އަތޮޅުގެ ރަށްރަށް
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ ކައުންސިލްގެ އިދާރާ ފ.ބިލެއްދޫ ފޯނުނަންބަރު: 6740013 ފެކްސް ނަންބަރު: 6740013 އީމެއިލް: bilehdhoo@hotmail.com |
* ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫގެ ތަފާސް ހިސާބު |
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ |
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫގެ ގޫގުލް މެޕް |
ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދުއަކީ މިއަތޮޅުގައި މީހުންދިރިއުޅޭ 5 ރަށުގެތެރެއިން އުތުރުން ދެވަނައަށް އޮންނަ އާބާދީގެ ގޮތުން ދެވަނަ ރަށެވެ. މިރަށުގެ މީހުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުންކުރާ މަސްވެރިކަމުގެ ތެރޭގައި ފާނައިގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. މިރަށަކީ ފާނަ މަސްވެރިކަމުގައި މިއަތޮޅުން އެންމެ ފާހަގަކުރެވޭ އަދި ކުރީ ޒަމާނުގައި ދޮށީގެ މަސްވެރިކަމަށްވެސް އެންމެ ފާހަގަކުރެވޭ ރަށެވެ. މިރަށު މީހުން މިހާރު އެންމެ ގިނައިން ކޮށްއުޅެނީ ފާނައިގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
ފ.ބިލެއްދޫ ކައުންސިލްގެ އިދާރާ |
ބިލެއްދޫ ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ކުރިން ބިލެތްދޫ ސްކޫލް ހިންގި 04 ކްލާސްރޫމް އިމާރާތެވެ. މިޒަމާނާއި އެއްގޮތަށް އޮފީސްހިންގާ ޢިމާރާތަކަށް މިޢިމާރާތް ބަދަލުކޮށް މިޢިމާރާތުގައި ބިލެއްދޫ އޮފީހާއި ބިލެއްދޫކޯޓް ހިންގަން ފަށާފައިވަނީ 06 ޖުލައި 2003 ގައެވެ. މިހާރު ބިލެއްދޫ ކައުންސިލް އިދާރާ ހިންގާ ޢިމާރާތަކީ އެރަށުގެ ރައްޔިތުންގެ ޢިމާރާތެކެވެ. ކުރިން ބިލެއްދޫ އޮފީސް ހިންގާފައިވަނީވެސް އެރަށުގެ ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރު ކޯޓާއި ރަށްވެހިގެ ހުރީވެސް އެ ޢިމާރާތުގައެވެ.
ފ.ބިލެއްދޫ ސްކޫލް |
ބިލެއްދޫސްކޫލު މިހާރު ހިންގަމުން ގެންދަނީ ދަނީ ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި ޢިމާރާތުގައެވެ. އެ ޢިމާރާތުގައި ކިޔަވައިދޭން ފަށާފައިވަނީ 1997 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ތެރޭގައެވެ. މިހާރު ބިލެއްދޫ ސްކޫލު ހިންގާ ޢިމާރާތަށް ބަދަލުވުމުގެ ކުރިން ބިލެއްދޫސްކޫލު ހިންގާފައިވަނީ މިހާރު ބިލެއްދޫ އޮފީސް ހިންގާ ޢިމާރާތުގައެވެ. ބިލެއްދޫ އޮފީސް މިހާރު ހިންގާ ޢިމާރާތުގައި ކިޔަވައިދޭން ފެށުމުގެ ކުރިން ބިލެއްދޫގައި ކިޔަވައި ދެމުން ގޮސްފައިވަނީ މިރަށު ރައްޔިތުން ފަނުން ހަދާފައިވާ މަދަރުސާއެއްގައި ވަރަށް އާދައިގެ ގޮތަކަށެވެ.
ބިލެއްދޫސްކޫލުގައި 1998 ވަނަ އަހަރުގެ ނިޔަލަށް ކިޔަވައި ދެމުން ގޮސްފައިވަނީ އެކި ދުވަސްވަރު ގްރޭޑް 5 ގެ ފެންވަރަށް އަދި ގްރޭޑް 7 ގެ ފެންވަރަށެވެ. 1999 ވަނަ އަހަރުންފެށިގެން ސެކަންޑަރީއަށް ކިޔަވައިދޭން ފެށި މިމަދަރުސާގައި މިހާރު އޭ ލެވެލްއަށް ކިޔަވައި ދެމުންދެއެވެ. ޖީ.ސީ.އީ އޯލެވެލް ފުރަތަމަ ހަދާފައިވަނީ 2001ވަނަ އަހަރު 22 ކުދިންނެވެ. ރައްޔިތުންގެ ގޮތުން ހިންގަމުން ދިޔަ މިސްކޫލް 01 އޯގަސްޓް 2005 ގައިވަނީ ސަރުކާރު ސްކޫލަކަށް ބަދަލު ކުރައްވާފައެވެ.
ފ.ބިލެއްދޫ ޞިއްޙީ މަރުކަޒު |
2 އޯގަސްޓް 1983 ގެ ކުރިން މިރަށުގައި ޞިއްޙީ ޚިދުމަތް ދެމުން ގެންދިޔައީ ފަރުދީ ގޮތެއްގައި ދިވެހި ބޭސްވެރިއެކެވެ. ނަމަވެސް މި ދެންނެވި ތާރީޚުން ފެށިގެން ޢާއިލާގެ އެހީތެރިއެއްގެ ޚިދުމަތް ލިބެންފެށިއެވެ. އޭރު ފެމިލީ ހެލްތު ސެކްޝަން ހުންނަނީ ބިލެއްދޫ އޮފީހުގައެވެ. ބިލެއްދޫގައި ޞިއްޙީ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ސަރުކާރާއި ބިލެއްދޫ ރައްޔިތުން ގުޅިގެން ބިލެއްދޫގައި ޢިމާރާތްކުރި ހެލްތުޕޯސްޓުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 ޖުލައި 2005 ގައެވެ. 01 އޭޕްރީލް 2006 ން ފެށިގެން ހެލްތުޕޯސްޓުވަނީ ޞިއްޙީ މަރުކަޒަކަށް ބަދަލުކުރައްވާފައެވެ. މިހާރު ބިލެއްދޫޞިއްޙީ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް ލިބެމުންދެއެވެ. މިމަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ލިބެމުން ދެއެވެ.
ފ.ބިލެއްދޫ އިންޖީނުގެ |
ބިލެއްދޫގައި އެންމެފުރަތަމަ ކަރަންޓު ދޭންފެށީ 1980 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ވަރަށް އާދައިގެ ގޮތަކަށެވެ. އެއިރު ކަރަންޓް ދެމުންދިޔައީ އިރުއޮއްސި 6:00 ންރޭގަނޑު 11:00 އަށެވެ. ބިލެއްދޫގައި އަމިއްލަ 5 ފަރާތަކުން އެރަށު ރައްޔިތުންނަށް ދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ރައްޔިތުންގެ ނަމުގައި އެރަށުގައި ކަރަންޓެއް ޤާއިމު ކުރުމަށްޓަކައި ބިލެއްދޫގެ ރައްޔިތުން މަސައްކަތްކޮށްގެން ޤާއިމުކުރި ކަރަންޓުގެ ޚިދުމަތް ބިލެއްދޫ ރައްޔިތުންނަށް ދޭންފެށީ 01 ޖެނުއަރީ 1998 ގައި24 ގަޑި އިރަށެވެ. މިހާރު މިރަށުގެ ކަރަންޓުގެ ޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުންނެވެ.