ނިލަންދެއަތޮޅު އުތުރުބުރީގެ ތާރީޚު

# އަތޮޅާބެހޭ އިތުރު މަޢުލޫމާތު

ނިލަންދެއަތޮޅު އުތުރުބުރި

ނިލަންދެއަތޮޅު އުތުރުބުރިއަކީ އަރިއަތޮޅުގެ ދެކުނަށް ރާއްޖޭގެ ދެކުނު ދުނީގައި އޮތް އަތޮޅެކެވެ. މިއަތޮޅާއި ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއާއި ދެމެދުގައި ހުންނަނީ 70 މޭލެވެ. މިއަތޮޅުގެ ބޮޑުމިނަކީ އުތުރުން ދެކުނަށް ގާތްގަނޑަކަށް ¾16 މޭލު، އަދި އިރުން ހުޅަގަށް ގާތްގަނޑަކަށް ½14 މޭލެވެ. އަތޮޅުއޮތީ އުތުރުޢަރުޟުން °03-03 އާއި °03-20 ދެމެދުއެވެ. މިއަތޮޅާއި އަރިއަތޮޅާއި ދެމެދުގައި އޮތީ އަރިއަދޫ ކަނޑެވެ. އަތޮޅުގެ އިރުންއޮތީ ހަތަރުއަތޮޅުގެ މެދުގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނޑެވެ.

މިއަތޮޅުގައި މީހުން ދިރިއުޅެނީ 05 ރަށުގައެވެ. ކުރިން މީހުން ދިރިއުޅެމުން ގެންދިޔައީ ހިމިއްޗާއެކު 06 ރަށުގައެވެ. ހިމިއްޗަކީ މިހާރު ފަޅު ރަށެކެވެ. މިހާރު މީހުން ދިރިއުޅެނީ ފީއަލީ، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ، ނިލަންދޫ ގައެވެ. މިއަތޮޅުގައި ކުރިން ވެރިކަން ކުރަމުން ގެންދިޔައީ މަގޫދޫގައެވެ. މިހާރު ވެރިކަން ކުރަނީ ނިލަންދޫ ގައެވެ. ނިލަންދޫގައި ވެރިކަން ކުރަންފެށީ 18 ޖަނަވަރީ 1999 ގައެވެ.

މިއަތޮޅުގައި މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ވަޒީފާ އަދާކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ. މިއަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. މިއަތޮޅު މާފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ. މިހާރު ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރީގެ މަސައްކަތް ކުރަމުން ގެންދެއެވެ.

މިއަތޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ބުޑިސްޓުން ރާއްޖޭގައި އުޅުނު ޒަމާނުގައި ވަރަށް މުހިންމު އަތޮޅެކެވެ. އަތޮޅުގެނަން ނިސްބަތްވަނީ އަތޮޅުގެ ދެކުނު ދުނީގައި އޮތް ނިލަންދުއަށެވެ. އަދި މިހާރުގެ ވެރިރަށަކީވެސް ނިލަންދުއެވެ. މިއަތޮޅުގައި ތާރީޚީގޮތުން ފާހަގަ ކުރެވޭ ދެ ރަށަކީ މިއަތޮޅު ނިލަންދުއާއި ހިމިއްޗެވެ. މިއަތޮޅު ނިލަންދޫއަކީ ބުޑިސްޓް މޮނާސްޓްރީއެއް ހުރި ރަށެކެވެ.

ނިލަންދެ އަތޮޅުގެ ނަން ނިސްބަތްވަނީ އިންޑިޔާގެ ބިހާރު ސްޓޭޓް ހިމެނޭ ސަރަހައްދުގައި އޮތް ޤަދީމީ ބުޑިސްޓް ރަސްކަމެއްގައި މީލާދީން 05 ވަނަ ޤަރުނުން 12 ވަނަ ޤަރުނާ ދެމެދު ޤާއިމްވެފައި އޮތް "ނާލަންދަ" ނަމަކަށް ކިއުނު ބޮޑު މޮނާސްޓްރީ އެއްގެ ނަމާއި ގުޅުވައިގެން ކަމަށް ނަސީމާ މުޙައްމަދު ކަލޭފާނާއި ޑރ ރަގުބަތީ ބުރަވެ ވަޑައިގެންފައި ވެއެވެ. ތާރީޚީ ޢިލްމުވެރިން "ނާލަންދަ" ސިފަކުރަނީ ބޮޑު ދަރުސްގާހެއްގެ ގޮތުގައެވެ. މިނަމުގެ އަޞްލާމެދު ތާރީޚް ދިރާސާ ކުރައްވާ އެހެން ބޭފުޅުންގެ ރައުޔު ތަފާތެވެ. ތަމަޅަބަހުން "ނިލަން" ކިޔަނީ ރަށަށް ކަމުގައިވާތީ، އެއީ ތަމަޅަބަހުން އައިސްފައި އޮތް ނަމެއްކަމަށް ބައެއް ބޭފުޅުން ބުރަވެ ވަޑައިގަންނަވައެވެ. އަދި ހިންދޫންގެ ކަލާންގެއެއް ކަމަށްވާ ހަނޫމާނުގެ ލަޝްކަރުގެ މުޤައްދިމަކަށް "ނިލަން" ކިޔާތީ މިއީ ހިންދޫންގެ އަސަރު ކަމަށްވެސް ބައެއް ބޭފުޅުން ޤަބޫލް ކުރައްވައެވެ.

