އަތޮޅުގެ ރަށްރަށް


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ ފ.ނިލަންދޫ
ފޯނުނަންބަރު: 6740016
ފެކްސް ނަންބަރު: 6740016
އީމެއިލް: info@faafnilandhoo.gov.mv
* ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގެ ތަފާސް ހިސާބު

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގެ ގޫގުލް މެޕް

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދުއަކީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. މިރަށަކީ މިހާރު އަތޮޅުގެ ވެރިކަންކުރާ ރަށްވެސް މެއެވެ. މިރަށުގައި އަތޮޅުގެ ވެރިކަން ކުރަންފެށީ 18 ޖަނަވަރީ 1999 އިން ފެށިގެންނެވެ. އެއީ މިއަތޮޅު މަގޫދޫގައިހުރި އަތޮޅުއޮފީސް އެތާރީޚްގައި ނިލަންދުއަށް ބަދަލު ކުރެއްވުމުންނެވެ. މިރަށަކީ ތާރީޚީގޮތުން ދިވެހި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ.

ނިލަންދުއަކީ ބުޑިސްޓް މޮނާސްޓްރީއެއް ހުންނަ ރަށެކެވެ. އެ މޮނާސްޓްރީ ހުރި ތަނަކީ މިހާރު އެރަށުގެ އާސާރީ ސަރަހައްދެވެ. އެސަރަހައްދު މަޝްހޫރު ވެފައިވަނީ "ފޯއްމަތި" މިނަމުންނެވެ. "ފޯއްމަތި" ކިޔަނީ މޮނާސްޓްރީ ހުރި އުސް ފަސްގަނޑަށެވެ. މި ފަސްގަނޑަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަނެވެ. މިތަނަކީ ކުރިން އާސާާރީ ބިނާއެއްހުރި ތަނެއްކަން އެނގިފައި ނުވާތީ ކުރިން އުސްމިނުގައި 30 ފޫޓް ހުންނަ މި ފަސްގަނޑުން ގަލާއި ވެލި ނެގުމުގެ ސަބަބުން މިހާރުވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައި ވެއެވެ. ނިލަންންދޫގެ އާސާރީ ސަރަހައްދަކީ ވަރަށްބޮޑު ސަރަހައްދެކެވެ. މި ސަރަޙައްދުގެ ބޮޑު މިނުގައި 110,732.74 އަކަ ފޫޓު ހުރެއެވެ. މިސަރަހައްދުގެ ވަށާފާރުވަނީ ރާނާފައެވެ.

ފަތްތޫރައިގެ 54 ވަނަ ޢަދަދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރީ ޒަމާނެއްގައި ނިލަންދުއަކީ ފައްޅީގެ ރަށެކެވެ. ނުވަތަ ޚާއްޞަ ދީނީ މަރުކަޒެއްހުރި ރަށެކެވެ. ނިލަންދޫގައި ހުރި އާސާރީ މިސްކިތްހުރީ "ޓެމްޕަލް" ސަރަހައްދުގެ އެންމެބޮޑު ފައްޅިހުރި ތަނުގައިކަން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސާބިތުވެއެވެ. މިއަދު އެންމެބޮޑަށް ފާހަގަ ކުރެވެނީ މިސްކިތުގެ ދޮރާއްޓާއި އެޒަމާނުގައި ބެހެއްޓިފައި ހުރި ވަޅެވެ. މިތަންތަން މިހާރުވެސް އެބަހުއްޓެވެ.

ނިލަންދޫ "ފޯއްމަތި" ކޮނެ ބެލުމުގެ މަސައްކަތް ކޮށްފައިވަނީ 08 ފެބްރުވަރީ 1983 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހައިދާލާއި އޭނާގެ ޓީމުންނެވެ. މިތަން ކޮނެ ބެލުމަށް 4 ދުވަސް ހޭދަކޮށްފައި ވެއެވެ. މިތަން ބައްލަވައި ނެރުއްވި މަޢުލޫމާތުގައި މި ސަރަޙައްދަކީ އިހު ޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެއްކަމުގައި ބުނެއެވެ. މިތަނުން ފެނިފައިވާ އިންސާނުންގެ ކަށިތައް ކާބަންޑޭޓް ކުރުމުން އެގުނީ މިއީ މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރު ތަކުގެ ތެރޭގައި ވޭރެއް ހުރި ތަނެއް ކަމެވެ. އަދި މިތަނުން ފެނިފައިވާ ތަކެތިން އެނގުނު ގޮތުގައި މިރަށަކީ ބޭރުގެ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އައިސް މަޑުކޮށްލާ ރަށެއްކަމަށްވެސް ހޯދި ހޯދުންތަކުން އެނގިފައި ވެއެވެ.

ނިލަންދޫގައިވާ އާސާރީ ތަނަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. ނިލަންދޫގެ އާސާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީޚްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭ ގޮތުގައި އެ މިސްކިތަކީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެއިރުގެ ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ (ދަރުމަވަންތަ މަހާރަދުން) ބިނާކުރެއްވި 3 މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ބުނެވޭ ގޮތުގައި ނިލަންދޫގައި ހުރި މިސްކިތަކީ ދަރުމަވަންތަ މަހާރަދުން ނިލަންދުއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެކެވެ.

