ނިލަންދެއަތޮޅު އުތުރުބުރިއާބެހޭ އިތުރު މަޢުލޫމާތު
ފ. އަތޮޅުގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުން
01 ސެޕްޓެންބަރ 2004 ގައި ފުލުހުން އުފެއްދެވުމާ ގުޅިގެން 21 އޭޕްރީލް 2003 ގައި މިއަތޮޅު ނިލަންދޫގައި ޤާއިމު ކޮށްފައިވާ އެން.އެސް.އެސް ނިލަންދޫ މަރުކަޒުގެނަން އެތާރީޚުން ފެށިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމަށް ބަދަލުކޮށް، އެތާރީޚުން ފެށިގެން ފުލުހުންގެ ޚިދުމަތްދޭން ފަށާފައި ވެއެވެ. މިއަތޮޅުގައި ދެވަނައަށް ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައި ޕޮލިހުންގެ ޚިދުމަތް ދޭންފެށީ 13 ފެބްރުވަރީ 2014 ގައެވެ. މިއަތޮޅުގައި ތިންވަނައަށް ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރީ މިއަތޮޅު ބިލެއްދޫގައެވެ. ބިލެއްދޫގައި ޕޮލިހުންގެ ޚިދުމަތް ދޭންފެށީ 25 އެޕްރީލް 2019 ގައެވެ. މިއަތޮޅު ދަރަނބޫދޫއާއި، ފީއަލީގައި ޤާއިމްކޮށްފައިވަނީ ޕޮލިސް ޕޯސްޓެވެ. މި ދެރަށުގައި ޕޮލިސް ޕޯސްޓް ޤާއިމްކޮށް ޚިދުމަތް ދޭންފެށީ 10 ޑިސެންބަރ 2022 ގައެވެ. މި ދެރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުމުން މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ މަރުކަޒު ޤާއިމްވީއެވެ. މިއަތޮޅުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒު ތަކުގެ ތެރެއިން އަތޮޅު ޕޮލިސް ސްޓޭޝަން ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ މަރުކަޒު ޤާއިމްކޮށްފައިވަނީ ރަށްރަށުގެ ރައްޔިތުންގެ ޢިމާރާތުގައެވެ.
އިޔާދަކުރަނިވި ހަކަތައިން މިސްކިތްތައް އެއާރކޯން ކުރުން
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ސޯލާޕެނަލުން އެންމެ ފުރަތަމަ އެއާރކޯންކުރި މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތެވެ. މިސްކިތްތަކުގައި ސޯލާޕެނަލް ހަރުކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 27 މާރިޗު 2019 ގައެވެ. މިމިސްކިތުގައި ހަރުކޮށްފައިވާ އެއާރކޯން ތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް މި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައި ވެއެވެ.
ފ. އަތޮޅުގައި އޭޒޯން ލައިސަންސްގެ ޚިދުމަތްދޭން ފެށުން
ފ. އަތޮޅު ކައުންސިލުން ދެމުން ގެންދިޔަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ސީ.ޒޯން ލައިސަންސް ދިނުން ހުއްޓާލައި އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތްފެށީ 03 އޮކްޓޫބަރ 2023 ގައެވެ. އޭޒޯން ލައިސަންސްގައި ދޫކުރާނީ ޑިޖިޓަލް ކާޑެވެ. ލައިސަންސްކާޑު ދޫކުރާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުންނެވެ.
އޭޒޯން ލައިސަންސްގެ ޚިދުމަތް ދިނުމަށް ފ. ނިލަންދޫގައި ޤާއިމްކުރި ލައިސަންސް ޓްރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ. ޓްރެކް ތައްޔާރު ކުރުމަށް ބޭނުންވާ ބިން ނިލަންދޫ ކައުންސިލުން އަތޮޅު ކައުންސިލާއި ޙަވާލުކުރީ 22 މޭ 2022 ގައެވެ. ޓްރެކް ތައްޔާރު ކުރުމުގެ މަސައްކަތްފެށީ 25 އޮކްޓޫބަރ 2022 ގައެވެ. މަސައްކަތް ނިމުނީ 15 ޖޫން 2023 ގައެވެ. ފ. އަތޮޅު ކައުންސިލުން އޭޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ ދެއްވާފައިވަނީ 13 ޖުލައި 2023 ގައެވެ.
