އަތޮޅުގެ ރަށްރަށް


ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ ފ.މަގޫދޫ
ފޯނުނަންބަރު: 6740014
ފެކްސް ނަންބަރު: 6740014
އީމެއިލް: fmagoodhoo@gmail.com
* ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ ތަފާސް ހިސާބު

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ ގޫގުލް މެޕް

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަކީ މިއަތޮޅުގައި މީހުންދިރިއުޅޭ ރަށްތަކުގެ މެދުގައި އޮންނަ އާބާދީގެ ގޮތުން 04 ވަނަ ރަށެވެ. މަގޫދޫއަކީ ވަރަށްގިނަ ޒަމާންތަކެއް ވަންދެން ވަންދެން މިއަތޮޅުގެ އަތޮޅުވެރިކަންކުރި ރަށެވެ. މަގޫދޫގައިހުރި އަތޮޅުއޮފީސް މިއަތޮޅު ނިލަންދުއަށް ސަރުކާރުން ބަދަލު ކުރެއްވީ 18 ޖެނުއަރީ 1999 ގައެވެ. މަގޫދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ހިމެނެއެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުނ ވިޔަފާރި ކުރުމާއި ފަންގިވިނުމާއި، ވަޑާންކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތް ކުރެއެވެ.

މަގޫދޫގައި ރައްޔިތުންގެ ނަމުގައި ރަނގަޅު ފެންވަރަކަށް ވިޔަފާރި ކުރަމުން ދެއެވެ. މި ވިޔަފާރިއަކީ މިރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންނަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުންދާ ވިޔަފާރިއެކެވެ. މަގޫދޫ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިން ކާބޯތަކެއްޗާއި، ގޭސް އަދި ޢާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ލިބެން ހުރެއެވެ. މީގެ އިތުރުން ޑީސަލާއި، ޕެޓްރޯލާއި، ޑޮކްޓަރީ ބޭހަކީވެސް މިރަށުގެ ރައްޔިތުންގެ ނަމުގައި ކުރަމުންދާ ވިޔަފާރިއެކެވެ.

ފ.މަގޫދޫ ކައުންސިލްގެ އިދާރާ

މިހާރު މަގޫދޫ ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކޮށްފައިވާ ޢިމާރާތެކެވެ. މަގޫދޫ ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި ޢިމާރާތުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ. އޭރުގެ ކުރިން މަގޫދޫ އޮފީސް ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ޢިމާރާތެއްގައެވެ. މިހާރު މަގޫދޫ ކޯޓު ހިންގަމުން ގެންދަނީ ވަކިޢިމާރާތެއްގައެވެ. ޒަމާނަށް އައި ބަދަލާ ގުޅިގެން އޮފީހުގައިހުރި ރަށްވެހިގެ މިހާރުވަނީ އުވިގެން ގޮސްފައެވެ.

ފ.މަގޫދޫ ސްކޫލް

މަގޫދޫގައި 10 އޮކްޓޯބަރ 1971 އިން ފެށިގެން މަގޫދޫ ސްކޫލުގެ ނަމުގައި ސްކޫލެއް ހިންގަން ފަށާފައި ވެއެވެ. މިސްކޫލު ބަދަލުވެފައިވަނީ ފަހުން މިއަތޮޅުގެ އަތޮޅުމަދަރުސާ އަށެވެ. އަތޮޅުމަދަރުސާ މަގޫދޫގައި ހުރިއިރު އަތޮޅުގެ އެކި ރަށްރަށުގެ ކުދިން އެމަދަރުސާގައި ތަޢުލީމު ޙާޞިލް ކުރަމުން ގޮސްފައި ވެއެވެ. ޖަޕާނު ސަރުކާރުން ފީއަލީގައި ޢިމާރާތްކޮށްދެއްވި މަދަރުސާއާއި ގުޅިގެން މަގޫދޫގައި ހުރި އަތޮޅުމަދަރުސާ ފީއައްޔަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. 09 އޮކްޓޯބަރ 2003 ގައި މަގޫދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ހަމައަށް އެސްކޫލު ހިންގަމުން ގޮސްފައިވަނީ މަގޫދޫ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ.

މިރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން 2003 ވަނަ އަހަރު ސެކަންޑްރީއަށް ކިޔަވައިދޭންފެށި މިސްކޫލުގައި މިހާރު ގްރޭޑް 10 އަށް ކިޔަވައިދެމުން ދެއެވެ. އޭގެ ކުރިން މިސްކޫލުގައި ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށް އެކި ދުވަސްވަރު ކިޔަވައިދެމުން ގޮސްފައި ވެއެވެ. މިސްކޫލުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 2005 ވަނަ އަހަރުއެވެ.