ފ.ނިލަންދޫ އާސާރީ މިސްކިތް ފ.ނިލަންދޫގައި އޮންނަ ކުރީޒަމާނުގެ ވެއު
ފޯއްމަތީގެ ނަން ދީފައިވާ އުސްފަސްގަނޑު އިހުޒަމާނުގެ މީހުން ފެންބުއިމަށް ބޭނުންކުރި ފެންވަޅު

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. މި މިސްކިތަށް ބޮޑަތި ބަދަލުތަކެއް ގެނެސްފައި ވުމުގެ ސަބަބުން މިސްކިތުގެ އަޞްލުގެ ބޮޑުބައެއްވަނީ ގެއްލިގެން ގޮސްފައެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.

ނިލަންދޫ އާޡާރީ ސަރަޙައްދުގައި އޮންނަ ވެވަކީ ކުރީ ޒަމާނުގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެކެވެ. މިވެވަކީ ހިރިގަލުން ރާނައި އަދި ވެވުގެ އަޑި ތަށިވައް ހަދައިފައި އޮންނަ ވެވެކެވެ. ޒަމާންތަކެއް ވަންދެން މިވެއު ބައްދާލާފައި އޮތުމަށްފަހު 2015 ވަނަ އަހަރު މިނިވަން ފަންސާހުގެ ފުނަ ޙަރަކާތްތަކަށް އާޡާރީ ސަރަޙައްދު ތައްޔާރުކުރުމުގެ ގޮތުން ވެއު އޮތް ސަރަޙައްދު ކޮނެ ވެއު މިހާރުވަނީ މަރާމާތުކޮށް ހިމާޔަތްކޮށްފައެވެ. މިވެއުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ވެވު ކައިރީގައި އެބައޮތެވެ. ނިލަންދޫގެ ދުވަސްވީމީހުން ބުނާގޮތުގައި ވެއު ބައްދާލީ ކުޑަކުދިން ވެވަށް ވެއްޓި މަރުވާތީ ކަމަށާއި ވެއު ކޮނުނުއިރު ވެއު ބައްދާލާފައިވާތަން 50 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައި ހުރި އާސާރީ މިސްކިތުގެ އިތުރުން މިސްކިތުގެ ގޯތީގެ ތެރޭގައި ހުރި ބޮޑު ފެންވަޅަކީ އިހުޒަމާނުގެ ވަޅެކެވެ. ނިލަންދޫ ރައްޔިތުން ކުރީ ޒަމާނުގައި ފެން ބުއިމަށް ބޭނުންކުރަމުން ގެންދިޔަ ވަޅެވެ. މިވަޅު ހުންނަނީ ހިރިގަލުން ހަދާފައެވެ. މިވަޅުގެ އިތުރުން ފެންވެރުމަށް ބޭނުންކުރާ ވެވަކާއި އިހުޒަމާނުގެ ދޮރާއްޓެއް މިސަރަހައްދުގައި މިހާރުވެސް އެބަހުއްޓެވެ.

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ކުރީގެ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއއްޑޫން ދަނޑުވެރިޔަކު ގެނެސް ގިނަބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ވިޔަފާރީގެ އުސޫލުން ހިންގާ ތެއު ސެންޓަރެއް ހުޅަނދު ބަދަނރު ސަރަހައްދުގައި ހުރެއެވެ. މި ސެންޓަރުން ނިލަންދޫގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޑީސަލް، ޕެޓްރޯލް، ކަރާސީނު، ރޮޓެއްލާ، ކާސްޓްރޯލް ހިމެނެއެވެ. ރައްޔިތުންގެ ތެއު ސެންޓަރަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން ގެންދާ ތަނެކެވެ.


ފ.ނިލަންދޫ ކައުންސިލްގެ އިދާރާ

މިއަތޮޅު މަގޫދޫގައިހުރި އަތޮޅު އޮފީސް 18 ޖެނުއަރީ 1999 ގައި ނިލަންދުއަށް ބަދަލުކުރެއްވުމާއި ގުޅިގެން ނިލަންދޫ އޮފީސް ހިނގަމުން ދިޔަ ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރުމުން އެ ތާރީޚުން ފެށިގެން 30 ނޮވެމްބަރ 2000 އަށް ނިލަންދޫ އޮފީސް ހިންގާފައިވަނީ ނިލަންދޫ ބީޗްހައުސް ގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ނިލަންދޫ ކޯޓުގެ މަސައްކަތްނިމި އެ ޢިމާރާތަށް ކޯޓުގެ މަސައްކަތް ބަދަލުކުރުމާ ހަމައަށް ނިލަންދޫ ކޯޓުވެސް ހިންގާފައިވަނީ ބީޗްހައުސް ގައެވެ. 01 ޑިސެމްބަރ 2000 ން ފެށިގެން ނިލަންދޫ އޮފީސް ހިންގަމުން ގެންދިޔައީ ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ. ނިލަންދޫ އަންހެނުންގެ މަރުކަޒަކީ ނިލަންދޫ ރައްޔިތުން ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ އެހީއާއި އެކު ނިލަންދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޢިމާރާތެކެވެ. ނިލަންދޫ އޮފީސް މިހާރު ހިންގާ ޢިމާރާތަށް އޮފީސް ހިންގުން ބަދަލުކުރީ އަލަށް ޢިމާރާތް ކުރި އަތޮޅު އޮފީހުގެ އާޢިމާރާތަށް 29 ޑިސެންބަރު 2010 ގައި އަތޮޅު އޮފީސް ބަދަލު ކުރުމުން 30 ޑިސެމްބަރު 2010 ގައެވެ.


