އަތޮޅު ކައުންސިލުން ހިންގާ ޙަރަކާތްތައް


2021 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ނަފްސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ކޮވިޑް-19 ގެ ބަލިމަޑުކަން ތަޙައްމަލް ކުރަމުން ގެންދާ ފަރާތްތަކަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިއަތޮޅުގެ ރަށުކައުންސިލް އިދާރާތަކާއި ޞިއްޙީ ދާއިރާގެ މުވައްޒަފުން ހިމެނޭގޮތަށް ތަމްރީނު ޕްރޮގްރާމެއް 08 ޖޫން 2021 ވަނަ ދުވަހު ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ޕްރޮގްރާމް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ނަފްސާނީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވާފައިވާ މަރިޔަމް އިނާޝާއާއި، ޝާފިޔާ ޢަބްދުލް ޢަޒީޒެވެ. މި ތަމްރީނު ޕްރޮގްރާމްގައި މިއަތޮޅުގެ ކޮންމެ ރަށުކައުންސިލް އިދާރާއަކުން 02 ބޭފުޅުންނާއި އަތޮޅު ހޮސްޕިޓަލުންނާއި ކޮންމެ ޞިއްޙީ މަރުކަޒަކުން 02 ބޭފުޅުންނާއެކު ޖުމްލަ 20 ބޭފުޅުން ބައިވެރިވެފައި ވެއެވެ.


2020 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ފ.އަތޮޅުސްޓޭޓް ހައުސްގޯތީގައި ހަދާ ގެސްޓްހައުސްގެ މަސައްކަތް ކުރުން

ފ.އަތޮޅުސްޓޭޓު ހަައުސްގައި ޢިމާރާތް ކުރުމުގެ މަސައްކަތްފަށާފައިވާ ގެސްޓު ހައުސްގެ މަސައްކަތުގެ ފުރަތަމަ ބްލޮކުގެ ދެ ކޮޓަރި ރޭނުމާއި ސިމެންތި ޖެހުމާއި، ސީލިންގ ކުރުމާއި، ފާޚާނާގެ މަސައްކަތާއި، މުށިޖެހުމުގެ މަސައްކަތާއި ކަރަންޓްވައިރާއި، ފެންވައިރުގެ މަަސައްކަތާއި ކުލަޔާއި ދަވާދު ލުމުގެ މަސައްކަތް ކުރެވިފައިވެއެވެ. މިމަސައްކަތްތައް ކުރެވިފައިވަނީ 30 ޑިސެންބަރ 2019 އިން 09 ޖުލައި 2020 ގެ ނިޔަލަށެވެ.

މީގެ އިތުރުން މި ދެކޮޓަރީގައި ދޮރުފަތްތައް ޖަހައި ހަރުމުގެ މަސައްކަތްވެސް 02 އޯގަސްޓް 2020 އިން 10 އޯގަސްޓް 2020 އަށް ކުރެވިފައިވެއެވެ. މި މަސައްކަތްތަކުގެ އިތުރުން މިދެކޮޓަރީގެ ދިއްލުންތަކާބެހޭ ހުރިހާ އެއްޗެއް ހަރުކޮށް، އެއަރކޯންވެސް ބަހައްޓާވަނީ ނިމިފައެވެ.


ބިލެއްދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އެއްގަމު ލައިސަންސާބެހޭ ތަމްރީނު ދިނުން

މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާއިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމަށްޓަކައި އެއްގަމު ލައިސަންސާބެހޭ ތަމްރީނު ޕްރޮގުރާމެއް 23 ޖުލައި 2020 ގައި ހިންގިފައި ވެއެވެ. މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ދެމުން ގެންދާ އެއްގަމު ލައިސަންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މި ޚިދުމަތް ދިނުމަށް ބޭނުންވާ ރަށުކައުންސިލްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެގޮތުން އެއްގަމު ލައިސަންސް ދޫކުރުމުގެ ހުއްދަ ބިލެއްދޫ ކައުންސިލްގެ އިދާރާއަށް ދީފައިވަނީ 09 އޯގަސްޓް 2020 ގައެވެ. ބިލެއްދޫ ކައުންސިލްގެ އިދާރާއިން މިޚިދުމަތް ދޭންފެށީ 16 އޯގަސްޓް 2020 ގައެވެ. މިއީ އެއްގަމު ލައިސަންސް ދޫކުރުމުގެ ހުއްދަ ދެވުނު މިއަތޮޅުގެ ފުރަތަމަ ކައުންސިލެވެ.


މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުން

މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނު 6.00 ގައި ބޭއްވިފައި ވެއެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ އަލްފާޟިލާ ޖަމީލާ އަޙްމަދެވެ.

ދިދަނެގުމުގެ މިރަސްމިއްޔާތުގައި ޖަލްސާ ތަޢާރަފްކުރީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ދިދަ ނަންގަވައިދެއްވީ އަތޮޅުކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދެވެ. ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި މިއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


އަތޮޅު ފެންވަރުގައި ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ އަތޮޅު ފެންވަރުގައި ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުމުގެ ގޮތުން 30 އެޕްރީލް 2020 ގައި އަތޮޅު އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރެއް އުފައްދައި، އެ ސެންޓަރަށް ލަފާދޭ ކޮމެޓީއެއްއެއް އެތާރީޚުގައި އެކުލަވާލާފައި ވެއެވެ. އަތޮޅު ފެންވަރުގައި ކޮވިޑް-19 ގެ ޙަރަކާތްތައް ހިންގުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެކިދާއިރާތަކުން އެކުލަވާލި 10 ބޭފުޅުންގެ މައްޗަށެވެ. ކޮމެޓީގެ ޗެއަރއަކީ ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަލްފަޟިލް އިބްރާހީމް ޚަލީލެވެ.

ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުމަށް އުފެއްދެވި އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރގެ ބޭނުމަކީ ކޮވިޑް-19 އާއިގުޅޭ ގޮތުން ރަށުކައުންސިލް ތަކުގައި އުފައްދާފައިވާ ރަށު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ ތަކުގެ މަސައްކަތްތައް ހިންގަމުން ގެންދާގޮތް ވިލަރެސްކޮށް، އެކޮމެޓީތަކަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މާލޭގައި އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ކޮވިޑް-19 ގެ ރޯގާބަލިމަޑުކަން އަތޮޅުގެ ރަށްރަށަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމެވެ. އެގޮތުން ކޮވިޑް-19 އާއިގުޅޭ ވަރަށްގިނަ ޙަރަކާތްތްތަކެއް ހިންގިފައި ވެއެވެ.


2019 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 ނޮވެންބަރ 17 އިން 21 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރ ކުރެވޭ 04 ވަނަ ރަށެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އީ.އެޑްމިންއާބެހޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި މުވައްޒަފުންނާބެހޭ މަސައްކަތްތައް އީ.އެޑްމިންގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ގޮތުން އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 08 ނޮވެންބަރ 2019 ގައި އެއްދުވަހުގެ ތަމްރީން ޕްރޮގުރާމެއް ހިންގިފައިވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ އެން.ސީ.އައިޓީގެ ބޭފުޅުންނެވެ.

މިތަމްރީނު ޕްރޮގުރާމަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއާއި އެން.ސީއައިޓީއާއި ގުޅިގެން ހިންގި ތަމްރީނު ޕްރޮގުރާމެކެވެ. އެގޮތުން މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ދެބޭފުޅުންގެ ދެކޮޅު ދަތުރުގެ ޚަރަދާއި، ހުރުން ހަމަޖައްސާފައިވަނީ މިއިދާރާއިންނެވެ.

އީ.އެޑްމިންއަކީ މުވައްޒަފުންނާބެހޭ ރެކޯޑްތައް ސަރުކާރުގެ ވިއުގައިގެ ތެރެއިން ފަސޭހަ ކަމާއެކު ބެލެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މިތަމްރީނު ޕްރޮގުރާމްގައި އަތޮޅުކައުންސިލްގެ މުވައްޒަފުންގެ އިތުރުން ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި ފ.އަތޮޅު ތަޢުލީމީމަރުކަޒުގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


1441 ވަނައަހަރުގެ ޤައުމީދުވަސް ފާގަހަކުރުން

1441 ވަނައަހަރުގެ ޤައުމީދުވަސް މިއަތޮޅު ނިލަންދޫގައި ރަށުފެންވަރުގައި ފާހަގަކުރުމުގެގޮތުން ހިންގި ޙަރަކާތްތަކުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާާރާއިންވެސް ބައިވެރިވެ ޙަރަކާތްތަކެއް ހިންގާފައިވެއެވެ. ޤައުމީ ދުވަހުގެ ޙަރަކާތްތައް ނިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ނިލަންދޫގައިހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް ގުޅިގެން ނިލަންދޫ ހުޅަނގު ބަނަދަރުގައެވެ. ޤައުމީދުވަސް ފާހަގަ ކުރުމުގެގޮތުން އެންމެފުރަތަމަ ގެންދިޔަ ޙަރަކާތަކީ 29 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ހެދުނު 6.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމެވެ. ދިދަ ނަންގަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

1441 ވަނައަހަރުގެ ޤައުމީ ދުވަސް ފަހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތްތައް ގެންދިޔައީ އެދުވަހުގެ 4.30 ގައި ނިލަންދޫ ހުޅަނގު ބަދަރުގައެވެ. ހުޅަނގު ބަނދަރުގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގައި އަތޮޅުކައުންސިލުން ކުރިއަށް ގެންގޮސްފައިވަނީ ފަންގިވިނުމާއި، ރޯނުވެށުމާއި، ހުނިގޭނުމުގެ މުބާރާތަކާއި، ކުޑަދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޙަރަކާތްތަކެވެ. މި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް 2019 އޮކްޓޯބަރ 13 އިން 17 އަށް ބޭއްވިފައި ވެއެވެ. މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ބެޑްމިންގޓަން، ފުޓުސަލް އަދި އަންހެން މުވައްޒަފުންގެ ވޮލީއެވެ. މިއީ މުވައްޒަފުންގެ މެދުގައި ބޭއްވި ތިންވަނަ ކުޅިވަރު މުބާރާތެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބެޑްމިންގޓަނާއި، ކެރަމް މުބާރާތް ކުރިއަށް ގެންދިޔައީ ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައެވެ. ފުޓުސަލް މުބާރާތް ބޭއްވީ ނިލަންދޫ ފުޓުސަލް ދަނޑުގައެވެ. އަންހެނުންގެ ވޮލީ މުބަރާތް ބޭއްވީ ފ.އަތޮޅު ސްޓޭޓް ހައުސްގެ ގޯތީގައެވެ.


ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން މީހުން ހޭލުންތެރި ކުރުމުގެ ބޯޑުތަކެއް ރަށްރަށުގައި ބެހެއްޓުން

ރައްކާތެރިގޮތުގައި ކުނި ނައްތާލައި ކުނިބުނިން ތިމާވެށި ސާފުއަތޮޅަކަށް ހެދުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފާފު އެންމެސާފު ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށްރަށުގެ މީހުން ހޭލުންތެރި ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުންޏާބެހޭ ޝިޢާރު ބޯޑުތަކެއް ބެހެއްޓިފައިވެއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޯޑު ބަހައްޓާފައިވަނީ 06 އޯގަސްޓު 2019 ގައި މިއަތޮޅު ނިލަންދޫގައެވެ.

މިއަތޮޅުގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި މިބޯޑު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުން ރަށްރަށަށްގޮސް އެރަށެއްގެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކުގައެވެ. މިބޯޑުތައް ބެހެއްޓުމަށް އަތޮޅުގެ ރަށްރަށަށްކުރި ދަތުރުގައި ވެރިންގެ ގޮތުގައި ބައިވެރިވެފައިވަނީ އަތޮޅުކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަޙްމޫދު އަޙްމަދާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙްމާނެވެ. ދަތުރުކުރީ މިއިދާރާގެ މާވަށި ދޯނީގައެވެ.


މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސް ނަގައިގެން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމުގެ ތަމްރީނު ޕުރޮގުރާމެއް 2019 ޖޫން 16 އިން 17 އަށް ހިންގިފައިވެއެވެ. މިތަމްރީނު ޕުރޮގުރާމް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔަރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ރަށުކައުންސިލްގެ އިދާރާތަކުންވެސް 2019 ވަނައަހަރުން ފެށިގެން މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާއި އުޞޫލްތަކާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމަށް މަގުފަހި ކުރުމެވެ.

މިތަމްރީނު ޕުރޮގުރާމްގައި ރަށުކައުންސިލް އިދާރާތަކުން 07 މުވައްޒަފުން، އަތޮޅުކައުންސިލްގެ އިދާރާއިން 02 މުވައްޒަފުންނާއެކު ޖުމްލަ 09 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. މިތަމްރީނުގައި ކިޔަވައިދެވިފައިވަނީ 15 ގަޑިއިރުއެވެ. ކުރިއަށްއޮތްތަނުގައިވެސް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް 2019 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅުގެ ސްކޫލް / މަދަރުސާ / ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ފ.އަތޮޅުކައުންސިލުން ކުރިއަށްގެންދިޔަ "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" މިއަތޮޅު ދަރަނބޫދޫގައި 2019 އެޕްރީލް 18 އިން 20 އަށް ބޭއްވިފައި ވެއެވެ. މިމުބާރާތުގައި ޖުމްލަ 11 ޓީމަކުން 176 ބައިވެރިން ވާދަކޮށްފައި ވެއެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މިއަތޮޅުގެ 05 ސްކޫލުންނާއި، 06 ޖަމްޢިއްޔާއަކުންނެވެ. މިއީ އަތޮޅުކައުންސިލުން ޤުރުއާން މުބާރާތް ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެގިނަ ފަރާތްތަކުން ބައިވެރިވި ފަހަރުވެސް މެއެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. އަތޮޅުމަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާމަންޒިލް ޢާއިޝަތު ޔާނާ އަޙުމަދެވެ. ދެވަނަ ހޯދާފައިވަނީ ފ.ނިލަންދޫ ޑޭލައިޓު ކުލަބުން ބައިވެރިވި ފ.ނިލަންދޫ ދޮންފަތްބަގީޗާގޭ ޖިޢާން ޢަބުދުލް މަޖީދެވެ. ތިންވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލެވެ.

މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 01 ވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާއެވެ. ދެވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ހޯދާފައިވަނީ ނިލަންދޫ ޑޭލައިޓު ކުލަބެވެ. މިމުބާރާތް ފ.ދަރަނބޫދޫގައި ކުރިއަށް ގެންދިއުމުގައި އެރަށުގެ ކައުންސިލުންނާއި ސްކޫލުން އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައި ވެއެވެ.


މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 24 އިން 28 އަށް ކުރެވިފައި ވެއެވެ. މިކައުންސިލް އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގުރާމްގެ ތެރެއިން ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 11 އިން 13 އަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 11 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބުދުލް ޢަޒީޒެވެ.


ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާސްހިސާބާބެހޭ ތަމްރީނު ޕުރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމުރީނު ޕްރޮގުރާމް ތަކުގެ ތެރެއިން ތަފާސް ހިސާބު ނެގުމާއި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 05 އިން 06 އަށް މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 09 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މި ތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރ އަލްފާޟިލާ ޝަޒީލާ މޫސާއާއި، ރިސާރޗު އޮފިސަރ އަލްފާޟިލާ ޚަދީޖާ ޢަލީއެވެ.


ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ބިލެއްދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 04 އިން 07 އަށް ކުރެވިފައި ވެއެވެ. ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


މާލޭގެ މުވައްސަސާތަކާއި ބައްދަލުކުރުމަށް އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރުން

ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރައްރަށުގެ ރައްްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަތޮޅުގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީދާއިރާއިން ޚިދުމަތްދިނުމުގައި ހުރި ދަތިތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މާލޭގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރުމަށް 2019 ފެބްރުވަރީ 02 އިން 07 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މާލެއަށް ދަތުރެއް ކޮށްފައި ވެއެވެ.

