ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުރައްޔިތުންގެ ވިޔަފާރި (ފ.އަތޮޅު ސްޓޯރ)

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުރައްޔިތުންގެ ނަމުގައި ކުރަމުން ގެންދާ ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން ކުރަމުން އަންނަ ވިޔަފާރިއެކެވެ. އަތޮޅު ރައްޔިތުންގެ ނަމުގައި މިފަދަ ވިޔަފާރިއެއް ފެށުމުގެ މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށާއި، އަތޮޅުގެ ރައްޔިތުންނަށް ލުއި އަގެއްގައި ބޭނުންވާ މުދާ ފަސޭހަ ކަމާއެކު އަތޮޅުސްޓޯރުން ލިބޭނެގޮތް ހަމަޖެއްސުމާއި، އަތޮޅުގައި މުދަލުގެ އަގު ކޮންޓްރޯލް ކުރުމެވެ.

އަތޮޅުސްޓޯރުގެ ވިޔަފާރި ފައްޓާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. ވިޔަފާރި ފެށިއިރު ވިޔަފާރީގެ ކެޕިޓަލަކީ ކިހާވަރެއްކަމެއް އެނގޭނޭ ލިއުމެއް މިހާރު ފެންނާކަށް ނެތެވެ. މަގޫދޫގައި ވިޔަފާރި ކުރަމުން ގެންދިޔައީ އޭރުގެ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. ވިޔަފާރި ކުރަމުން ގެންދިޔައީ އަތޮޅުކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ އަލްފާޟިލް ލޯޖެހި ޢަލީ ވަހީދުގެ އަތޮޅުވެރިކަމުގައި 1990 ވަނައަހަރުއެވެ. އެއިރު ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ -/28،000 ރުފިޔާއެވެ. ސްޓޯރުގެ ވިޔަފާރި ފުޅާކޮށް ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްފެށީ އަލްފާޟިލް ޒަކަރިއްޔާ ޙަމީދުގެ އަތޮޅުވެރިކަމުގައި 1994 ވަނައަހަރުއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ވެރިކަން 18 ޖަނަވަރީ 1999 ގައި މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ނިލަންދޫއަށް ބަދަލު ކުރަންވެގެން 1999 ވަނައަހަރު ހިސާބު ކުރިއިރު އަތޮޅުސްޓޯރުގެ ކެޕިޓަލަކީ -/278،000 ރުފިޔާއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި މަގޫދޫން ނިލަންދުއަށް ބަދަލުކުރީ 05 މޭ 1999 ގައެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި 1990 ވަނައަހަރު އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން -/15,000 ރުފިޔާގެ ލޯނެއް ނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމަށްޓަކައި 2000 ވަނައަހަރު އަތޮޅުރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. އަދި 5 އަހަރުން އަގު އަދާކުރާގޮތަށް އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން -/500,000 ރުފިޔާގެ ލޯނެއްނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. 2015 ވަނަ އަހަރުވެސް އަތޮޅު ރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ސްޓޯރުގެ ކެޕިޓަލަށް އިތުރުކުރި ފައިސާގެ ޖުމްލައަކީ -/815،000 ރުފިޔާއެވެ.

ފ.އަތޮޅުސްޓޯރު ނިލަންދުއަށް ބަދަލު ކުރެއްވުމުން އެންމެ ފުރަތަމަ ވިޔަފާރި ކުރަންފެށީ ނިލަންދޫ ޑޭލައިޓް ކުލަބުގެ މަރުކަޒު ކުއްޔަށްހިފައި އެތަނުގައެވެ. ޑޭލައިޓް މަރުކަޒުގައި ވިޔަފާރި ފެށުމަށްޓަކައި ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ޚަރަދު ކޮށްގެން ޢިމާރާތަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެތަނުގައި އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަންފެށީ 01 ޖޫން 1999 ގައެވެ.

އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު ނިލަންދޫ ރަށްމެދުގައިހުރި ކުރީގެ ބޮޑުމަދަރުސާ ޢިމާރާތް މިހާރު ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފައި، ކުލިން ކެނޑޭގޮތަށް ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ވަރަށްބޮޑު ޚަރަދުކޮށްގެން އެ ޢިމާރާތުގެ އުތުރަށާއި ދެކުނަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެތަނުގައި ވިޔަފާރި ކުރަންފެށީ 2002 ވަނައަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް އަތޮޅު އިސްޓޯރު ހިންގީ އެ ޢިމާރާތުގައެވެ. ފިނިހިޔާ ޢިމާރާތް މިހާރު ފެންނަން އެހުރިގޮތަށް ޢިމާރާތުގެ އެތެރެއަށާއި ބޭރަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ އަތޮޅުސްޓޯރުންނެވެ.