ފ.އަތޮޅު ތަޢުލީމީ މަރުކަޒު

މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫ ސްކޫލްގެ ނަމުގައި މިހާރު ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ" ޢިމާރާތުގައެވެ. މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ. ނިލަންދޫގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ކިޔަވައިދޭން ފަށާފައިވަނީ 20 ފެބްރުއަރީ 1986 ގައެވެ.

މި މަރުކަޒުގައި އެންމެ ފުރަތަމަ ކިޔަވައި ދެމުން ގެންދިޔައީ ގްރޭޑް 05 އާއި ހިސާބަށެވެ. ގްރޭޑް 7 އާއި ހިސާބަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުއެވެ. ރައްޔިތުންގެ ބުރަ މަސައްކަތާއެކު ރަށުން ބޭރުން ކުދިން ގެނެސްގެން 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށިއެވެ. ގްރޭޑް 10 އަށް ކިޔަވައިދޭންފެށީ 1998 ވަނަ އަހަރުއެވެ. މި މަރުކަޒުގައި ސައިންސް ސްޓްރީމަށް ކިޔަވައިދޭންފެށީ 2000 ވަނައަހަރުއެވެ. މި ސްޓްރީމް ކިޔަވައިދޭން ފެށުމާއެކު މި މަރުކަޒުގައި ގްރޭޑް 10 އާއި ހިސާބަށް ދެ ސްޓްރީމްވެސް ކިޔަވައި ދެމުން ދެއެވެ. މި މަރުކަޒުގައި 2008 އިން ފެށިގެން ގްރޭޑް 11 އާއި 12 އުފައްދައި މި ދެސްޓްރީމް ކިޔަވައި ދެމުން ގެންދެއެވެ.

މި މަރުކަޒުގައި އެންމެ ފުރަތަމަ ކިޔަވައިދިނީ 03 މުދައްރިސުންނެވެ. އެއީ ނިލަންދޫ ޒިކުރާ އިސްމާޢީލް ޢަލީއާއި، ނިލަންދޫ ޢަޒުމް އިބްރާހީމް ޚަލީލާއި، ނިލަންދޫ މާބަގީޗާގޭ އިބްރާހީމް އަޙްމަދެވެ. މި މަރުކަޒުގައި އެންމެ ފުރަތަމަ ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތްކުރީ އަޙްމަދު މަޢުޞޫމެވެ. އެންމެ ފުރަތަމަ އެސިސްޓެންޓް ހެޑްމާސްޓަރގެ ގޮތުގައި މަސައްކަތްކުރީ ނިލަންދޫ ފައުނު މުޙައްމަދު ފަރީދެވެ. މި މަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ. މި 07 ކުދިންވެސް ފާސްވެފައި ވެއެވެ.

ޔުނިސެފުގެ އެހީގައި މިއަތޮޅުގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މިރިސޯސް ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތް 31 އޮކްޓޯބަރ 2006 ން ފެށިގެން ބޭނުން ކުރަމުން ގެންދިޔަ ނަމަވެސް ރަސްމީ ގޮތުން ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ. މިކޮމްޕިއުޓަރ ލެބުގައި އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރެއެވެ. މިމަރުކަޒުގެ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ. މިހާރު މި މަރުކަޒަކީ ތަޢުލީމީގޮތުން ރަގަނޅު ނަތީޖާތަކެއް ހޯދަމުން ގެންދާ، ފާހަގަ ކޮށްލެވޭ މަރުކަޒެކެވެ.


ފ.އަތޮޅު ހޮސްޕިޓަލް

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ 1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ރައްޔިތުންގެ ކާޑުގެހުރި ތަނުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ.

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ.

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު ސަރުކާރުން ހިންގަވާ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި 1998 ވަނައަހަރު ހަމަޖައްސަވައި ބޭނުންވާ ތަކެއްޗާއި މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ. ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލްގައި 24 ގަޑިއިރު ޚިދުމަތް ދެމުން ގެންދެއެވެ.

މި ހޮސްޕިޓަލްގައި ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އެގޮތުން ޢާންމު ބަލިތަކަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރަކާއި، މާބަނޑުމީހުންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި ހޮސްޕިޓަލް ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅުހޮސްޕިޓަލްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަނީ މުޅިންވެސް ދިވެހި ކުދިންނެވެ. މި ހޮސްޕިޓަލްގައި ލެބޯޓްރީގެ ޚިދުމަތާއި، ސްކޭނުގެ ޚިދުމަތާއި އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚިދުމަތް ލިބެން ހުރެއެވެ. މި ހޮސްޕިޓަލްގައި ޑެންޓަލް ކްލިނިކެއް ޤާއިމްކޮށް ދަތުގެ ޚިދުމަތް ދޭންފެށީ 03 މޭ 2019 ގައެވެ. މީގެ އިތުރުން ލޭއަޅާދިނުމާއި ކުދި ކުދި އޮޕަރޭޝަންތައް ކުރެވެން ހުރެއެވެ.