ފ.މަގޫދޫ ޞިއްޙީ މަރުކަޒު

މަގޫދުއަކީ މިއަތޮޅުގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ލިބެންފެށި ފުރަތަމަ ރަށެވެ. މަގޫދުއަކީ ކުރިން އަތޮޅުވެރިކަން ކުރާ ރަށްކަމަށްވުމުންނާއި ޞިއްޙީމަރުކަޒު ހުރި ރަށްކަމަށްވުމުން އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން ރަށުން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް ގޮސްއުޅެނީ މަގޫދުއަށެވެ. ޒަމާނަށް އަންނަ ބަދަލާއި ގުޅިގެން ޞިއްޙީ ޚިދުމަތް ލިބެމުން ގޮސްފައިވަނީ އެކި ދުވަސްވަރު އެކި ވަރަށެވެ. އަތޮޅުގައި އެންމެ ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށީވެސް މިމަރުކަޒުގައެވެ. އެއީ 1994 ވަނަ އަހަރުގައެވެ.

މަގޫދޫ ޞިއްޙީ މަރުކަޒަކީ މިހާރު އަތޮޅު ހޮސްޕިޓަލް ފިޔަވައި ޞިއްޙީ ޚިދުމަތް އަތޮޅުގައި އެންމެ ރަނގަޅަށް ލިބެން ހުރި މަރުކަޒެވެ. އެންމެ ކުރީގައި ޞިއްޙީ ޚިދުމަތް ދެމުން ދިޔައީ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. މިހާރު ޞިއްޙީ މަރުކަޒު ހިންގަމުންދަނީ ރަނގަޅު ފެންވަރަކަށް ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ އިމާރާތެއްގައެވެ. މިހާރު މަގޫދޫ ޞިއްޙީމަރުކަޒުގައި އީ.ސީ.ޖީ. ގެ ޚިދުމަތާއި ލެބޯރޓްރީގެ ޚިދުމަތް ލިބެން ހުރެއެވެ. ލެބޯޓްރީގެ ޚިދުމަތްވެސް އަތޮޅުގައި އެންމެފުރަތަމަ ލިބެންފެށީ މިރަށު ޞިއްޙީމަރުކަޒުގައެވެ.

މިމަރުކަޒުގައި 2004 ވަނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތް ލިބެން ހުރެއެވެ. މަގޫދުއަކީ އަތޮޅުގައި ދެވަނައަށް ތެލަސީމިއާ ކުދިން ގިނަ ރަށެވެ. މަގޫދޫގައި އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ބޭސްހޯދައި ދިނުމުގެ ގޮތުން މިރަށުގެ ރައްޔިތުން ހިންގާ ބޭސްފިހާރައެއް ހުރެއެވެ. ޑޮކްޓަރީ ބޭހުގެ ޚިދުމަތް އަތޮޅުގައި ލިބެންފެށި ފުރަތަމަ ރަށަކީވެސް މަގޫދޫއެވެ.

ފ.މަގޫދޫ އިންޖީނުގެ

މިރަށުގައި އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ދޭންފެށީ 1985 ވަނަ އަހަރު ރައްޔިތުންގެ ގޮތުންނެވެ. އެއީ 5 ކިލޯގެ ޖަނަރޭޓަރަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ދެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00އަށެވެ. ރައްޔިތުންނަށް ދެމުންދިޔަ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް 30 އޯގަސްޓް 1992 ގައި 24 ގަޑި އިރަށް ކަރަންޓުގެ ޚިދުމަތްދޭން ފެށިއެވެ. މިރަށަކީ ރައްޔިތުންގެ ގޮތުން މިއަތޮޅުގައި އެންމެ ފުރަތަމަ 24 ގަޑިއިރަށް ކަރަންޓެދޭންފެށި ފުރަތަމަ ރަށެވެ. މިހާރު މިރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. މަގޫދޫ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ 01 އޯގަސްޓް 2013 ގައެވެ. މަގޫދޫގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ އިބްރާހީމެވެ. މަގޫދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއި ކުރެއްވީ މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ނަޞީރެވެ.

ފ.މަގޫދޫ ޕޮލިސް ސްޓޭޝަން

މަގޫދޫގައި ފުލުހުންގެ ޚިދުމަތް ދިނުމުގެ ގޮތުން މަގޫދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ދޭންފެށީ 13 ފެބްރުވަރީ 2014 ގައެވެ. މަގޫދޫ ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވީ މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ނަޞީރާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދެވެ. މަގޫދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު މަގޫދޫ ޕޮލިސް ސްޓޭޝަންގައި ޤައުމީ ދިދައާއި ފުލުހުންގެދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާރޒް އޮނަރަބްލް ޢުމަރު ނަޞީރާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.

މަގޫދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާއި ފ. މަގޫދޫ ކައުންސިލް މެމްބަރުންނާއި މަގޫދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަގޫދޫ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މަގޫދޫ ޕޮލިސް ސްޓޭޝަން ޤާއިމްކުރި ޢިމާރާތަކީ އެރަށުގެ ރައްޔިތުންގެ ޢިމާރާތެކެވެ.