މިއަތޮޅުގައި އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުންނާއި ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މިއަތޮޅުގައި އަތޮޅުވެރިކަން ކުރައްވާފައިވަނީ 35 ބޭފުޅުންނެވެ. މިއަތޮޅުގެ އަތޮޅުވެރިކަން އެންމެ ފުރަތަމަ ކުރައްވާފައިވާކަން އެނގިފައިވަނީ 1904 ވަނަ އަހަރު މާފަތްގޭ ޙަސަންމަނިކެވެ. މިއަތޮޅުގެ އަތޮޅުވެރިކަން އެންމެފަހުން ކުރައްވާފައިވަނީ 2008 ވަނައަހަރުގައި ޙުސައިން ޢަބްދުލް ވާޙިދެވެ. މިއަތޮޅަށް އުފަން މިއަތޮޅުގެ 04 ބޭފުޅުންވެސް މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ.

އަތޮޅުވެރިކަން ކުރައްވާފައިވާ މިއަތޮޅުގެ ބޭފުޅުންނަކީ ފީއަލި އަލްފާޟިލް ޒަކަރިއްޔާ ޙަމީދާއި، ފީއަލީ އޯކިޑްވިލާ އަލްފާޟިލް އިބްރާހީމް މޫސާއާއި، ބިލެއްދޫ ބަގީޗާގޭ އަލްފާޟިލް މޫސާ ޢަބްދުއްރަޙްމާނާއި އަދި ނިލަންދޫ ފިނިފެންމާގޭ އަލްފާޟިލް ޙަސަން ޙަމީދެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކުރަމުން ގެންދިޔަ އަތޮޅުވެރިކަމަށް މީހުން ޢައްޔަންކުރުން 2009 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ އަތޮޅުވެރިކަން ނިލަންދުއަށް ބަދަލުކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް އުފައްދާފައިވަނީ ކޮންތާރީޚެއްގައި ކަމެއް އެނގޭކަށް ނެތެވެ. މިއަތޮޅުގައި އަތޮޅުވެރިކަން ކުރަން ފެށުނީއްސުރެ އަތޮޅުގެ ވެރިކަން މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރުމާ ހަމައަށް އަތޮޅުއޮފީސް ހިންގަމުން ގެންދިޔައީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައި އަތޮޅުގެ ވެރިކަން ކުރަންފެށި ތާރީޚެއްވެސް އެނގޭކަށް ނެތެވެ. މަގޫދޫގައިހުރި އަތޮޅުއޮފީސް މިއަތޮޅު ނިލަންދުއަށް ބަދަލު ކުރެއްވީ 18 ޖަނަވަރީ 1999 ގައެވެ. އޭރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިޔަކީ މ.ފީއަލި އަލްފާޟިލް ޒަކަރިއްޔާ ޙަމީދެވެ.

އަތޮޅު އޮފީހުގެ ދިދަ ރަސްމީގޮތުން ނަންގަވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި 24 ޖަނަވަރީ 1999 ގައި އޭރުގެ ނިލަންދޫ ކުޑަކަތީބު އަލްފާޟިލް އިބުރާހީމް ޚަލީލެވެ. މިރަސްމިއްޔާތުގައި އޭރުގެ މިނިސްޓަރ އޮފް އެޓޮލޮސް ޑިވެލޮޕްމެންޓު އަލްފާޟިލް ޢަބުދުﷲ ޙަމީދާއި، އޭރުގެ ފ.އަތޮޅު ވެރިޔާ އަލްފާޟިލް ޒަކަރިއްޔާ ޙަމީދު ބައިވެރިވެ ވަޑައިގަތެވެ.

އަތޮޅުވެރިން ހުންނެވުމަށް އަތޮޅު ގެއެއްގެ ގޮތުގައި ފުރަތަމަ ބޭނުންކުރީ ނިލަންދޫ ރައްޔިތުންގެ ރަށްވެހިގެއެވެ. ނަމަވެސް 03 ނޮވެމްބަރ 2002 އިން ފެށިގެން އަތޮޅު ގެއެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި އަތޮޅުގޭ ޢިމާރާތެވެ. އަތޮޅު އޮފީހުގެ ގޮތުގައި ބޭނުންކުރަމުން ދިޔައީ ނިލަންދޫ އޮފީހެވެ. އަތޮޅުއޮފީސް ހިންގުމަށް ނިލަންދޫގައި އަލަށް ޢިމާރާތް ކޮށްދެއްވި އޮފީސް ޢިމާރާތަށް މަސައްކަތް ބަދަލުކުރީ 29 ޑިސެންބަރު 2009 ގައެވެ. މިޢިމާރާތް ރަސްމީކޮށް ހުޅުވީ 31 ޑިސެންބަރު 2009 ގައެވެ.