މިދަތުރުގައި ބައެއް ވަޒީރުންނާއި، ބައެއް ސްޓޭޓު މިނިސްޓަރުންނާއި، މުވައްސަސާތަކުގެ ބައެއް ވެރިންނާއި ބައްދަލުކޮށް، ރަށްރަށުގެ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތަކާއި، ދިމާވެފައިހުރި ދަތިތަކާއި، އަތޮޅުގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތައް އޮޅުން ފިލުވައިދީ އެކަންކަމަށް ޙައްލެއް ހޯދައި ދިނުމަށް ކުރެވެންހުރި ކަންތައްތައް ކޮށްދިނުމާބެހޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ.

މިދަތުރުގައި 09 މިނިސްޓްރީއަކާއި، 03 މުވައްސަސާއެއްގެ ކަމާބެހޭ ބޭފުޅުންނާއި ބައްދަލުކޮށްފައި ވެއެވެ.


އަތޮޅުތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ދަތުރެއް ކުރުން

އަތޮޅުތެރޭގެ ޙާލަތު ބެލުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2019 ޖަނަވަރީ 20 އިން 24 އަށް އަތޮޅުގެ ރަށްރަަށަށް ދަތުރެއް ކޮށްފައި ވެއެވެ. މިދަތުރުގެ ބޭނުމަކީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކާއި ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި، އަދި ރަށުކައުންސިލް ތަކުންނާއި، ތަޢުލީމީ ދާއިރާއިންނާއި ޞިއްޙީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާއި ކަންބޮޑުވުން ތަކުގެ މަޢުލޫމާތުވެސް އޮޅުންފިލުވައި، އެކަންކަމަށް ޙައްލެއް ހޯދައި ދިނުމަށް އަތޮޅުކައުންސިލުން ކުރެވެންހުރި މަސައްކަތް ކުރުމެވެ.

އަތޮޅުގެ ރަށްރަށަށްކުރި މިދަތުތުރުގައި ރަށްރަށުގެ ކައުންސިލްތަކާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކުގެ މެންބަރުންނާ ބައްދަލުކޮށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައި ވެއެވެ.

މިދަތުރުގައި އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލުމާތު އޮޅުން ފިލުވައިދީ، ކައުންސިލް ތަކުންނާއި، ދާއިރާތަކުން އަދި ކުލަބު ޖަމްޢިއްޔާ ތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކުރައްވާ ކަންތައްތަކުގައި އަތޮޅު ކައުންސިލުން އެހީތެރިވެ ދިނުމަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް އޮޅުން ފިލުވާފައި ވެއެވެ.


2018 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ފ.އަތޮޅު ކައުންސިލް އިދާރާގެ ކުލަބުން އަދަބީ ފޯވަހީގެ ނަމުގައި އަދަބީ މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ ރެކުރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙު" ގެ ފަރާތުން އަދަބީ ކަންތައްތައް ދިރުވައި އާލާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫގެ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން "ފޭސާ އަދާބީ ފޯވަހި 2018" ގެ ނަމުގައި އަދަބީ މުބާރާތެއް 2018 ޑިސެންބަރ 09 ވަނަ ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފައި ވެއެވެ. މިއަދަބީ މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އަދަބީ ކުއިޒާއި، ބައިތުބާޒީއާއި މަދަޙަ ކިއުމެވެ.

ނިލަންދޫގެ 04 ޓީމަކުން ވާދަކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި އަދަބީ ކުއިޒުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމެވެ. ގުރޫޕް މަދަޙަ ކިއުމުންނާއި ބައިތުބާޒީން އެއްވަނަ ހޯދާފައިވަނީ ޖަވާހިރު ޓީމެވެ. ވަކި މަދަޙަ ކިއުމުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމުގެ ރަޝީދާ ޢުމަރެވެ. އަދަބީ ކުއިޒުން އެންމެ މޮޅު ބައިވެރިއަކީ ނިލަންދިއަންސް ޓީމުގެ ޒީނަތު އިސްމާޢީލެވެ. އެންމެ މޮޅު ބައިތު ކިއުން ތެރިއަކީ ޖަވާހިރު ޓީމުގެ ޙަލީމާ ޢަބުއްރަޙުމާނެވެ. މި މުބާރާތުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ދީފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ފީއަލި، ބިލެއްދޫ، ނިލަންދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މުޅި ރާއްޖެ ސާފުކުރުމާ ގުޅުވައިގެން "ފާފު އެންމެ ސާފު" ޕްރޮގުރާމްވެސް ކުރިއަށް ގެންދިއުމުގެ ގޮތުން މިއަތޮޅު ފީއަލި، ބިލެއްދޫ އަދި ނިލަންދޫގައި އަތޮޅުކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކު ރަށުގެ ރައްޔިތުންނާ ގުޅިގެން ރަށްރަށުގެ ގޮނޑު ދޮށުގައިހުރި ޕުލާސްޓިކުގެ ބާވްތައްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް 08 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ.