ފ.ނިލަންދޫ އިންޖީނުގެ

ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފަށާފައިވަނީ ފ.ނިލަންދޫ އެއްގަލި އަލްފާޟިލް ޢަބްދުއްރައްޒާޤް މުޙައްމަދުގެ މަސްއޫލުވެރި ކަމުގެ ދަށުން ފ.ނިލަންދޫ ސޯސަންވިލާ ގޭގައެވެ. ކަރަންޓްގެ ޚިދުމަތް ދޭންފެށީ 18 ޖޫން 1982 ގައެވެ. އެންމެ ފުރަތަމަ ކަރަންޓްދިނީ 01 ކިލޯވޯޓްގެ ޖަނަރޭޓަރަކުން 12 ގެއަށެވެ. ކަރަންޓްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 3 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސްގެން ކަރަންޓް ދިނުމަށްފަހު 12 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސްގެންވެސް ކަރަންޓްދީފައި ވެއެވެ. ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓްދޭން ފެށުމުން މިގެއިން ކަރަންޓް ދިނުން ހުއްޓާލިއިރު 115 ގެއަށް ކަރަންޓް ދެމުން ގެންދިޔައެވެ.

ދެވަނަ ފަރާތެއްގެ ގޮތުގައި ނިލަންދޫ ރައްޔިތުންނަށް ކަރަންޓް ދޭންފަށާފައިވަނީ ފ.ނިލަންދޫ ބަގީޗާގޭ މޫސާ އަޙްމަދުގެ މަސްއޫލުވެރި ކަމުގެ ދަށުން ފ.ނިލަންދޫ ބަގީޗާގޭ ގައެވެ. މިގެއިން އެންމެ ފުރަތަމަ ކަރަންޓްދިނީ 3 ކިލޯވޯޓްގެ ޖަނަރޭޓަރަކުންނެވެ. ބަގީޗާގެއިންވެސް ދެމުން ގެންދިޔަ ކަރަންޓްގެ ޚިދުމަތް ހުއްޓާލީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓްދޭން ފެށުމުންނެވެ.

ނިލަންދޫ ސޯސަންވިލާ ގެއިންނާއި، ބަގީޗާގެއިން އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށެވެ. ހުކުރު ދުވަސްދުވަހު ހުކުރު ނަމާދު ކުރުމަށް 11.30 އިން ފެށިގެން ހުކުރު ނަމާދުކުރާ މިސްކިތްތަކަށް މި ދެގެއިން ކަރަންޓް ދެމުން ގެންގޮސްފައި ވެއެވެ. މި ދެފަރާތުންވެސް ކަރަންޓްގެ ޚިދުމަތް އެއިރު ދެމުން ގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ.

ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށީގެންވާ ގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމުކޮށް ކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން ކޮނެމް މީހެއްގެ އަތުން -/200 ރުފިޔާ ނަގައިގެންނާއި އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތް ކޮށްގެން 23.5 ކިލޯވޯޓުގެ ޔަންމާ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި އިންޖީނު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ޢިމާރާތް ކޮށްފައިވަނީ ނިލަންދޫ އޮފީހުގެ އިރުމަތިން އޮތް ހުސްބިމުގައެވެ. މި އިންޖީނުގެ ރަސްމީގޮތުން ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ.

ނިލަންދޫ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22 ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށިއެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން ހުޅަނގު ބަނދަރު ސަރަހައްދުގައި އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ދެމުންގެންދިޔަ ކަރަންޓްގެ ޚިދުމަތްދިނުން ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 22 މޭ 2019 ގައެވެ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ.


ބެންކް އޮފް މޯލްޑިވްސް ފ.ނިލަންދޫ ބުރާންޗު

މިއަތޮޅު ނިލަންދޫގައި ބެންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް ހުރެއެވެ. މިތަން ހުޅުވައި ދެއްވީ 25 ޖަނަވަރީ 2015 ގައި އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މިބޭންކުގައި 24 ގަޑިއިރު އޭ.ޓީ. އެމްގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި އެހެން ބެންކު ތަކުންވެސް ލިބެން ހުންނަ ޢާންމު ޚިދުމަތްތައް މިބެންކުން ލިބެން ހުރެއެވެ. މިބެންކަކީ ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި އެންމެ ފަހުން ހުޅުވި ބެންކެވެ. މިބެންކު ހުޅުވިގެން ދިއުމަކީ މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހަ ކަމެކެވެ. މި ބޭންކްގެ އޭޓީ އެމް އިން 24 ގަޑިއިރު ފައިސާ ނެގެން ހުރެއެވެ.

ބެންކަށް ނުގޮސް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ޤާއިމް ކުރުމުގެ ގޮތުން ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރު އޭޓީއެމް މެޝިނެއް މި ބްރާންޗުގައި ބަހައްޓައި ޚިދުމަތް ދޭންފަށާފައިވަނީ 05 އެޕްރީލް 2020 ގައެވެ. މިޚިދުމަތްވެސް 24 ގަޑިއިރު ލިބެންހުރެއެވެ. މި ބެންކުގައި މެނޭޖަރެއްގެ އިތުރުން 05 މުވައްޒަފުން މަސައްކަތް ކުރެއެވެ.


