ޑިރެކްޓަރ އިބްރާހީމް ނަޞީރު މުޙައްމަދު ވަޒީފާއިން މުސްކުޅި ކުރައްވައިފި

05 އެޕްރީލް 2021ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޑިރެކްޓަރ ފ.މަގޫދޫ އޯކިޑްވިލާ އަލްފާޟިލް އިބްރާހީމް ނަޞީރު މުޙައްމަދު ވަޒީފާއިން މުސްކުޅި ކުރައްވައި އެ މަޤާމުން 04 އެޕްރީލް 2021 ވަނަ ދުވަހު ވަކި ކުރައްވައިފިއެވެ.

ޑިރެކްޓަރ އިބްރާހީމް ނަޞީރު މުޙައްމަދު ވަޒީފާއިން މުސްކުޅި ކުރައްވާފައިވަނީ އިބްރާހީމް ނަޞީރު މުޙައްމަދުގެ ބަލި ޙާލަތު ހުރިގޮތުން ވަޒީފާ އަދާކުރުމަށް ދަތިވެގެން ވަޒީފާއިން މުސްކުޅި ކޮށްދެއްވުމަށް އަމިއްލަފުޅަށް އެދިވަޑައި ގަތުމުން ޢުމުރުން 55 އަހަރު ވެފައިވުމާއެކު ވަޒީފާއިން މުސްކުޅި ކުރައްވާ މުވައްޒަފުންނަށް ލިބިދޭ ހުރިހާ ޢިނާޔަތްތަކެއް ލިބޭގޮތަށެވެ.

އިބްރާހީމް ނަޞީރު މުޙައްމަދު ސިވިލްސާރވިސްގެ ވަޒީފާއިން މުސްކުޅި ކުރައްވައި ވަޒީފާއިން ވަކި ކުރެއްވިއިރު ސަރުކާރުގެ ވަޒީފާގައި 36 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. ސަރުކާރުގައި ޚިދުމަތް ކުރެއްވި ދިގުމުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީހުގައި މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. އިބްރާހީމް ނަޞީރު މުޙައްމަދު ކުރީގެ އަތޮޅުއޮފީހުގައި ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1986 ވަނަ އަހަރުގައެވެ.

ސިވިލްސާރވިސްގެ ވަޒީފާއިން މުސްކުޅި ކުރައްވައި ވަޒީފާއިން ވަކިކުރެއްވި އިބްރާހީމް ނަޞީރު މުޙައްމަދަކީ ވަރަށް އިޚްލާޞްތެރި ކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރެއްވި ކަންކަމުގެ މަޢުލޫމާތާއި ހުނަރާއި ތަޖުރިބާހުރި ބޭފުޅެކެވެ.