އަތޮޅުވެރިންގެ ބަދަލުގައި އަތޮޅުތައް ހިންގުމަށް ކައުންސިލަރުން ޢައްޔަންކުރުން

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އަތޮޅު ތަކުގައި ކުރަމުން ގެންދިޔަ އަތޮޅުވެރިކަމަށް މީހުން ޢައްޔަންކުރުން 2009 ވަނަ އަހަރުން ފެށިގެން ހުއްޓާލައި، އަތޮޅުތައް ހިންގުމަށް ކައުންސިލަރުން ޢައްޔަންކުރާ ގޮތަށް ސަރުކާރުން ނިންމަވައި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް ހިންގުމަށް ކައުންސިލަރެއްގެ ގޮތުގައި 05 ޖަނަވަރީ 2009 ގައި ޢައްޔަން ކުރެއްވީ ފ.ނިލަންދޫ ޢަޒުމް އަލްފާޟިލް އިބުރާހީމް ޚަލީލެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އުފެއްދުމާއި އަތޮޅުކައުންސިލަށް މެންބަރުން އިންތިޚާބު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީހުގެނަން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވީ ޤާނޫނު (ޤާނޫނު ނަންބަރު: 07/2010) ގެ 127 ވަނަ މާއްދާގެ ދަށުން 21 ފެބްރުވަރީ 2011 ގައެވެ. އަތޮޅުކައުންސިލަކީ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އެންމެ ފުރަތަމަ އިންތިޚާބުކުރި 06 މެންބަރުންނަކީ ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރު، ފ.ނިލަންދޫ ފުލޫނިޔާގޭ އަޙްމަދު ޚަލީލު، ފ.ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީ، ފ.ނިލަންދޫ އަތިރީގޭ ޢަބްދުއްލަޠީފް އަޙްމަދު، ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރު އަދި ފ.ބިލެއްދޫ މޫސަލް މޫސާ އިސްމާޢީލެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އެންމެ ފުރަތަމަ އިންތިޚާބުކުރި 06 މެންބަރުން މެންބަރު ކަމުގެ ހުވާކުރީ 26 ފެބްރުވަރީ 2011 ގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތުއޮތީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ ރައީސަކީ ފ.ފީއަލީ ޖަވާހިރުމާގޭ އިދުރީސް އަބޫބަކުރެވެ. އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ ނައިބު ރައީސަކީ ފ.ނިލަންދޫ ފުލޫނިޔާގޭ އަޙުމަދު ޚަލީލެވެ. ކައުންސިލްގެ ދައުރަކީ މެންބަރުން ހުވާކުރާ ތާރީޚުން ފެށިގެން 03 އަހަރެވެ.

މުޅި އަތޮޅުގެމީހުން ވޯޓުލައިގެން ފުރަތަމަ ފަހަރަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް އިންތިޚާބުކުރި 03 މެންބަރުންނަކީ ފ.މަގޫދޫ ސަލްޖަމްގޭ ޢުމަރު ޒާހިރު، ފ.ދަރަނބޫދޫ ވާރޭވިލާ މަޙުމޫދު އަޙުމަދު އަދި ފ.ނިލަންދޫ އެދުރުގޭ ޢަބްދުލް ޤާދިރު މުޙައްމަދެވެ.

ފ. ދަރަނބޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގައި ސޯލާޕެނަލް ހަރުކުރުން

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން ސޯލާޕެނަލް ބޭނުން ކޮށްގެން އެންމެ ފުރަތަމަ އެއާރކޯންކުރި މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއް ތަޤްވާ މިސްކިތެވެ. މިސްކިތްތަކުގައި ސޯލާޕެނަލް ހަރުކުރުމުގެ މަޝްރޫޢު ފައްޓަވައި ދެއްވީ 27 މާރިޗު 2019 ވަނަ ދުވަހު ދަރަނބޫދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު އޮންރަބުލް ޑރ އަޙުމަދު ޒާހިރެވެ. ދަރަނބޫދޫގެ މިމިސްކިތުގައި ހަރުކޮށްފައިވާ އެއާރކޯން ތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމަށް ބޭނުންވާ ސޯލާޕެނަލް މި މިސްކިތުގެ ފުރާޅުގައި ހަރުކޮށްފައި ވެއެވެ.

މިއަތޮޅުގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުން

01 ސެޕްޓެންބަރ 2004 ގައި ފުލުހުން އުފެއްދެވުމާ ގުޅިގެން 21 އޭޕްރީލް 2003 ގައި މިއަތޮޅު ނިލަންދޫގައި ޤާއިމު ކޮށްފައިވާ އެން.އެސް.އެސް ނިލަންދޫ މަރުކަޒުގެނަން އެތާރީޚުން ފެށިގެން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމަށް ބަދަލުކޮށް، އެތާރީޚުން ފެށިގެން ފުލުހުންގެ ޚިދުމަތްދޭން ފަށާފައި ވެއެވެ. މިއަތޮޅުގައި ދެވަނައަށް ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭންފެށީ 13 ފެބްރުވަރީ 2014 ގައެވެ. މިއަތޮޅުގައި ތިންވަނައަށް ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރީ މިއަތޮޅު ބިލެއްދޫގައެވެ. ބިލެއްދޫގައި ޕޮލިސްސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭންފެށީ 25 އެޕްރީލް 2019 ގައެވެ. މިއަތޮޅު ދަރަނބޫދޫއާއި، ފީއަލީގައި ޤާއިމްކޮށްފައިވަނީ ޕޮލިސް ޕޯސްޓެވެ. މި ދެރަށުގައި ޕޮލިސް ޕޯސްޓް ޤާއިމްކޮށް ޚިދުމަތް ދޭންފެށީ 10 ޑިސެންބަރ 2022 ގައެވެ. މި ދެރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމް ކުރުމުން މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ މަރުކަޒު ޤާއިމްވީއެވެ. މިއަތޮޅުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒު ތަކުގެ ތެރެއިން އަތޮޅު ޕޮލިސް ސްޓޭޝަން ހުންނަނީ މިއަތޮޅު ނިލަންދޫގައެވެ. މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ މަރުކަޒު ޤާއިމްކޮށްފައިވަނީ ރަށްރަށުގެ ރައްޔިތުންގެ ޢިމާރާތުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އޭޒޯން ލައިސަންސްގެ ޚިދުމަތްދޭން ފެށުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް 03 އޮކްޓޫބަރ 2023 އިން ފެށިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭން ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު، މީގެކުރިން ދޫކުރަމުން ގެންދިޔަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ސީ ޒޯން ލައިސަންސް ދޫކުރުން އެތާރީޚުންފެށިގެން ވަނީ ހުއްޓާލާފައެވެ. އަލަށް ދޫކުރަންފެށި އޭޒޯން ލައިސަންސްގައި ދޫކުރާނީ ޑިޖިޓަލް ކާޑެވެ. ސީ. ޒޯން ލައިސަންސްގައި ދޫކުރަމުން ގެންދިޔައީ ފޮތެވެ.

ލައިސަންސް ޓްރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ. ޓްރެކް ތައްޔާރު ކުރުމަށް ބޭނުންވާ ބިން ނިލަންދޫ ކައުންސިލުން އަތޮޅު ކައުންސިލާއި ޙަވާލުކުރީ 22 މޭ 2022 ގައެވެ. ޓްރެކް ތައްޔާރު ކުރުމުގެ މަސައްކަތްފެށީ 25 އޮކްޓޫބަރ 2022 ގައެވެ. މަސައްކަތް ނިމުނީ 15 ޖޫން 2023 ގައެވެ. ޚިދުމަތް ދިނުމަށްފެށިއިރު ޓްރެކްގެ ނަމުނާގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވަނީ ފުރިހަމަކޮށްފައެވެ.

އޭޒޯން ލައިސަންސްގެ ޚިދުމަތް ދިނުމަށް މިއަތޮޅު ނިލަންދޫގައި ތައްޔާރުކުރި ލައިސަންސް ޓްރެކަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރު ކޮށްފައިވާ ޓްރެކެކެވެ. މިޓްރެކް ތައްޔާރު ކޮށްފައިވާގޮތް އެމިނިސްޓްރީން ޗެކް ކުރެއްވުމަށްފަހު މިއަތޮޅުގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ ދެއްވާފައިވަނީ 13 ޖުލައި 2023 ގައެވެ.

ޢަބްދުﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު)

ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ ނިލަންދެއަތޮޅު އުތުރުބުރީ ހިމިތީ މާލިމީ އިސްމާޢީލް ކަލޭފާނުގެ ދަރިކަލުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދެއަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ފެބްރުވަރީ 1902, 01 ޒުލްޤަޢިދާ 1319 ވީ ހޯމަ ދުވަހު މިއަތޮޅު ހިމިތީގައެވެ.

ޢަބްދުﷲ އިސްމާޢީލް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ އިސްމާޢީލް ކަލޭފާނުގެ ތުއްތުގެ ނަމުންނެވެ. އަދި ވަރަށްގިނަ ބައެއްގެ ތުއްތު ސާހިބުގެ ގޮތުންނެވެ. ތުއްތު އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލް ކުރެއްވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. އެއަށްފަހު ރަންފުޅު ޅަހުއްތުގެ އަރިހުންނެވެ. ހިސާބު ޢިލްމާއި ނެވިކަމުގެ ޢިލްމު ދަސްކުރެއްވީ އޭނާގެ އަރިހުންނެވެ.