ނިލަންދޫގައި ލިލީސްޓޯރުން ސިމެންތީގެ ވިޔަފާރި ކުރުމަށް ހަދާފައިވާ 106X28 ފޫޓުގެ ޢިމާރާތެއް ވިއްކާލުމަށް ބޭނުން ވުމުން އަތޮޅުސްޓޯރުގެ ބޭނުންތަކަށް އެ ޢިމާރާތް 2003 ވަނައަހަރު ގަނެފައިވެއެވެ. މި ޢިމާރާތްގަތީ -/150،000 ރުފިޔާއަށެވެ. ޚަރަދުކުރީ އަތޮޅުސްޓޯރުގެ ކެޕިޓަލުންނެވެ. އެހެންކަމުން އެ ޢިމާރާތަކީ މިހާރު އަތޮޅު ރައްޔިތުންގެ ޢިމާރާތެކެވެ. މި ޢިމާރާތް ސްޓޯރަށް ގަތުމަށްފަހު 2012 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރީ އަތޮޅުސްޓޯރުގެ މުދާ ރައްކާކުރާ ސްޓޯރުގެ ގުދަނަކަށެވެ. ނަމަވެސް އެތަނުގައި ވިޔަފާރި ހިންގުމުގެ ޚިޔާލު އުފެދި އެ ޢިމާރާތުގައި ވިޔަފާރި ހިންގުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ޢިމާރާތުގައި ވިޔަފާރި ކުރަންފެށީ 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުން ފެށިގެންނެވެ. މިތަނުގައި ވިޔަފާރި ފެށުމަށްވެސް ކުރަންޖެހުނު ހުރިހާ ޚަރަދުތަކެއްވެސްކުރީ ސްޓޯރުގެ ކެޕިޓަލްގެ ތެރެއިންނެވެ.

2009 ވަނައަހަރު އަތޮޅު އޮފީހާއި ރަށުއޮފީސްތައް ހިންގުމަށް ކައުންސިލަރުން އައްޔަން ކުރެއްވުމުން، އަތޮޅު ސްޓޯރ ހިސާބު ކުރުމަށް ކައުންސިލަރުންގެ ތެރެއިން އެކުލަވާލި ކޮމެޓީން އަތޮޅުސްޓޯރ ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ 2.5 މިލިޔަން ރުފިޔާއެވެ. އަތޮޅު ސްޓޯރާއި ކައުންސިލަރުން ޙަވާލުވިއިރު، ކެޕިޓަލް ބޮޑަތި ތަކެތި ނުހޯދައި އަތޮޅު އިސްޓޯރު ހިންގޭވަރަށް ތަކެތި ހޯދިފައި ހުއްޓެވެ. ފ.އަތޮޅުސްޓޯރުގެ ވިޔަފާރި އެންމެފަހުން ހިސާބުކޮށްފައިވަނީ 2016 ވަނައަހަރުއެވެ. ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ 2.4 މިލިއަން ރުފިޔާއެވެ.