ރަށްރަށް ސާފުކުރުމަށް ރަށްރަށުގެ ރައްޔިތުންނާ އެކުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 10 ގޯނި ޕްލާސްޓިކު ފީއަލި ބިލެއްދޫން ނެގިފައި ވެއެވެ. އަދި ނިލަންދޫވެސް 173.2 ކިލޯ ޕްލާސްޓިކު ނެގިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.މަގޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު މަގޫދޫ ސާފުކުރުމަށް މަގޫދޫއަށްގޮސް މަގޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 05 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މަގޫދޫގެ ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ރަށުތެރޭގައިހުރި ޕްލާސްޓިކުގެ ބާވަތްތައްވެސް ނަގައި ސާފުކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 08 ގޯނި ޕްލާސްޓިކު މަގޫދޫން ނެގިފައި ވެއެވެ.

މަގޫދޫ ސާފުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އަދި މަގޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، މަގޫދޫގައިހުރި އެކިދާއިރާތަކުގެ މުވައްޒަފުންނާއި އެރަށުގެ ޢާންމު ބައެއް ފަރާތްތަކުންނާއި މަގޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 95 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.މަގޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ދަރަނބޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫ ސާފުކުރުމަށް ދަރަނބޫދޫއަށްގޮސް ދަރަނބޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 04 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 06 ގޯނި ޕްލާސްޓިކު ދަރަނބޫދޫ ގޮނޑުދޮށުން ނަގައި ސާފު ކުރެވިފައި ވެއެވެ.

ދަރަނބޫދޫ ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ދަރަނބޫދޫގައިހުރި އެކިދާއިރާ ތަކުގެ މުވައްޒަފުންނާއި، އެރަށުގެ ޢާންމު ބައެއް ފަރާތްތަކުން އަދި ދަރަނބޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 54 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް 2018 ސެޕްޓެންބަރ 04 އިން 06 އަށް ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައި ބޭއްވިފައި ވެއެވެ. މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ރާޒުވާ އަދި ބެޑްމިންގޓަން އެވެ. މިއީ ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ކުޅިވަރު މުބާރާތެވެ.

ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކެރަމް ސިންގަލް ޗެމްޕިއަނަކީ ބަދަހިޓީމުގެ މަޙުމޫދު އަޙުމަދެވެ. ކެރަމް ޑަބަލްސް ޗެމްޕިއަނުންނަކީ ބުންވަރު ޓީމުގެ ފާޠިމަތު އަޙުމަދާއި، ނުޒުލާ ޖަލީލު އެވެ. ބެޑްމިންގޓަން ޗެމްޕިއަނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙީދު ޢަބްދުލް ޢަޒީޒެވެ. ބެޑްމިންގޓަން ޑަބަލްސް ޗެމްޕިއަނުންނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒާއި، ޔޫސުފު ދާއޫދުއެވެ. ރާޒުވާ ޗެމްޕިއަނަކީ ބުންވަރު ޓީމުގެ އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅުންތެރިން ޕްރެކްޓިސް ކުރުމާއި، މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


ފ.ފީއަލީގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ދޫކުރުން

ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ރަށުގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދަށުން އަތޮޅުކައުންސިލްގެ ޓީމެއް މިއަތޮޅު ފީއައްޔަށްގޮސް ލައިސަންސް ދޫކުރުމުގެ މަސައްކަތް 2018 ޖޫން 10 އިން 12 އަށް އެރަށުގައި ކުރެވިފައި ވެއެވެ.