ޢަބްދުﷲ އިސްމާޢީލަކީ ހިސާބު ޢިލްމާއި ނިޔަމިކަމުގައި މުޅި ދިވެހި ރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް "ނޫރީން" ފޮތުން ތުއްތު ސާހިބު ކުށެއް ހޯއްދެވިއެވެ. އަދި ތުއްތަކީ އޮޑިޓް ކުރުމާއި ބިން ސާވޭ ކުރުމުގައިވެސް އަރާ ހުންނެވި ފަންނުވެރިއެކެވެ. މޮޅު ލިއުންތެރިއެކެވެ. އަހަރުގެ ކޮންމެ ދުވަހެއްގައިވިއަސް ހިޔަނި ހުންނަ މިޞްރާބަށް ބަލައިގެން ޤިބުލަ ހޯދުމަކީ ތުއްތު ސާހިބުގެ ޚާއްޞަ ފަންނެކެވެ.

ތުއްތަކީ އިނގިރޭސި، އަރަބި އަދި އުރުދޫބަސް ރަގަނޅަށް ދެނެވަޑައިގެން ހުންނެވި ދިވެހި ރާއްޖޭގައި އެޒަމާނުގެ ހިސާބު ޢިލްމުގެ އެދުރެވެ. މޮޅު މާލިމީއެކެވެ. ތުއްތަށް ލިބިވަޑައިގެން ހުންނެވި މި ޢިލްމު ފަތުރުއްވައި އުގަންނައި ދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. އެގޮތުން އަމިއްލަ ގޭގައި ކިލާސް ހައްދަވައިގެން ކުޑަކުދިންނަށާއި ބޮޑަތި މީހުންނަށް ހިސާބު ޖައްސަވައި ދެއްވިއެވެ. ޚާއްޞަކޮށް ނިޔަމިކަމުގެ ހިސާބު ޖައްސަވައި ދެއްވައި މި ޢިލްމު އެތައް ބަޔަކަށް އުގަންނައި ދެއްވިއެވެ.

ތުއްތަކީ ދިވެހި އަދަބިއްޔާތަށްވެސް ލޯބި ކުރެއްވި އަދަބީ ބޭފުޅެއްވެސް މެއެވެ. އަޅުގަނޑުމެން މިއަދު މިދެކޭ ރަދީފު ތަކުގެ ފުރަތަމަ ފޮތްތައް ރާވައި ތަރުތީބު ކުރައްވާފައިވަނީ ތުއްތެވެ. ތުއްތަކީ ކުއްލި ޖަވާބާއި ބަހުގެ ސަމާސާތަކާއި ދެ މާނަ ހުންނަގޮތަށް ބަސް ބޭނުން ކުރެއްވުމުގައި ލާމަސީލު ބޭފުޅެކެވެ. ބޭރުބަސް ދިވެހި ކުރެއްވުމުގައިވެސް އަރާހުންނެވި ބޭކަލެކެވެ. މިސާލަކަށް ދަހަމަލަ ކަސްރު (ޑެސިމަލް ފްރެކްޝަން) ބައިހިމަނާ (ނިއުމަރޭޓަރ) ބައިކުރާ (ޑިނޯމިނޭޓަރ) ބައިވެރިވާ އެންމެ ދަށުގުނަ ބ.ދ.ގ (އެލް.ސީ.އެމް) ބައިވެރިވާ އެންމެމަތީ ބަހާ ބ.މ.ބ (އެޗް.ސީ.އެފް) މިހުރީ ހައްތާވެސް ތުއްތު ދިވެހި ބަހަށް ގެންނަވާފައިވާ ބަސްތަކެވެ. އަލްއަމީރު މުޙައްމަދު އަމީނުގެ ދައުރުގައި އުފެދުނު ބަސްކޮމެޓީގެ މެންބަރެއްގެ ގޮތުގައިވެސް ތުއްތު މަސައްކަތް ކުރައްވާފައި ވެއެވެ.

ތުއްތު ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ އެހެންވެސް ރޮނގެއް އެބައޮތެވެ. އެއީ އަކުރު އުފެއްދެވުމެވެ. އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި ތާނައަކީ ރާއްޖެތެރޭގެ މީހަކު އަތިރީގޭ ދޯނިކޮޅަށް ވެދުމަށް އެރުވި ދިޔަހިއްކާފާއެއްގައި "އަތިރީގެ" މިހެން ނަންއަޅާލި ދެތިން އަކުރުން އުފެދިގެންއައި އަކުރު ތަކެކެވެ. މި އަކުރުތައް އެންމެ ހަތަރުއަކުރު ނަމޫނާއަކަށް ބައްލަވައިގެން މުޅި ހަށަނަރަ ފުރިހަމަ ކުރައްވައި، އޭގެ އެކިސައިޒް އުފައްދަވައި، އެ އަކުރުތަކަށް ފިލިދެއްވައި މިޒަމާނުގެ ލެޓަރ ޕްރެސްއާއި އެއްވަރަށް އަކުރުތަކުން ތައްގަނޑު ހެއްދެވިއެވެ. ތުއްތަކީ ވަރަށް އަވަހަށް އެހާމެ ރީތިކޮށް ޢަރަބި ތާނަވެސް ލިއުއްވި ބޭފުޅެއްވެސް މެއެވެ.

އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ ސަރުކާރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާދިމެކެވެ. ތުއްތު އަދާކުރެއްވި މުހިންމު ވަޒީފާ ތަކުގެ ތެރޭގައި ބޮޑުނާކޮޅުގެ މާލިމީކަން، ޗާޕްޚާނާގެ މެނޭޖަރުކަން، މަދުރަސަތުއް ސަނިއްޔާއާއި، މަދަރުސަތުލް މަޖީދިއްޔާގެ ހިސާބު ޢިލްމުގެ މަތީ މުދައްރިސްކަން، މަޢާރިފްގެ ނިޔަމިކަމުގެ މުދައްރިސްކަން، ސަރުކާރުގެ ގަޑިތައް ހަމަކުރުމުގެ އެދުރުކަން ހިމެނެއެވެ. އަދި ދިވެހިން ލިބިގަތް ފުރަތަމަ ޤާނޫނުއަސާސީ ހެދި މަޖްލީހުގެ ކާތިބުގެ އެހީތެރިއެއްގެ މަޤާމާއި، ބޮޑު އިސްޓޯރުގެ އޮޑިޓްކަމާއި ދައުލަތުގެ މައްސާޙް ކަމުގެ މަޤާމުވެސް ފުރުއްވާފައި ވެއެވެ. ތުއްތު އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ މައްސާޙް ކަމެކެވެ. މި މޤާމުގައި ހުންނަވަނިކޮށް 14 ސެޕްޓެންބަރ 1959 ގައި ޕެންޝަން ލިބިވަޑައިގަތުމާ ގުޅިގެން ސަރުކާރުން ވަކިވެ ވަޑައިގަތީއެވެ.

ތުއްތަކީ ޗާޕްގެ މަސައްކަތްވެސް ވަރަށް ރަގަނޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން ސަޢާދާ ކުންފުނި އުފައްދަވައި އެކުންފުނީގެ ފަރާތުން މަޠުބަޢަތުއްސަޢާދާގެ ނަމުގައި ޗާޕްޚާނާއެއް އުފައްދަވައިގެން ހިންގެވިއެވެ. މިއީ މާލޭގައި އަމިއްލަ ފަރާތަކުން ހިންގި ފުރަތަމަ ޗާޕްޚާނާއެވެ. ތުއްތު ނެރުއްވާފައިވާ ފޮތްތަކުގެ ތެރޭގައި މަށަށް ހަނޑޫ، މަހަށް ރުފިޔާ، ހިސާބު ޢިލްމުގެ ގޮފިކޮޅު، ހިސާބު ޢިލްމުގެ ފިޔަވަޅު، އަދި ނަވަތަ ފޮތް ހިމެނެއެވެ. ފަހުން ފަސޭހަ ހިސާބާއި، ތަނަވަސް ހިސާބުގެ ފޮތްތައްވެސް ނެރުއްވިއެވެ. މީގެއިތުރުންވެސް ތުއްތު ދުނިޔޭގައި ހުންނެވިހާ ދުވަހަކު ކަލަންޑަރު ހެއްދެވުމާއި، ނަމާދު ވަގުތު ކަރުދާސް ހެއްދެވުމަކީ ތުއްތު ކުރައްވަމުން ގެންދެވި މަސައްކަތެކެވެ.

ތުއްތު ސާހިބުގެ ޢާއިލާއާއި ދަރިފަސްކޮޅު މިހާރުއޮތީ މާލޭގައި މާފަންނު ހުދުޢަޞުރުމާގެއާއި މާފަންނު ޢަޞުރުމާގޭގައެވެ. އަދި މާފަންނު ގުލިސްތާނުގެއާއި މާފަންނު އެންދެރިމާގޭ ބޭފުޅުންނަކީވެސް އެކިގޮތްގޮތުން ތުއްތު ސާހިބުގެ ޢާއިލާއާއި ގުޅިފައިވާ ބޭފުޅުންނެވެ. ތުއްތަށް ލިބިވަޑައިގެންނެވީ ދެބޭފުޅުންނެވެ. އެއީ އިސްމާޢީލް ޢަބްދުﷲ އާއި، ޚަދީޖާ ޢަބްދުﷲ އެވެ. ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތު މިދުނިޔެ ދޫކުރެއްވީ 30 މާރިޗު 1970 ގައި މާލޭގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭގައި މާފަންނު ސަހަރާގައެވެ.

ޢަބްދުﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު) ގެ ހަނދާނީ އެވޯޑް

ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ މިއަތޮޅަށް ނިސްބަތްވާ މިއަތޮޅު ހިމިތީ ބޭފުޅަކަށްވާތީ ޢަބްދުﷲ އިސްމާޢީލްގެ ހަނދާންތައް ދިރުވައި އާލާ ކުރުމުގެ ގޮތުން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް 25 އެޕްރީލް 1981 ގައި މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި މިއަތޮޅުގެ ރަށްވެހި ކުދިންނަށް ދެއްވާ އިނާމެއްގެ ގޮތުގައި "ޢަބްދުﷲ އިސްމާޢީލް އެވޯޑް" ގެ ނަމުގައި އެވޯޑެއް ތަޢާރަފް ކުރައްވައި، އެވޯޑަށްހޮވޭ ކުއްޖެއް މާލެގެންދަވައި ސަރުކާރުގެ ސްކޫލަކުން ތަޢުލީމު ޙާޞިލް ކޮށްދޭގޮތަށް ހަމަޖެއްސެވިއެވެ.

