ފ.އަތޮޅު ކޮމާންޑަރ ފ.އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި ބައްދަލު ކުރައްވައިފި

01 ސެޕްޓެންބަރ 2020ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކޮމާންޑަރަކަށް އަލަށް ހަމަޖެއްސެވި ސަބްއިންސްޕެކްޓަރ އަލްފާޟިލާ ޒުލޭޚާ ރައުޒީ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މިއަދު (01 ސެޕްޓެންބަރ 2020) ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުމުގައި އަތޮޅުކައުންސިލްގެ މެންބަރުންނާއި، ކައުންސިލް އިދާރާގެ އިދާރީވެރިން ބައިވެރިވެ ވަޑައިގަތެވެ.

މިބައްދަލު ކުރެއްވުމަކީ އަލަށް ހަމަޖެއްސެވި ކޮމާންޑަރ ތަޢާރަފް ވުމަށާއި، މިއަތޮޅުގެ ރަށްރަށުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އަތޮޅުކައުންސިލްގެ ވެރިންނަށްދިނުމާއި، ފުލުހުންނާއި އަތޮޅުކައުންސިލާ ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރުމާގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލު ވުމެކެވެ.

މިބައްދަލު ކުރުމުގައި ފުލުހުން އަތޮޅުގެ ރަށްރަށުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވިއެވެ. ކުށްމަދު ކުރުމަށްޓަކައި ރަށްރަށުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މިހާރަށްވުރެ ބޮޑަށް ރަށްރަށުގެ ކަންތައްތައް ބެލުމަށް ފުލުހުން ރަށްރަށަށް ދަތުރުކޮށް ރަށްްރަށުގެ ކަންތައްތައް ބެލުމުގެ މުހިންމުކަމާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މިބައްދަލުވުމުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އަތޮޅުކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރުޒާހިރު ވިދާޅުވެފައި ވެއެވެ.

މިބައްދަލު ކުރެއްވުމުގައި އަތޮޅުކޮމާންޑަރ ސަބްއިންސްޕެކްޓަރ އަލްފާޟިލާ ޒުލޭޚާ ރައުޒީގެ އިތުރުން ފ.ނިލަންދޫ ޕޮލިސްސްޓޭޝަންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ރަމީޒު ބައިވެރިވެ ވަޑައިގަތެވެ.