ފ.ނިލަންދޫ ޕޮލިސްސްޓޭޝަން

ނިލަންދޫގައި މިހާރުހުރި ޕޮލިސްސްޓޭޝަންގެ ޚިދުމަތް ދޭންފެށީ 21 އެޕްރީލް 2003 ގައި ސިފައިންގެ މަރުކަޒުގެ ނަމުގައެވެ. އޭރު ފުލުހުންނެއް ނުތިބެއެވެ. ނަމަވެސް ފުލުހުން އުފައްދައި ފުލުހުންނަކީ މަދަނީ ބައެއްގެގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ސިފައިންގެ މަރުކަޒުގެނަން ޕޮލިސްސްޓޭޝަނަށް ބަދަލުކޮށް އެތަނުގައި ފުލުހުންގެ ޚިދުމަތްދޭންފެށީ 1 ސެޕްޓެންބަރު 2004 އިން ފެށިގެންނެވެ. ނިލަންދޫގައި ޤާއިމް ކޮށްފައިވާ ޕޮލިސްސްޓޭޝަނަކީ އަތޮޅު ޕޮލިސްސްޓޭޝަނެވެ.


ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ

ހިސާބުޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެތާރީޚުގައި މަޝްހޫރު ޢަބުދުﷲއިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތުއަކީ މިއަތޮޅު ހިމިތީ ބޭފުޅަކަށްވާތީ، ޢަބްދުﷲ އިސްމާޢީލްގެ ހަނދާން ދިރުވައި އާލާ ކުރުމުގެ ގޮތުން "ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ" ގެ ނަމުގައިި ބިނާކޮށްފައިވާ ލައިބްރަރީއެއް މިއަތޮޅު ނިލަންދޫގައި ހުރެއެވެ. މި ލައިބްރަރީ ފުރަތަމަހުރީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައިހުރި އަތޮޅުއޮފީސް 18 ޖަނަވަރީ 1999 ގައި ނިލަންދުއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ ނިލަންދޫއަށް ބަދަލު ކުރައްވާފައިވަނީ 07 ޖޫން 2000 ގައެވެ. މި ލައިބްރަރީގައި ސްކޫލްގެ ދަރިވަރުންނަށާއި، ޢާންމުންނަށް ބޭނުންވާ އެކިއެކި މަޢުލޫމާތުތައް އެކުލެވިގެންވާ ގިނަ ފޮތްތަކެއް ހުރެއެވެ. މި ލައިބްރަރީގެ ހުރިހާ ޚަރަދެއް ބަލަހައްޓަވަމުން ގެންދަވަނީ ސަރުކާރުންނެވެ. މި ލައިބްރަރީގައި އިދާރީ މުވައްޒަފަކާއި މަސައްކަތު މީހަކު ހުރެއެވެ.

މި ލައިބްރަރީ ނިލަންދުއަށް ބަދަލު ކުރެއްވުމުން ލައިބްރަރީ ހިންގަމުން ގެންދިޔައީ ފ.އަތޮޅު ތަޢުލީމީމަރުކަޒުގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ޢަބްދުﷲ އިސްމާޢީލް ލައިބްރަރީގެ ބިންގާ އަޅުއްވައި ދެއްވީ 11 އޯގަސްޓް 2002 ގައި އޭރުގެ މިނިސްޓްރ އޮފް އެޑިއުކޭޝަން ޑރ މުޙައްމަދު ލަޠީފެވެ. ލައިބްރަރީގެ މަސައްކަތްނިމި ލައިބްރަރީގެ އައު ޢިމާރާތުގައި ލައިބްރަރީ ހިންގަންފެށީ 01 ޖޫން 2003 ގައެވެ.

ލައިބްރަރީގެ އިތުރުން ޢަބްދުﷲ އިސްމާޢީލްގެ ހަނދާން ދިރުވާ އާލާކުރުމުގެ ގޮތުން މިއަތޮޅަށް އުފަން މިއަތޮޅުގެ ރަށްވެހި ކުދިންނަށް ދެއްވާ އިނާމެއްގެ ގޮތުގައި "ޢަބްދުﷲ އިސްމާޢީލް އެވޯޑް" ގެ ނަމުގައި އެވޯޑެއްވެސް ސަރުކާރުން ޤާއިމް ކުރެއްވިއެވެ. މި އެވޯޑްގެ ދަށުން ކުދިން މާލެ ގެންދަވައިގެން ކިޔަވައިދޭން ފަށާފައިވަނީ 1983 ވަނަ އަހަރުން ފެށިގެންނެެވެ. އެގޮތުން 1983 ވަނަ އަހަރުން ފެށިގެން މުޅިއަތޮޅަށް އެވޯޑް އިމްތިޙާނެއް ބާއްވައި އިމްތިޙާނުން އެއްވަނަ ހޯދާ ކުއްޖަކަށް ގްރޭޑް 12 ނިމެންދެން ސަރުކާރު ޚަރަދުގައި ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. ކުދިންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތީގެ އިތުރުން ޔުނީފޯމާއި ހުރުމުގެ ޚަރަދުވެސް ސަރުކާރުން ދެއްވިއެވެ. 1983 ވަނަ އަހަރުން ފެށިގެން 1995 ނިޔަލަށް ކިޔަވައިދެމުން ގެންދިޔައީ އަހަރަކު އެއްކުއްޖަކަށެވެ. 1996 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 02 ކުދިންނަށް ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. 2008 ވަނަ އަހަރުން ފެށިގެން މިއެވޯޑުވަނީ ހުއްޓާލާފައެވެ.

ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތުގެ ހަނދާން ދިރުވައި އާލާކުރުމުގެ ގޮތުން މިއަތޮޅުގައި ލައިބްރަރީއެއް ބިނާ ކުރުމާއި، މިއަތޮޅުގެ ރަށްވެހި ކުދިންނަށް ތަޢުލީމީ އެވޯޑެއް ދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް 25 އެޕްރީލް 1981 ގައި މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައެވެ.

ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ ނިލަންދެއަތޮޅު އުތުރުބުރީ ހިމިތީ މާލިމީ އިސްމާޢީލް ކަލޭފާނުގެ ދަރިކަލުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދެއަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ފެބްރުވަރީ 1902, 01 ޒުލްޤަޢިދާ 1319 ވީ ހޯމަ ދުވަހު މިއަތޮޅު ހިމިތީގައެވެ.

ޢަބްދުﷲ އިސްމާޢީލް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ އިސްމާޢީލް ކަލޭފާނުގެ ތުއްތުގެ ނަމުންނެވެ. އަދި ވަރަށްގިނަ ބައެއްގެ ތުއްތު ސާހިބުގެ ގޮތުންނެވެ. ތުއްތު އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލް ކުރެއްވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. އެއަށްފަހު ރަންފުޅު ޅަހުއްތުގެ އަރިހުންނެވެ. ހިސާބު ޢިލްމާއި ނެވިކަމުގެ ޢިލްމު ދަސްކުރެއްވީ އޭނާގެ އަރިހުންނެވެ.

ޢަބްދުﷲ އިސްމާޢީލަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގައި މުޅި ދިވެހި ރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް "ނޫރީން" ފޮތުން ތުއްތު ސާހިބު ކުށެއް ހޯއްދެވިއެވެ. އަދި ތުއްތަކީ އޮޑިޓް ކުރުމާއި ބިން ސާވޭ ކުރުމުގައިވެސް އަރާ ހުންނެވި ފަންނުވެރިއެކެވެ. މޮޅު ލިއުންތެރިއެކެވެ. އަހަރުގެ ކޮންމެ ދުވަހެއްގައިވިއަސް ހިޔަނި ހުންނަ މިޞްރާބަށް ބަލައިގެން ޤިބުލަ ހޯދުމަކީ ތުއްތު ސާހިބުގެ ޚާއްޞަ ފަންނެކެވެ.

ތުއްތަކީ އިނގިރޭސި، އަރަބި އަދި އުރުދޫބަސް ރަގަނޅަށް ދެނެވަޑައިގެން ހުންނެވި ދިވެހި ރާއްޖޭގައި އެޒަމާނުގެ ހިސާބު ޢިލްމުގެ އެދުރެވެ. މޮޅު މާލިމީއެކެވެ. ތުއްތަށް ލިބިވަޑައިގެން ހުންނެވި މި ޢިލްމު ފަތުރުއްވައި އުގަންނައި ދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. އެގޮތުން އަމިއްލަ ގޭގައި ކިލާސް ހައްދަވައިގެން ކުޑަކުދިންނަށާއި ބޮޑަތި މީހުންނަށް ހިސާބު ޖައްސަވައި ދެއްވިއެވެ. ޚާއްޞަކޮށް ނިޔަމިކަމުގެ ހިސާބު ޖައްސަވައި ދެއްވައި މި ޢިލްމު އެތައް ބަޔަކަށް އުގަންނައި ދެއްވިއެވެ.

ތުއްތަކީ ދިވެހި އަދަބިއްޔާތަށްވެސް ލޯބި ކުރެއްވި އަދަބީ ބޭފުޅެއްވެސް މެއެވެ. އަޅުގަނޑުމެން މިއަދު މިދެކޭ ރަދީފު ތަކުގެ ފުރަތަމަ ފޮތްތައް ރާވައި ތަރުތީބު ކުރައްވާފައިވަނީ ތުއްތެވެ. ތުއްތަކީ ކުއްލި ޖަވާބާއި ބަހުގެ ސަމާސާތަކާއި ދެ މާނަ ހުންނަގޮތަށް ބަސް ބޭނުން ކުރެއްވުމުގައި ލާމަސީލު ބޭފުޅެކެވެ. ބޭރުބަސް ދިވެހި ކުރެއްވުމުގައިވެސް އަރާހުންނެވި ބޭކަލެކެވެ. މިސާލަކަށް ދަހަމަލަ ކަސްރު (ޑެސިމަލް ފްރެކްޝަން) ބައިހިމަނާ (ނިއުމަރޭޓަރ) ބައިކުރާ (ޑިނޯމިނޭޓަރ) ބައިވެރިވާ އެންމެ ދަށުގުނަ ބ.ދ.ގ (އެލް.ސީ.އެމް) ބައިވެރިވާ އެންމެމަތީ ބަހާ ބ.މ.ބ (އެޗް.ސީ.އެފް) މިހުރީ ހައްތާވެސް ތުއްތު ދިވެހި ބަހަށް ގެންނަވާފައިވާ ބަސްތަކެވެ. އަލްއަމީރު މުޙައްމަދު އަމީނުގެ ދައުރުގައި އުފެދުނު ބަސްކޮމެޓީގެ މެންބަރެއްގެ ގޮތުގައިވެސް ތުއްތު މަސައްކަތް ކުރައްވާފައި ވެއެވެ.