ފ. އަތޮޅުގެ ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ދިނުން
މިއަތޮޅުގެ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެމުންދެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ރައްޔިތުންގެ ނަމުގައެވެ. ނަމަވެސް މިހާރު ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ ޚިދުމަތް ދެމުން ގެންދަނީ ސަރުކާރުގެ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަނުންނެވެ. އެންމެ ފުރަތަމަ އޭރުގެ ޔުޓިލިޓީ ކުންފުންޏަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ދަރަނބޫދޫއެވެ. އެންމެފަހުން މިހާރުގެ ފެނަކަ ކޯޕަރޭޝަނަށް ކަރަންޓް ބަދަލުކުރީ މިއަތޮޅު ނިލަންދޫއެވެ.
ފީއަލީގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 02 އޮކްޓޯބަރ 2014 ގައެވެ. ބިލެއްދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރީ 02 މާރިޗު 2014 ގައެވެ. މަގޫދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 01 އޯގަސްޓް 2013 ގައެވެ. ދަރަނބޫދޫގެ ކަރަންޓް އޭރުގެ ޔުޓިލިޓީ ކުންފުންޏާއި ޙަވާލުކުރީ 2011 ވަނަ އަހަރުއެވެ. ކޮންތާރީޚެއްކަމެއް އެނގޭކަށް ނެތެވެ. ނިލަންދޫގެ ކަރަންޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 22 މޭ 2019 ގައެވެ.
ފ. އަތޮޅުގެ ރަށްރަށުގައި ތައުލީމު ދިނުން
މިއަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ކިޔަވައިދޭން ފަށާފައިވަނީ 20 ފެބްރުއަރީ 1986 ގައެވެ. އަތޮޅު މަދަރުސާ މިހާރު ހުންނަނީ ފީއަލީގައެވެ. އަތޮޅު މަދަރުސާ ކުރިންހުރީ މިއަތޮޅު މަގޫދޫގައެވެ. ފީއަލީގައިހުރި އަތޮޅު މަދަރުސާ އަކީ ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެތެރޭގައި ބިނާކުރެވުނު ސުކޫލު ތަކުގެ ތެރޭގައި ހިމެނޭ މަދަރުސާ އެކެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. ފީއަލީގައި ޢިމާރާތްކުރި އަތޮޅު މަދަރުސާ ހުޅުވާފައިވަނީ 4 މާރޗް 1982 ގައެވެ.
މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޘާނަވީ ފެންވަރަށް މިހާރު ކިޔަވައިދެމުން ގެންދެއެވެ. ނިލަންދުއާއި ބިލެއްދޫގައި ޘާނަވީގެ އިތުރުން މަތީ ޘާނަވީއަށްވެސް ކިޔަވައި ދެމުން ގެންދެއެވެ. މިއަތޮޅުގައި ކިޔަވައިދޭ ތަންތަނުގެ ތެރެއިން އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލްހެދީ 1998 ވަނައަހަރު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެއަހަރު އެމަރުކަޒުގެ 07 ކުދިން ޖީ.ސީ.އީ އޯލެވެލްގައި ބައިވެރި ވެފައި ވެއެވެ. މިއަތޮޅުގެ ހުރިހާ ސްކޫލްތަކަކީ މިހާރު ސަރުކާރުން ހިންގާ ސަރުކާރުގެ ސްކޫލް ތަކެކެވެ.
ޔުނިސެފުގެ އެހީގައި މިއަތޮޅުގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މި ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތްދޭން ފަށާފައިވަނީ 31 އޮކްޓޯބަރ 2006 ގައެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ.
ފ. އަތޮޅުގެ ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދިނުން
މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިހާރު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅުހޮސްޕިޓަލް ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. ނިލަންދޫގައިހުރި ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރީ 16 ޑިސެންބަރ 2006 ގައެވެ. މިއީ ދިވެހި ރާއްޖޭގެ އަތޮޅު ތަކުގައި އެންމެފަހުން ޤާއިމްކުރި އަތޮޅު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން 24 ގަޑިއިރު ޚިދުމަތް ދެމުން ގެންދެއެވެ. މި ހޮސްޕިޓަލްގައި ލެބޯޓްރީގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚިދުމަތުގެ އިތުރުން ލޮލުގެ ޚިދުމަތް ލިބެން ހުރެއެވެ. މީގެ އިތުރުން ކުދިކުދި އޮޕަރޭޝަންތައްވެސް ކުރެވެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ކްލިނިކެއް ޤާއިމްކޮށް ދަތުގެ ޚިދުމަތް ދޭންފެށީ 03 މޭ 2019 ގައެވެ.