މި އެވޯޑްގެ ދަށުން އެވޯޑަށް ހޮވޭކުދިން މާލެ ގެންދަވައިގެން ކިޔަވައިދޭން ފަށާފައިވަނީ 1983 އިން ފެށިގެންނެވެ. އެ އަހަރުން ފެށިގެން މުޅިއަތޮޅަށް އެވޯޑް އިމްތިޙާނެއް ބާއްވައި އިމްތިޙާނުން އެއްވަނަ ހޯދާ ކުއްޖަކަށް ގްރޭޑް 12 ނިމެންދެން ސަރުކާރު ޚަރަދުގައި ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. ކުދިންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތީގެ އިތުރުން ޔުނީފޯމާއި ހުރުމުގެ ޚަރަދުވެސް ސަރުކާރުން ދެއްވިއެވެ. މި އެވޯޑްގެ ދަށުން 1983 ވަނަ އަހަރުން ފެށިގެން 1995 ނިޔަލަށް ކިޔަވައިދެމުން ގެންގޮސްފައިވަނީ އަހަރަކު އެއްކުއްޖަކަށެވެ. 1996 ވަނަ އަހަރުން ފެށިގެން 2007 ވަނައަހަރުގެ ނިޔަލަށް އަހަރަކު 02 ކުދިންނަށް ކިޔަވައި ދެމުން ގެންގޮސްފައި ވެއެވެ. 2008 ވަނަ އަހަރުން ފެށިގެން މިއެވޯޑުވަނީ ހުއްޓާލާފައެވެ.

ޢަބްދުﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު) ގެ ހަނދާނުގައި ލައިބްރަރީއެއް ބިނާކުރުން

ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތުގެ ހަނދާން ދިރުވައި އާލާކުރުމުގެ ގޮތުން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް 25 އެޕްރީލް 1981 ގައި މިއަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި "ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ" ގެ ނަމުގައި މިއަތޮޅުގައި ލައިބްރަރީއެއް ބިނާކޮށް ދެއްވާގޮތަށް ހަމަޖައްސަވައި މި ލައިބްރަރީ މިއަތޮޅު މަގޫދޫގައި ބިނާކޮށްދެއްވާފައި ވެއެވެ. މި ލައިބްރަރީ ހުޅުވީ 29 ޑިސެންބަރ 1984 ގައެވެ. މި ލައިބްރަރީގައި ސްކޫލްގެ ދަރިވަރުންނަށާއި، ޢާންމުންނަށް ބޭނުންވާ އެކިއެކި މަޢުލޫމާތުތައް އެކުލެވިގެންވާ ގިނަ ފޮތްތަކެއް ހުރެއެވެ. މި ލައިބްރަރީގެ ހުރިހާ ޚަރަދެއް ބަލަހައްޓަވަމުން ގެންދަވަނީ ސަރުކާރުންނެވެ. މި ލައިބްރަރީގައި އިދާރީ މުވައްޒަފަކާއި މަސައްކަތު މީހަކު ހުރެއެވެ.

މަގޫދޫގައި ހުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުއޮފީސް 18 ޖަނަވަރީ 1999 ގައި ނިލަންދުއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ލައިބްރަރީ ނިލަންދުއަށް ބަދަލު ކުރެއްވީ 07 ޖޫން 2000 ގައެވެ. ލައިބްރަރީ ނިލަންދުއަށް ބަދަލު ކުރެއްވުމުން ލައިބްރަރީގެ އާ ޢިމަރާތަށް ލައިބްރަރީ ބަދަލު ކުރަންދެން ލައިބްރަރީ ހިންގަމުން ގެންދިޔައީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ނިލަންދުގައި އަލަށް ޢިމާރާތްކުރި ޢަބްދުﷲ އިސްމާޢީލް ލައިބްރަރީގެ ބިންގާ އަޅުއްވައި ދެއްވީ 11 އޯގަސްޓް 2002 ގައި އޭރުގެ މިނިސްޓްރ އޮފް އެޑިއުކޭޝަން ޑރ މުޙައްމަދު ލަޠީފެވެ. ލައިބްރަރީގެ މަސައްކަތްނިމި ލައިބްރަރީގެ އައު ޢިމާރާތަށް ލައިބްރަރީ ބަދަލުކޮށް އެ ޢިމާރާތުގައި ލައިބްރަރީ ހިންގަންފެށީ 01 ޖޫން 2003 ގައެވެ.