ފ.އަތޮޅުސްޓޯރ 05 މޭ 1999 ގައި މަގޫދޫން ނިލަންދުއަށް ބަދަލު ކުރުމާއެކު އެތާރީޚުން ފެށިގެން 2009 ވަނައަހަރު އައްޔަން ކުރެއްވި ކައުންސިލަރުން އަތޮޅުސްޓޯރ ހިންގުމާއި ޙަވާލުވުމާއި ހަމައަށް އަތޮޅުސްޓޯރ ހިންގަމުން ގެންދިޔައީ އެއިރު އަތޮޅުވެރިޔާގެ މުޢާވިން ކަމުގެ މަޤާމުގައި ހުންނެވި ފ.ނިލަންދޫ މިރިހި އަލްފާޟިލް މުޙައްމަދު ޖަލީލެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލްތައް އުފެދި އަތޮޅުކައުންސިލަށް މެންބަރުން އިންތިޚާބުކޮށް، 26 ފެބްރުވަރީ 2011 ގައި މެންބަރު ކަމުގެހުވާ ކުރައްވައި މަޤާމާއި ޙަވާލުވުމަށްފަހު އެއިރުވެސް މިހާރުވެސް އަތޮޅުސްޓޯރ ހިންގަމުން ގެންދަނީ އެވަގުތަކަށް އަތޮޅުކައުންސިލުން ނިންމަވާ އަތޮޅު ކައުންސިލަރެއްގެ ބެއްލެވުމުގެ ދަށުންނެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އެކިފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިޔަ ނަމަވެސް އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާވެގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެއިރު އަތޮޅުވެރިޔާގެ މުޢާވިން ކަމުގެ މަޤާމުގައި ހުންނެވި ފ.ނިލަންދޫ މިރިހި އަލްފާޟިލް މުޙައްމަދު ޖަލީލެވެ. ވަރަށްގިނަ ދުވަސްތަކެއް ވަންދެން އަތޮޅުސްޓޯރ ހިންގުމާއި ޙަވާލުވެ ހުންނަވައި ވިޔަފާރީގެ އެންމެހާ ކަންކަން ގާތުން ބައްލަވައި، އެވަގުތަކަށް ވިޔަފާރިއަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެނެސް ދެއްވައި ވިޔަފާރި ހިންގުމުގައި ޢަމަލީގޮތުން ގިނަގުނަ މަސައްކަތްތައް ކުރައްވާފައި ވެއެވެ. ހަމަ އެހެންމެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޞީރާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް މޫސާވެސް އަތޮޅުސްޓޯރުގެ ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި ޒަމާނާއެއްގޮތަށް ވިޔަފާރީގެ ކަންތައް ބައްޓަންކުރައްވައި، ވިޔަފާރި ކުރިއަށް ގެންދިއުމަށް ޢަމަލީގޮތުންނާއި އެނޫންގޮތްގޮތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމީވެސް ފާހަގަ ކުރެވޭ ކަމެކެވެ.

މަގޫދޫގައި އަތޮޅުސްޓޯރ ހިންގިއިރު ސްޓޯރުން މުސާރަދޭގޮތަށް މުވައްޒަފުން ގެންގުޅެފައެއް ނުވެއެވެ. އަތޮޅުސްޓޯރ ނިލަންދުއަށް ބަދަލު ކުރުމާއެކު ނިލަންދޫގައި އަތޮޅުސްޓޯރ ހިންގަންފެށީ 02 މުވައްޒަފުންނާއެކުއެވެ. ނިލަންދުއަކީ އާބާދީބޮޑު ރަށެއްކަމުގައިވާތީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިއަށް ހެޔޮބަދަލުތައް އަންނަން ފެށިއެވެ. ޢާންމު ރައްޔިތުންނަށް ބޭނުންވާ އެކިއެކި ބާވަތްތަކުގެ މުދާ އަތޮޅުސްޓޯރުން ލިބެންހުރުމުން ވިޔަފާރި ދިޔައީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. ވިޔަފާރި ފުޅާވަމުން ދިއުމާއެކު މުވައްޒަފުން އިތުރަށް ނުހޯދައި ވިޔަފާރި ކުރުމަށް ދަތިވާތީ، ސްޓޯރަށް މުވައްޒަފުން އިތުރު ކުރަމުން ގެންދިޔައީ ވިޔަފާރި ފުޅާވަމުންދާ ނިސްބަތުންނެވެ. މިހާރު އަތޮޅުސްޓޯރުގައި އިދާރީ 04 މުވައްޒަފުންނާއި މަސައްކަތު 02 މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. އަތޮޅުސްޓޯރަކީ މިހާރު ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ގެންދާ ވިޔަފާރިއެކެވެ.

އަތޮޅުސްޓޯރުގެ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދެމުން ގެންދަނީ ސްޓޯރަށްލިބޭ އާމްދަނީގެ ތެރެއިންނެވެ. މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް -/40،000 ރުފިޔާއާއި -/50،000 ރުފިޔާއާއި ދެމެދުގެ ޢަދަކަށް މިހާރު ޚަރަދުވެއެވެ.

ފ.އަތޮޅުސްޓޯރ ހިންގަމުން ގެންދާ އަތޮޅުސްޓޯރުގެ ޢިމާރާތުގައި ޖާގަ ދަތިވެގެން ވިޔަފާރި ކުރުމަށް ދަތިވާތީ އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލުތަކެއް ގެނެސް ޢިމާރާތް މަރާމާތު ކުރުމަށްޓަކައި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް މަހަކު -/6000 ރުފިޔާއަށް ކުއްޔަށް ހިފައި 01 ނޮވެންބަރ 2018 ގައި އެ ޢިމަރާތަށް އަތޮޅުސްޓޯރުގެ ވިޔަފާރި ބަދަލު ކުރެވިފައި ވެއެވެ. ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްތައް ނިންމައި އަތޮޅުސްޓޯރުގެ ޢިމާރާތަށް ވިޔަފާރި ބަދަލުކޮށް ވިޔަފާރި ކުރަންފެށީ 08 ޖަނަވަރީ 2021 ގައެވެ. ފ.އަތޮޅުސްޓޯރުގައި ވިޔަފާރި ކުރަން ފެށިއިރު ވިޔަފާރި އިންތިޒާމް ކުރެވިފައިވަނީ ގިނަ ބަދަލު ތަކަކާއެކު ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތްދެވޭ ގޮތަށެވެ.

މިއަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ފ.އަތޮޅުސްޓޯރުން ކޮށްދީފައިވާ ކަންތައްތައް؛

01- 1997 ވަނަ އަހަރު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް މަގޫދޫގައި ފާހަގަކުރިއިރު މަގޫދޫއަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވުމަށް ބޭނުންވާ ކޮޓަރިތައް ރަގަނޅު ފެންވަރަކަށް ހަދައި ކޮޓަރިތަކުގައި ފާޚާނާ ބެހެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ހުރިހާ ސަމާނެއް އަތޮޅުސްޓޯރުން ގެނެސް މަހުން މަހުން ފައިސާ ދައްކާގޮތަށް މަގޫދޫގެ ގިނަ ގޭގެއަށް ދޫކޮށް އެކަމުގައި އެހީތެރިކަން ފޯރުކޮށް ދެވިފައި ވެއެވެ.

02- 2000 ވަނަ އަހަރު ނިލަންދޫ އިރުމަތީ ބަނދަރު ހެދުމަށް ރައްޔިތުން ބޭނުންވެގެން ރައްޔިތުންގެ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި ބަނދަރު ބައްތިޖެހުމަށް ބޭނުންވާ ތަކެތި ހޯދުމަށް އަނބުރާ ދައްކާގޮތަށް އަތޮޅުސްޓޯރުން ގާތްގަޑަކަށް -/640،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ.

03- މިއަތޮޅުގެ ރަށްރަށުގެ ސްކޫލްތަކަށް 2006، 2007 މިދެއަހަރު އަތޮޅުސްޓޯރަށް ލިބުނު ފައިދާގެ ތެރެއިން ސްކޫލް ތަކުގައި ކިޔަވަމުންދާ ކުދިންގެ ނިސްބަތުން ބޮލަކަށް -/25 ރުފިޔާގެ ރޭޓުން ފައިސާގެ އެހީދެވިފައި ވެއެވެ.

04- ދަރަނބޫދޫގައި މަގުބައްތިޖެހުމާއި ހެޑްމާސްޓަރ ހުންނެވުމަށް ގެއެއް ޢިމާރާތް ކުރަމުން ގެންދިޔައިރު މަހުން މަހަށް ފައިސާ ދައްކަމުން ގެންދާގޮތަށް -/170،000 ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ.

05- ފީއަލީ ރައްޔިތުންގެ ނަމުގައި ކަރަންޓްލުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް އެހީތެރި ވުމުގެ ގޮތުން ކަރަންޓަށް ލިބޭ އާމްދަނީން އަގު އަދާކުރާގޮތަށް ގާތްގަނޑަކަށް -/200،000 ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. އަދި ފީއަލީގެ 85 ގެއަކަށް ކަރަންޓްލުމަށް ބޭނުންވާ ތަކެތި ހޯދައި ދިނުމަށް އެދުމުން 14 މަސްދުވަހުން އަގުއަދާކުރާ ގޮތަށް -/108،375 ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ.

06- ބިލެތްދޫގެ އޮފީސް މިހާރު ހިންގާ ކުރީގެ އެރަށުގެ ސްކޫލް ހިންގި ޢިމާރާތަކީ ރައްޔިތުންގެ ޢިމާރާތެއްކަމަށް ވުމާއި، ޢިމާރާތުގެ އެތެރެ ހުރިގޮތުން އެތަނުގައި އޮފީސް ހިންގުމަށް ދަތިވެފައި ވުމުން އެ ޢިމާރާތް ރަގަނޅު ފެންވަރަކަށް މަރާމާތުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެ ޢިމާރާތް ކުއްޔަށް ދޫކޮށްގެން ލިބޭފައިސާގެ ތެރެއިން އަގު އަދާކުރާގޮތަށް -/225،000 ރުފިޔާގެ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ.