މިއަތޮޅުގައި އެންމެ ފުރަތަމަ ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ރަށަކީ މިއަތޮޅު މަގޫދޫއެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ. ބަލިމީހުން ބެލުމަށް އޭގެކުރިން އެމަރުކަޒުގައި ތިބެނީ ކޮމިއުނިޓީ ހެލްތުވޯކަރުންނެވެ. ރަށްރަށުގައި ތިބެނީ ފެމެލީ ހެލްތު ވޯކަރުންނެވެ.
ނިލަންދު ފިޔަވައި އެހެން ރަށްރަށުގައި ހުންނަނީ ޞިއްޙީ މަރުކަޒެވެ. ކޮންމެ މަރުކަޒެއްގައިވެސް ޞިއްޙީ މަރުކަޒުގެ ލެވެލްގެ ނިސްބަތުން ޞިއްޙީ ޚިދުމަތްތައް ލިބެން ހުރެއެވެ. ކޮންމެ މަރުކަޒެއްގައި ޑޮކްޓަރަކާއި މަރުކަޒުގެ ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. އަތޮޅު ހޮސްޕިޓަލްގައި ޢާންމު ބަލިތަކާއި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރަކާއި، މާބަނޑުމީހުންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި ލޮލުގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރަކާއި ހޮސްޕިޓަލް ލެވެލްގެ ނިސްބަތުން ނަރުހުން ތިބެއެވެ. ފ. އަތޮޅުހޮސްޕިޓަލްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަނީ މުޅިންވެސް ދިވެހި ކުދިންނެވެ. މިއަތޮޅުގައި ޞީއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަނަކީ މިހާރު ސަރުކާރުން ހިންގާ ތަންތަނެވެ. އެތަންތަން ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް ކުރަނީ ސަރުކާރުންނެވެ.
ބިކޯކާ ޔުނިވަރސިޓީ އައުޓް ޕޯސްޓް
މިއަތޮޅު މަގޫދޫގައި އިޓަލީ ވިލާތުގެ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ހުރެއެވެ. އިޓަލީވިލާތުގެ ބިކޯކާ ޔުނިވަސިޓީގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން މަގޫދޫއަށްއައިސް މި އައުޓްޕޯސްޓްގައި ތަޢުލީމު ޙާޞިލް ކުރަމުން ގެންދެއެވެ. މިތަނުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ބިކޯކާ ޔުނިވަސިޓީންނެވެ. މިތަން ހުޅުވާފައިވަނީ 28 ޖަނަވަރީ 2011 ގައެވެ.
ފ. އަތޮޅު ރައްޔިތުންގެ ވިޔަފާރި
ފ. އަތޮޅު ރައްޔިތުންގެ ނަމުގައި މިއަތޮޅު ނިލަންދޫގައި ކުރަމުން ގެންދާ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުގެ ކުރީ ކޮޅުގައި އަތޮޅު ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ ފިހާރައެކެވެ. މި ވިޔަފާރި ފައްޓާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައި ވިޔަފާރި ފަށާފައިވަނީ ކޮންތާރީޚެއްގައި ކަމެއް އެނގޭކަށް ނެތެވެ. މަގޫދޫގައި ވިޔަފާރި ކުރަމުން ގެންދިޔައީ އޭރުގެ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. ވިޔަފާރި ފެށިއިރު ކެޕިޓަލަކީ ކިހާވަރެއްކަމެއް އެނގޭކަށް ނެތެވެ.
