް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި، ފ. އަތޮޅުކައުންސިލް ރައީސް ޢުމަރު ޒާހިރާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މީރާ ކަލެކްޝަން ސެންޓަރުގައި 3 މުވައްޒަފުން ތިބެއެވެ. ނިލަންދޫގައިހުރި މި ކަލެކްޝަން ސެންޓަރުން އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީއާއި، ކުންފުނިތަކުގެ އަހަރީ ފީއާއި، ޖީ.އެސް.ޓީ ފީއާއި، އަދި ކުލީ ބިންތަކުގެ ފީއާއި، މުދަލުގެ ޒަކާތުގެ ފައިސާއާއި މިނޫނަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނަމުން ގެންދެއެވެ.

އަތޮޅުގައި ތިބެގެން މަތީތަޢުލީމު ޙާޞިލްކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާއިމް ކޮށްފައިވާ ލާނިންގ ސެންޓަރެއް މިއަތޮޅު ނިލަންދޫގައި ހުރެއެވެ. މިސެންޓަރު ހުޅުވާފައިވަނީ 03 މާރިޗް 2016 ގައެވެ. މިސެންޓަރުން ހިންގާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް، ޑިގްރީ، ޑިޕްލޮމާ، އެޑްވާންސް ކޯސްތައް ހިމެނެއެވެ.

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިފްކޯގެ އައިސް ޕްލާންޓެއް މިއަތޮޅު ނިލަންދޫގައި ޤާއިމް ކޮށްފައި ހުރެއެވެ. މި ޕްލާންޓުން ޚިދުމަތް ދޭންފަށާފައިވަނީ 17 އެޕްރީލް 2015 ގައެވެ. މިއީ 25 ޓަނުގެ ޕްލާންޓެކެވެ. މިޕްލާންޓުން ރެއަކާދުވާލު 18 އަދި 20 ޓަނުގެ އައިސް އުފެއްދެއެވެ. މި އައިސް ޕްލާންޓްގައި 05 މުވައްޒަފުން މިހާރު މަސައްކަތް ކުރެއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އެއާރކޯންކުރި މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތެވެ. މި މަޝްރޫޢު ފައްޓަވައި ދެއްވީ 27 މާރިޗު 2019 ވަނަ ދުވަހު ދަރަނބޫދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު އޮންރަބުލް ޑރ އަޙުމަދު ޒާހިރުއެވެ. ދަރަނބޫދޫގެ މިމިސްކިތުގައި ހަރުކޮށްފައިވާ އެއާރކޯން ތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް މި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައި ވެއެވެ.



Back to top