ތުއްތު ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ އެހެންވެސް ރޮނގެއް އެބައޮތެވެ. އެއީ އަކުރު އުފެއްދެވުމެވެ. އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި ތާނައަކީ ރާއްޖެތެރޭގެ މީހަކު އަތިރީގޭ ދޯނިކޮޅަށް ވެދުމަށް އެރުވި ދިޔަހިއްކާފާއެއްގައި "އަތިރީގެ" މިހެން ނަންއަޅާލި ދެތިން އަކުރުން އުފެދިގެންއައި އަކުރު ތަކެކެވެ. މި އަކުރުތައް އެންމެ ހަތަރުއަކުރު ނަމޫނާއަކަށް ބައްލަވައިގެން މުޅި ހަށަނަރަ ފުރިހަމަ ކުރައްވައި، އޭގެ އެކިސައިޒް އުފައްދަވައި، އެ އަކުރުތަކަށް ފިލިދެއްވައި މިޒަމާނުގެ ލެޓަރ ޕްރެސްއާއި އެއްވަރަށް އަކުރުތަކުން ތައްގަނޑު ހެއްދެވިއެވެ. ތުއްތަކީ ވަރަށް އަވަހަށް އެހާމެ ރީތިކޮށް ޢަރަބި ތާނަވެސް ލިއުއްވި ބޭފުޅެއްވެސް މެއެވެ.

އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާދިމެކެވެ. ތުއްތު އަދާކުރެއްވި މުހިންމު ވަޒީފާ ތަކުގެ ތެރޭގައި ބޮޑުނާކޮޅުގެ މާލިމީކަން، ޗާޕްޚާނާގެ މެނޭޖަރުކަން، މަދުރަސަތުއް ސަނިއްޔާއާއި، މަދަރުސަތުލް މަޖީދިއްޔާގެ ހިސާބު ޢިލްމުގެ މަތީ މުދައްރިސްކަން، މަޢާރިފްގެ ނިޔަމިކަމުގެ މުދައްރިސްކަން، ސަރުކާރުގެ ގަޑިތައް ހަމަކުރުމުގެ އެދުރުކަން ހިމެނެއެވެ. އަދި ދިވެހިން ލިބިގަތް ފުރަތަމަ ޤާނޫނުއަސާސީ ހެދި މަޖްލީހުގެ ކާތިބުގެ އެހީތެރިއެއްގެ މަޤާމާއި، ބޮޑު އިސްޓޯރުގެ އޮޑިޓްކަމާއި ދައުލަތުގެ މައްސާޙް ކަމުގެ މަޤާމުވެސް ފުރުއްވާފައި ވެއެވެ. ތުއްތު އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ މައްސާޙް ކަމެކެވެ. މި މޤާމުގައި ހުންނަވަނިކޮށް 14 ސެޕްޓެންބަރ 1959 ގައި ޕެންޝަން ލިބިވަޑައިގަތުމާ ގުޅިގެން ސަރުކާރުން ވަކިވެ ވަޑައިގަތީއެވެ

ތުއްތަކީ ޗާޕްގެ މަސައްކަތްވެސް ވަރަށް ރަގަނޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން ސަޢާދާ ކުންފުނި އުފައްދަވައި އެކުންފުނީގެ ފަރާތުން މަޠުބަޢަތުއްސަޢާދާގެ ނަމުގައި ޗާޕްޚާނާއެއް އުފައްދަވައިގެން ހިންގެވިއެވެ. މިއީ މާލޭގައި އަމިއްލަ ފަރާތަކުން ހިންގި ފުރަތަމަ ޗާޕްޚާނާއެވެ. ތުއްތު ނެރުއްވާފައިވާ ފޮތްތަކުގެ ތެރޭގައި މަށަށް ހަނޑޫ، މަހަށް ރުފިޔާ، ހިސާބު ޢިލްމުގެ ގޮފިކޮޅު، ހިސާބު ޢިލްމުގެ ފިޔަވަޅު، އަދި ނަވަތަ ފޮތް ހިމެނެއެވެ. ފަހުން ފަސޭހަ ހިސާބާއި، ތަނަވަސް ހިސާބުގެ ފޮތްތައްވެސް ނެރުއްވިއެވެ. މީގެއިތުރުންވެސް ތުއްތު ދުނިޔޭގައި ހުންނެވިހާ ދުވަހަކު ކަލަންޑަރު ހެއްދެވުމާއި، ނަމާދު ވަގުތު ކަރުދާސް ހެއްދެވުމަކީ ތުއްތު ކުރައްވަމުން ގެންދެވި މަސައްކަތެކެވެ.

ތުއްތު ސާހިބުގެ ޢާއިލާއާއި ދަރިފަސްކޮޅު މިހާރުއޮތީ މާލޭގައި މާފަންނު ހުދުޢަޞުރުމާގެއާއި މާފަންނު ޢަޞުރުމާގޭގައެވެ. އަދި މާފަންނު ގުލިސްތާނުގެއާއި މާފަންނު އެންދެރިމާގޭ ބޭފުޅުންނަކީވެސް އެކިގޮތްގޮތުން ތުއްތު ސާހިބުގެ ޢާއިލާއާއި ގުޅިފައިވާ ބޭފުޅުންނެވެ. ތުއްތަށް ލިބިވަޑައިގެންނެވީ ދެބޭފުޅުންނެވެ. އެއީ އިސްމާޢީލް ޢަބްދުﷲ އާއި، ޚަދީޖާ ޢަބްދުﷲ އެވެ. ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތު މިދުނިޔެ ދޫކުރެއްވީ 30 މާރިޗު 1970 ގައި މާލޭގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭގައި މާފަންނު ސަހަރާގައެވެ.