މަގޫދޫގައި ހުރި އަތޮޅު ރައްޔިތުންގެ ފިހާރަ (ފ. އަތޮޅު ސްޓޯރު) މިއަތޮޅު ނިލަންދޫއަށް ބަދަލުކުރީ 05 މޭ 1999 ގައެވެ. ނިލަންދޫގައި މިވިޔަފާރި ފުރަތަމަ ކުރަމުން ގެންދިޔައީ ނިލަންދޫ ޑޭލައިޓް ކުލަބްގެ ޢިމާރާތުގައެވެ. އެއަށްފަހު ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތުގައެވެ. މިހާރު ވިޔަފާރި ކުރަމުން ގެންދަނީ އަތޮޅު ރައްޔިތުންގެ ނަމުގައި ގަނެފައިވާ ޢިމާރާތެއްގައެވެ. ނިލަންދޫގައި އަތޮޅުސްޓޯރ ހިންގަންފެށީ 02 މުވައްޒަފުންނާއެކުއެވެ. ނަމަވެސް މިހާރު އަތޮޅުސްޓޯރުގައި 07 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެއީ އިދާރީ 05 މުވައްޒަފުންނާއި މަސައްކަތު 02 މީހުންނެވެ. އަތޮޅުސްޓޯރަކީ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުން ގެންދާ، އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ ވިޔަފާރިއެކެވެ.
ފ. އަތޮޅުގައި ބެންކްގެ ޚިދުމަތް ދޭންފެށުން
މިއަތޮޅުގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ދޭންފެށީ 25 ޖަނަވަރީ 2015 ގައެވެ. ބެންކު ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. އެހެންވެސް ބެންކު ތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް މި ބެންކުން ލިބެން ލިބެން ހުރެއެވެ. މި ބޭންކްގެ އޭޓީ އެމް އިން 24 ގަޑިއިރު ފައިސާ ނެގެން ހުރެއެވެ. ބެންކަށް ނުގޮސް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ޤާއިމް ކުރުމުގެ ގޮތުން ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރު އޭޓީއެމް މެޝިނެއް ބެހެއްޓީ 05 އެޕްރީލް 2020 ގައެވެ. މިޚިދުމަތްވެސް 24 ގަޑިއިރު ލިބެންހުރެއެވެ.
ފ. އަތޮޅުގައި މީރާ ކަލެކްޝަން ސެންޓަރެއް ޤާއިމް ކުރުން
މިއަތޮޅު ނިލަންދޫގައި މީރާ ކަލެކްޝަން ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭންފެށީ 04 އޮކްޓޯބަރ 2015 ގައެވެ. މި ކަލެކްޝަން ސެންޓަރ ހުންނަނީ ފ.އަތޮޅުކައުންސިލް އިދާރާ ހިންގާ ޢިމާރާތުގެ ތެރެއިން މި ކަލެކްޝަން ސެންޓަރު ހިންގުމަށް މީރާއަށް ދީފައިވާ ބައިގައެވެ. މިސެންޓަރ ރަސްމީކޮށް ހުޅުވީ 19 އޮކްޓޯބަރ 2017 ގައެވެ. މީރާ ކަލެކްޝަން ސެންޓަރުގައި ކުރިން 03 މުވައްޒަފުން މަސައްކަތްކުރި ނަމަވެސް މިހާރު މަސައްކަތްކުރަނީ 02 މުވައްޒަފުންނެވެ. މާލޭގައި ހުންނަ މީރާ އިން ދޭ ހުރިހާ ޚިދުމަތެއް މިސެންޓަރުންވެސް ދެމުން ގެންދެއެވެ.
މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތް ދިނުން
މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިފްކޯގެ އައިސް ޕްލާންޓެއް މިއަތޮޅު ނިލަންދޫގައި ޤާއިމް ކޮށްފައި ހުރެއެވެ. މި ޕްލާންޓުން ޚިދުމަތް ދޭންފަށާފައިވަނީ 17 އެޕްރީލް 2015 ގައެވެ. މިއީ 25 ޓަނުގެ ޕްލާންޓެކެވެ. މިޕްލާންޓުން ރެއަކާދުވާލު 18 އަދި 20 ޓަނުގެ އައިސް އުފެއްދެއެވެ. މި އައިސް ޕްލާންޓްގައި 05 މުވައްޒަފުން މިހާރު މަސައްކަތް ކުރެއެވެ. ނިލަންދޫގައި ހުރި އައިސް ޕްލާންޓްގެ އިތުރުން މިއަތޮޅު ފީއަލީގައިވެސް މިފްކޯގެ އައިސްޕްލާންޓެއް ހުރެއެވެ. މި އައިސްޕްލާންޓަކީވެސް 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓުންވެސް މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތް ފޯރުކޮށް ދެމުން ގެންދެއެވެ.