އަތޮޅުގެ ރަށްރަށް

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ

ފ.ނިލަންދޫ ކައުންސިލްގެ އިދާރާ
ފޯނުނަންބަރު: 6740016
ފެކްސް ނަންބަރު: 6740016
އީމެއިލް: nilandhoo@live.com
ސޯޝަލް މީޑިއާ: facebook
ރަށުގެ ތަފާސް ހިސާބު މުޙައްމަދު ޖަލީލު / ރައީސް ޢަލީ މުޙައްމަދު / ނައިބު ރައީސް ޢަބުދުއްލަޠީފު މުޙައްމަދު / މެންބަރ

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދުއަކީ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. މިރަށަކީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގައި އޮންނަ " ފޯއްމަތި " ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.

ނިލަންދޫ އާޘާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައިހުރި ތަނެވެ. ކުރީގައި އެ ވެލިފުނި ވަރަށް އުސްކޮށް އޮވެއެވެ. އެ ތަނަކީ އާޘާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައިވެއެވެ. މި ސަރަހައްދުގައި ކުރީގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެއް އޮންނަ ކަމުގައި ދުވަސްވީ މީހުން ބުނާތީ، 2015 ވަނަ އަހަރު ނިލަންދޫގައި މިނިވަން ފަންސާސް ފާހަގަ ކުރަން ވެގެން މިވެއުކޮނެ މިހާރުވަނީ ރަށަށް ޒިޔާރާތްކުރާ މީހުންނަށް ދައްކަން ބެހެއްޓިފައެވެ. ކުރިން ބޭނުން ކުރަމުން ގެންދިޔަ ވެއު ބައްދާލާފައިވަނީ ވެވަށް ކުދިން ވެއްޓި މަރުވާތީ މީގެ 50 އަހަރު ކުރިން ކަމުގައި ދުވަސްވީ މީހުން ބުނެއެވެ.

މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މިމިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މިމިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ.

ފ.ނިލަންދޫ އާސާރީ މިސްކިތް ފ.ނިލަންދޫގައި އޮންނަ ކުރީޒަމާނުގެ ވެއު

ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތުގޯތި ތެރޭގައިވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ. ނިލަންދޫގެ އާޘާރީ ސަރަހައްދާއިބެހޭ އެކިއެކި ދިރާސާތަކާއި ތަފާތު ހޯދުންތައް ދިވެހިބަހާއި ތާރތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ. ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބަހައްޓާފައި ވެއެވެ.

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ކުރީގެ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއއްޑޫން ދަނޑުވެރިޔަކު ގެނެސް ގިނަބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ވިޔަފާރީގެ އުސޫލުން ހިންގާ ތެއު ސެންޓަރެއް ހުޅަނދު ބަދަނރު ސަރަހައްދުގައި ހުރެއެވެ. މި ސެންޓަރުން ނިލަންދޫގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޑީސަލް، ޕެޓްރޯލް، ކަރާސީނު، ރޮޓެއްލާ، ކާސްޓްރޯލް ހިމެނެއެވެ. ރައްޔިތުންގެ ތެއު ސެންޓަރަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން ގެންދާ ތަނެކެވެ.

ފ.ނިލަންދޫ ކައުންސިލްގެ އިދާރާ

މިއަތޮޅު މަގޫދޫގައިހުރި އަތޮޅުއޮފީސް 18 ޖަނަވަރީ 1999 ގައި ނިލަންދުއަށް ބަދަލު ކުރެއްވުމުން އަތޮޅު އޮފީގުހެ އާ ޢިމާރާތަށް އޮފީސް ބަދަލުވަންދެން އަތޮޅުއޮފީސް ހިންގީ މިހާރު ފ.ނިލަންދޫ ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތުގައެވެ. ނިލަންދޫ އޮފީސް ހިންގާ ޢިމަރާތުގައި އަތޮޅުއޮފީސް ހިންގަން ޖެހުމުން 29 ޑިސެންބަރ 2009 އާއި ހަމައަށް ނިލަންދޫއޮފީސް ހިންގަމުން ގެންދިޔައީ ނިލަންދޫ ބީޗުހައުސްގައާއި، ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫސްކޫލްގެ ނަމުގައި މިހާރު އަތޮޅުސްޓޯރު ހިންގާ ޢިމާރާތުގައެވެ. އެއްދުވަސް ވަރެއްގައި މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ. ނިލަންދޫގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފަށާފައިވަނީ 20 ފެބްރުއަރީ 1986 ގައެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ.

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 އަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ. 2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. އަދި 2008 އިން ފެށިގެން އޭ ލެވެލް ދެސްޓްރީމަށް (ސައިންސާއި ކޮމަރސް) އަށް ކިޔަވާދެމުން ގެންދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ. މިހާރު ފ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ތަޢުލީމީގޮތުން ވަރަށްބޮޑު ކުރިއެރުން ތަކެއް ހޯދަމުން ގެންދާ މަރުކަޒެކެވެ.

ފ.އަތޮޅު ހޮސްޕިޓަލް

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ 1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ރައްޔިތުންގެ ކާޑުގެހުރި ތަނުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށިއެވެ.

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެމަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ރައްޔިތުން ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގެ ޢިމާރާތް މިހާރު ބޭނުން ކުރަމުން ގެންދަނީ ނިލަންދޫ ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށެވެ.

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި 1998 ވަނައަހަރު ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ. ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ.

ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް މިހާރު އަތޮޅު ހޮސްޕިޓަލުން ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން ހުރެއެވެ.

ފ.ނިލަންދޫ އިންޖީނުގެ

ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ނިލަންދޫގެ އަމިއްލަ 02 ފަރާތަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައެވެ. ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށިގެންވާ ގޮތަކަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ފެށިއެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން މީސްމީހުންގެ އަތުން ފައިސާ ނަގައިގެންނާއި އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތްކޮށްގެން 23.5 ކިލޯވޯޓުގެ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޖަނަރޭޓަރު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ދިވެހިރާއްޖޭގެ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ.

ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށިއެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ. މިހާރުވެސް ނިލަންދޫގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދަނީ ރައްޔިތުންގެ ގޮތުންނެވެ.

ބެންކް އޮފް މޯލްޑިވްސް ފ.ނިލަންދޫ ބުރާންޗު

މިއަތޮޅު ނިލަންދޫގައި ބެންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް ހުރެއެވެ. މިތަން ހުޅުވައި ދެއްވީ 25 ޖަނަވަރީ 2015 ގައި އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މިބޭންކުގައި 24 ގަޑިއިރު އޭ.ޓީ. އެމްގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި އެހެން ބެންކު ތަކުންވެސް ލިބެން ހުންނަ ޢާންމު ޚިދުމަތްތައް މިބެންކުން ލިބެން ހުރެއެވެ. މިބެންކަކީ ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި އެންމެ ފަހުން ހުޅުވި ބެންކެވެ. މިބެންކު ހުޅުވިގެން ދިއުމަކީ މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހަ ކަމެކެވެ.