ފ.އަތޮޅުސްޓޯރ ހިންގާ ޢިމާރާތް

ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން އަތޮޅު ރައްޔިތުންގެ ނަމުގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. މި ވިޔަފާރި އިތުރަށް ތަރައްޤީކުރަން ފަށާފައިވަނީ ލޯޖެހި ޢަލީ ވަޙީދުގެ އަތޮޅުވެރިކަމުގައި 1990 ވަނަ އަހަރުއެވެ. އެއިރު ސްޓޯރުގައި ހުރި މުދަލާއި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުގެ ޖުމްލަ އަގަކީ -/28,000 (އަށާވީސްހާސް ރުފިޔާ) ރުފިޔާއެވެ. މަގޫދޫގައިހުރި އަތޮޅުއޮފީސް ނިލަންދުއަށް ބަދަލު ކުރުމާގުޅިގެން އަތޮޅުސްޓޯރުގެ ވިޔަފާރިވެސް 05 މޭ 1999 ގައި ނިލަންދޫއަށް ބަދަލު ކުރެއްވިއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި ނިލަންދުއަށް ބަދަލު ކުރަންވެގެން އަތޮޅުސްޓޯރ ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ -/278,000 ރުފިޔާއެވެ.

އަތޮޅު ސްޓޯރ މަގޫދޫން ނިލަންދުއަށް ބަދަލު ކުރުމުން އެންމެ ފުރަތަމަ އިސްޓޯރު ހިންގީ ނިލަންދޫ ޑޭލައިޓު މަރުކަޒުގައެވެ. އެތަނުގައި ސްޓޯރ ހިންގަންފެށީ 01 ޖޫން 1999 ގައެވެ. އެއަށްފަހު 2003 އިން 2012 ގެ ނިޔަލަށް އަތޮޅު އިސްޓޯރު ހިންގީ ރަށްމެދުގައި ހުންނަ ކުރީގެ ބޮޑުމަދަރުސާ ޢިމާރާތުގައެވެ. 2013 އިން ފެށިގެން އަތޮޅު އިސްޓޯރު ހިންގަމުން ގެންދަނީ އަތޮޅު އިސްޓޯރުން ގަނެފައިވާ ޢިމާރާތުގައެވެ. މިޢިމާރާތަކީ ސިމެންތީގެ ވިޔަފާރި ކުރުމަށް ލިލީސް ސްޓޯރުން ނިލަންދޫގައި ޢިމާރާތްކުރި ތަނެކެވެ. މި ޢިމާރާތް ގަނެފައިވަނީ -/150،000 ރުފިޔާއަށެވެ.

ނިލަންދޫގައި އަތޮޅުސްޓޯރ ހިންގަންފެށީ 02 މުވައްޒަފުންނާއެކުއެވެ. ނަމަވެސް މިހާރު އަތޮޅުސްޓޯރުގައި 06 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެއީ އިދާރީ 04 މުވައްޒަފުންނާއި މަސައްކަތު 02 މީހުންނެވެ. އަތޮޅުސްޓޯރަކީ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުން ގެންދާ، އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ވިޔަފާރިއެކެވެ.


ފ.ނިލަންދޫ މީރާ ކަލެޝަން ސެންޓަރ

ފ.ނިލަންދޫގައި މީރާ ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭންފެށީ 04 އޮކްޓޯބަރ 2015 ގައެވެ. މި ކަލެކްޝަން ސެންޓަރ ހުންނަނީ ފ.އަތޮޅުކައުންސިލް އިދާރާ ހިންގާ ޢިމާރާތުގެ ބައެއްގައެވެ. މީރާ ކަލެކްޝަން ސެންޓަރ ރަސްމީކޮށް ހުޅުވީ 19 އޮކްޓޯބަރ 2017 ގައި ކޮމިޝަރ ޖެނެރަލް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި، ފ. އަތޮޅުކައުންސިލް ރައީސް ޢުމަރު ޒާހިރާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ. މީރާ ކަލެކްޝަން ސެންޓަރުގައި 3 މުވައްޒަފުން ތިބެއެވެ. ނިލަންދޫގައިހުރި މި ކަލެކްޝަން ސެންޓަރުން އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީއާއި، ކުންފުނިތަކުގެ އަހަރީ ފީއާއި، ޖީ.އެސް.ޓީ ފީއާއި، އަދި ކުލީ ބިންތަކުގެ ފީއާއި، މުދަލުގެ ޒަކާތުގެ ފައިސާއާއި މިނޫނަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނަމުން ގެންދެއެވެ.


މިފްކޯ އައިސްޕްލާންޓް

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިފްކޯގެ އައިސް ޕްލާންޓެއް މިއަތޮޅު ނިލަންދޫގައި ޤާއިމް ކޮށްފައި ހުރެއެވެ. މި ޕްލާންޓުން ޚިދުމަތް ދޭންފަށާފައިވަނީ 17 އެޕްރީލް 2015 ގައެވެ. މިއީ 25 ޓަނުގެ ޕްލާންޓެކެވެ. މިޕްލާންޓުން ރެއަކާދުވާލު 18 އަދި 20 ޓަނުގެ އައިސް އުފެއްދެއެވެ. މި އައިސް ޕްލާންޓްގައި 05 މުވައްޒަފުން މިހާރު މަސައްކަތް ކުރެއެވެ.