ފީއަލީގައި ލައިސަންސް ދިނުމަށް ކުރިއަށް ގެންދިޔަ މަސައްކަތުން ސައިކަލް ދުއްވުމުގެ ލައިސަންސް އަލަށް 22 ފަރާތަކަށް ދޫކުރެވި ފައިވެއެވެ. އަދި 39 މީހެއްގެ ލައިސަންސް ފޮތަށް ރަށުޕިކަޕު ދުއްވުމުގެ ހުއްދަ C4,C3 ކެޓަގަރީ އިތުރު ކޮށްދެވިފައި ވެއެވެ. ފީއަލީގައި ކުރިއަށް ގެންދިޔަ މިމަސައްކަތުގައި ފީއަލީ ކައުންސިލް އިދާރާގެ އެހީތެރިކަމާ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައި ވެއެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ފ.އަތޮޅު ޤުރުއާން މުބާރާތް 2018" ގެ ނަމުގައި ޤުރުއާން މުބާރާތެއް 2018 މޭ 04 އިން 05 އަށް މިއަތޮޅު މަގޫދޫގައިވަނީ ބޭއްވިފައެވެ. މިމުބާރާތުގައި މިއަތޮޅުގެ 03 ސްކޫލުންނާއި، 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރި ވެފައި ވެއެވެ. މިމުބާރާތުގައި ބަލައިގެން ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 64 ކުދިންނެވެ. ނުބަލައި ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 16 ކުދިންނެވެ. މިމުބާރާތަކީ ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލުން ބާއްވަމުން ގެންދާ މުބާރާތެކެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ދެކުނުގޭ ޝަހުލާ ޢަބުދުލް ފައްތާޙުއެވެ. މުބާރާތުގައި ބައިވެރިވި ސްކޫލްތަކާއި ޖަމްޢިއްޔާ ތަކުގެ ތެރެއިން އެއްވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރެވެ. އަތޮޅު ޤުރުއާން މުބާރާތް މަގޫދޫގައި ކުރިއަށް ގެންދިޔައިރު މަގޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، މަގޫދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރު ލުމެއް ލިބިފައި ވެއެވެ.


ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސް ރޭނުމަށް ބޭނުންވާ ގައު އެޅުން

ފ.އަތޮޅުރައްޔިތުންނަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާރާތް ކުރަމުން ގެންދާ ގެސްޓު ހައުސް ޢިމާރާތް ރޭނުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް 31 ޖަނަވަރީ 2018 ގައި އަތޮޅު ކައުންސިލްގެ މުވައްޒަފުން ކޮށްފައި ވެއެވެ. މިދުވަހު ގައު އެޅުމަށް ކުރި މަސައްކަތުން 1050 ގައު އަޅާފައި ވެއެވެ. އަދި 09 ޖަނަވަރީ 2018 ގައިވެސް އަތޮޅު ކައުންސިލްގެ މުވައްޒަފުން ގައު އެޅުމަށް ކުރި މަސައްކަތުން 1082 ގައު އަޅާފައި ވެއެވެ. މިދެދުވަހު ކުރި މަސައްކަތުން 2132 ގައު އަޅާފައި ވެއެވެ.

ޖުމްލަ 16 ކޮޓަރި ހިމެނޭގޮތަށް ފ.އަތޮޅު ސްޓޭޓުހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސްގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ރޭވިފައިވަނީ ދެފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭހުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 08 ކޮޓަރިއެވެ. އެގޮތުން 04 ކޮޓަރި ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި 02 ކޮޓަރީގެ ޕައުންޑޭޝަން އަޅައި ތަބުތައްޖަހައި، 02 ކޮޓަރީގެ ޕައުންޑޭޝަންވަނީ އަޅާފައެވެ. ގައު އެޅުމާއި ޕައުންޑޭޝަން އަޅައި ތަނބުތައް ޖެހުމުގެ މަސައްކަތް ކައުންސިލް އިދާރާގެ މުވައްޒަފުން ކޮށްފައިވަނީ އެއްވެސް އުޖޫރައަކާ ނުލައި ހިލޭ ސާބަހަށެވެ.


Back to top