ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ މިހާރު ހިންގާ ޢިމާރާތުގެ ފޮޓޯ

އަތޮޅު ކައުންސިލްގެ ވިޝަން

އިޤްތިޞާދީގޮތުން ފުދުންތެރި، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ، ތަޢުލީމީ ގޮތުންނާއި ދީނީގޮތުން ހޭލުންތެރި، ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އަމާން އަތޮޅެއް ކަމުގައި ހެދުން

އަތޮޅު ކައުންސިލްގެ މިޝަން

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއެކު، ބިނާކުރަނިވި މުޖްތަމަޢު އަކަށް އަތޮޅު ހެދުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަތޮޅުކައުންސިލް އުފެދުމުގެ ކުރިން މިއިދާރާ ހިނގަމުންއައީ، އަތޮޅު އޮފީހުގެ ނަމުގައެވެ. އަތޮޅު އޮފީސް އުފައްދާފައިވަނީ ކޮންތާރީޚެއްގައި ކަމެއް އެނގޭކަށް ނެތެވެ. އަތޮޅުވެރިކަން ކުރަން ފެށުނީއްސުރެ އަތޮޅުއޮފީސް މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރުމާ ހަމައަށް އަތޮޅުއޮފީސް ހިންގަމުން ގެންދިޔައީ މިއަތޮޅު މަގޫދޫގައެވެ. އަތޮޅުއޮފީސް މިއަތޮޅު ނިލަންދޫއަށް ސަރުކާރުން ބަދަލު ކުރެއްވީ 18 ޖަނަވަރީ 1999 ގައެވެ. ނިލަންދުއަށް އަތޮޅުއޮފީސް ބަދަލުކުރެއްވުމުން ފުރަތަމަ އަތޮޅު އޮފީހުގެ ގޮތުގައި ބޭނުންކުރަމުން ދިޔައީ ނިލަންދޫ އޮފީހެވެ. ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި އޮފީސް ޢިމާރާތަށް މަސައްކަތް ބަދަލުކުރީ 29 ޑިސެންބަރު 2009 ގައެވެ. މި ޢިމާރާތް ރަސްމީކޮށް ހުޅުވީ 31 ޑިސެންބަރު 2009 ގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ 21 ފެބްރުވަރީ 2011 ގައެވެ. މިއިދާރާ އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލް ހިންގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި، އުފައްދާފައިވާ އަތޮޅުކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، އިދާރީ ކަންކަން ކުރުމަށްޓަކައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި ލޯކަލްކައުންސިލްގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 05 ފެބްރުވަރީ 2011 ގައެވެ. އަތޮޅު ކައުންސިލަށް އިންތިޚާބުކުރި 06 މެންބަރުން މެންބަރު ކަމުގެ ހުވާކުރީ 26 ފެބްރުވަރީ 2011 ގައެވެ. އަތޮޅުކައުންސިލްގެ އެންމެ ފުރަތަމަ ރައީސަކީ މިއަތޮޅު ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރެވެ. އަތޮޅުކައުންސިލްގެ އެންމެ ފުރަތަމަ ނައިބްރައީސަކީ މިއަތޮޅު ނިލަންދޫ ފުލޫނިޔާގޭ އަޙްމަދު ޚަލީލެވެ. ފުރަތަމަ ދައުރުގެ އަތޮޅުކައުންސިލްގެ މެންބަރުންނަކީ ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރާއި، ފ.ނިލަންދޫ ފުލޫނިޔާގޭ އަޙްމަދު ޚަލީލުގެ އިތުރުން ފ.ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީ، ފ.ނިލަންދޫ އަތިރީގޭ ޢަބްދުއްލަޠީފް އަޙްމަދު، ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރު އަދި ފ.ބިލެއްދޫ މޫސަލް މޫސާ އިސްމާޢީލެވެ.

ފުރަތަމަ ދައުރުގެ ފުރަތަމަ ރައީސް އިދުރީސް އަބޫބަކުރު މެންބަރުކަމުން އިސްތިޢުފާ ދެއްވުމުން މެންބަރަކަށް އިންތިޚާބުކުރީ ފ.ފީއަލީ އަތިރީގޭ އިބްރާހީމް ނަޢީމެވެ. ފުރަތަމަ ދައުރު ނިމެންދެން ރައީސެއްގެ ގޮތުގައި ހުންނެވީ އިބްރާހީމް ނަޢީމެވެ.

އަތޮޅު ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެބާރު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްސެކެވެ. އަތޮޅު ކައުންސިލަކީ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސްފަރާތެވެ.

އަތޮޅު ކައުންސިލްގެ ކާމިޔާބީތައް

2016 ވަނައަހަރުގެ ޕާރފޯމަންސް އިންޑެކްސްގެ އަތޮޅު ކައުންސިލް ތަކުގެ ރޭންކުން އެންމެ ރަގަނޅު 05 ކައުންސިލްގެ ތެރޭގައި ފ.އަތޮޅު ކައުންސިލް ހިމެނެއެވެ.

ލޯކަލް ކައުންސިލްގެ ޕާރފޯމަންސް އިންޑެކްސްގެ ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބު އިންޑެކުސްގެ ބައިން އަތޮޅު ކައުންސިލްތަކުން އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ޙާޞިލް ކޮށްފައިވާތީ މާރާދަ ހަނދާނީ ފިލައި ފ.އަތޮޅު ކައުންސިލަށް ލިބިފައި ވެއެވެ.

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ ސެކިއުރުޓީ ސަބުއިންޑެކުސްގެ ބައިން އަތޮޅުކައުންސިލް ތަކުން ފ.އަތޮޅު ކައުންސިލް އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ހޯދާފައިވާތީ މާރާދަ ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ އަތޮޅު ކައުންސިލް ތަކުގެ ތެރެއިން ކުރީއަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމެއް ފ.އަތޮޅު ކައުންސިލް ހޯދައި މިބައިން 01 ވަނަ ޙާޞިލް ކޮށްފައިވާތީ ކާންނާ ހަނދާނީ ފިލައި ލިބިފައި ވެއެވެ.