07- ބިލެތްދޫ ހެޑްމާސްޓަރު ގެއަކީ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ހަދާފައިވާ ތަނަކަށްވާތީ، ލުއިގޮތަކަށް އަގު އަދާކުރާ ގޮތަށް އެތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ހޯދައި ދިނުމުގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. މިތަކެތި ހޯދުމަށް ގާތްގަނޑަކަށް -/85،000 ރުފިޔާ ޚަރަދުވެފައި ވެއެވެ.

08- އަތޮޅު ސްޓޯރުން ސަރުކާރާއި ރައްޔިތުންގެ މުވައްޒަފުންނަށް ތަޢާރަފްކޮށް، އަތޮޅުގެ ހުރިހާ ރަށެއްގެ މުވައްޒަފުންނަށްވެސް އެފުރުޞަތު ހުޅުވާލުމުން އެކަމަށް އެދުނު މުވައްޒަފުންނަށް މަހުންމަހުން ފައިސާ ދައްކައި ނިންމާ ގޮތަށް ތަކެތި ދޫކުރެވިފައި ވެއެވެ. މި ކްރެޑިޓް ސްކީމުގެދަށުން ތަކެތި ނަގައިގެން ގޭގޭގައި ކޮޓަރި، ސިޓިންގރޫމް، ފާޚާނާ ހެދުމާއި ގެހިޔާކުރުން ފަދަ ކަންކަންކޮށް ޢުމްރާނީގޮތުން ވަރަށްބޮޑު ކުރިއެރިންތަކެއް ލިބިފައި ވެއެވެ.

09- މަސްދޯނިފަހަރަށް ބޭނުންވާ ފެންޕަމްޕު، ޖީ.ޕީ.އެސް. އެންދަމަން ދިއްލާ ލައިޓްފަދަ އަގުބޮޑު ތަކެތި ހޯދައި ދިނުމަށް އެދުނު މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ލުއިގޮތަކަށް އަގު އަދާކުރަމުން ގެންދާގޮތަށް އެފަދަ ތަކެތި ހޯދައި ދެވިފައި ވެއެވެ. އަދި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް އެދުނު ފަރާތްތަކަށްވެސް ލުއިގޮތަކަށް ފައިސާ ދައްކަމުން ގެންގޮސް އަގު އަދާކުރާ ގޮތަށް ތަކެތި ދޫކުރެވިފައި ވެއެވެ.

10- މަގޫދޫ ޞިއްޙީ މަރުކަޒު ރަގަނޅު ފެންވަރަކަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު މަރާމާތުގެ މަސައްކަތަށް ސަރުކާރުން ދެއްވިފައިސާއިން މުޅިން ނިމާލެވޭވަރު ނުވެގެން ސަރުކާރުން ފައިސާ ލިބުމުން އަގު އަދާކުރާގޮތަށް އެތަނުގައި އިތުރަށް ކުރަންޖެހުނު މަސައްކަތްތައް ކުރުމުގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. އެގޮތުން އެ މަސައްކަތްތައް ނިންމުން -/202,206 ރުފިޔާގެ ތަކެތި ހޯދާދެވިފައި ވެއެވެ.

ފ.އަތޮޅުސްޓޯރ ހިންގާ ޤަވާޢިދު

ފ.އަތޮޅުސްޓޯރުގެ މިހާރުގެ މުވައްޒަފުން

ޒުލޭޚާ ރަޝީދާ
އެސިސްޓެންޓް މެނޭޖަރ
ފާޠިމަތު އަޙްމަދު
ސޭލްސް އެސިސްޓެންޓް
އާމިނަތު ރަޒިއްޔާ
ސޭލްސް އެސިސްޓެންޓް
މުޢީނާ ޢަބްދުލްޤާދިރު
ސޭލްސް އެސިސްޓެންޓް
ޢަބްދުއްލަޠީފް އިބްރާހީމް
މަސައްކަތު
ޢަލީ މޫސާ
މަސައްކަތު

ފ.އަތޮޅު ސްޓޯރު ހުޅުވާފައި ހުންނަ ގަޑިތައް

ހޮނިހިރު - ބުރާސްފަތި

ހެނދުނު 7.00 އިން މެންދުރު 12.00 އަށް

މެންދުރުފަހު 13.15 އިން ހަވީރު 18.00 އަށް

ރޭގަނޑު 20.00 އިން 22.00 އަށް

ހުކުރުދުވަސް

ހެނދުނު 7.30 އިން 10.30 އަށް

މެންދުރުފަހު 14.00 އިން ހަވީރު 18.00 އަށް

ރޭގަނޑު 20.00 އިން 22.00 އަށް

ފޯނު ނަންބަރު: 7416096 | އީމެއިލް: atollstore.gmail.com | ފޭސްބުކު: aavaaniru-faafu atoll store