ފ.އަތޮޅު ރައްޔިތުންގެ ނަމުގައި ހިންގަމުން ގެންދާ ފ.އަތޮޅުސްޓޯރުގެ ވިޔަފާރި

ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން އަތޮޅު ރައްޔިތުންގެ ނަމުގައި ކުރަމުން އަންނަ ވިޔަފާރިއެކެވެ. މި ވިޔަފާރި ފައްޓާފައިވަނީ މިއަތޮޅު މަގޫދޫގައެވެ. ވިޔަފާރި ފެށިއިރު ވިޔަފާރީގެ ކެޕިޓަލަކީ ކިހާވަރެއްކަމެއް އެނގޭނޭ ލިއުމެއް މިހާރު ފެންނަން ނެތުމާއެކު ވިޔަފާރީގެ ފުރަތަމަ ކެޕިޓަލަކީ ކިހާވަރެއްކަން އެނގޭކަށް ނެތެވެ. މަގޫދޫގައި ވިޔަފާރި ކުރަމުން ގެންދިޔައީ އޭރުގެ އަތޮޅު ރައްޔިތުންގެ ސިލްވަރސްޓަރ ޢިމާރާތުގައެވެ. ވިޔަފާރި ކުރަމުން ގެންދިޔައީ އަތޮޅުކޮމެޓީގެ ބެއްލެވުމުގެ ދަށުންނެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ އަލްފާޟިލް ލޯޖެހި ޢަލީ ވަހީދުގެ އަތޮޅުވެރިކަމުގައި 1990 ވަނަ އަހަރުއެވެ. އެއިރު ހިސާބުކުރިއިރު ސްޓޯރުގެ ކެޕިޓަލަކީ -/28،000 ރުފިޔާއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްފެށީ އަލްފާޟިލް ޒަކަރިއްޔާ ޙަމީދުގެ އަތޮޅުވެރިކަމުގައި 1994 ވަނައަހަރުއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ވެރިކަން 18 ޖަނަވަރީ 1999 ގައި މިއަތޮޅު ނިލަންދޫއަށް ބަދަލު ކުރެއްވުމުން މަގޫދޫގައިހުރި ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ނިލަންދޫއަށް ބަދަލު ކުރަންވެގެން 1999 ވަނައަހަރު ހިސާބު ކުރިއިރު އަތޮޅުސްޓޯރުގެ ކެޕިޓަލަކީ -/278،000 ރުފިޔާއެވެ. އަތޮޅުސްޓޯރުގެ ވިޔަފާރި މަގޫދޫން ނިލަންދުއަށް ބަދަލުކުރީ 05 މޭ 1999 ގައެވެ.

ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި 1990 ވަނައަހަރު އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން -/15,000 ރުފިޔާގެ ލޯނެއް ނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ވިޔަފާރި އިތުރަށް ތަރައްޤީ ކުރުމަށްޓަކައި 2000 ވަނައަހަރު އަތޮޅުރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. އަދި 5 އަހަރުން އަގު އަދާކުރާގޮތަށް އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން -/500,000 ރުފިޔާގެ ލޯނެއްނަގައި ވިޔަފާރީގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. 2015 ވަނަ އަހަރުވެސް އަތޮޅު ރައްޔިތުންގެ މާލިއްޔަތުން -/150,000 ރުފިޔާ ނަގައި ސްޓޯރުގެ ކެޕިޓަލަށް އިތުރު ކުރެވުނެވެ. ސްޓޯރުގެ ކެޕިޓަލަށް އިތުރުކުރި ފައިސާގެ ޖުމްލައަކީ -/815،000 ރުފިޔާއެވެ.

ފ.އަތޮޅުސްޓޯރު ނިލަންދުއަށް ބަދަލު ކުރެއްވުމުން އެންމެ ފުރަތަމަ ވިޔަފާރި ކުރަންފެށީ ނިލަންދޫ ޑޭލައިޓް ކުލަބުގެ މަރުކަޒު ކުއްޔަށްހިފައި އެތަނުގައެވެ. ޑޭލައިޓް މަރުކަޒުގައި ވިޔަފާރި ފެށުމަށްޓަކައި ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ޚަރަދު ކޮށްގެން ޢިމާރާތަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެތަނުގައި އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަންފެށީ 01 ޖޫން 1999 ގައެވެ.

އަތޮޅުސްޓޯރުގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު ނިލަންދޫ ރަށްމެދުގައިހުރި ކުރީގެ ބޮޑުމަދަރުސާ ޢިމާރާތް މިހާރު ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފައި، ކުލިން ކެނޑޭގޮތަށް ސްޓޯރުގެ ކެޕިޓަލްގެ ތެރެއިން ވަރަށްބޮޑު ޚަރަދުކޮށްގެން އެ ޢިމާރާތުގެ އުތުރަށާއި ދެކުނަށް ބައެއް އިތުރުކޮށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެތަނުގައި ވިޔަފާރި ކުރަންފެށީ 2002 ވަނައަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން 2012 އޮކްޓޯބަރ މަހުގެ ނިޔަލަށް އަތޮޅު އިސްޓޯރު ހިންގީ އެ ޢިމާރާތުގައެވެ. ފިނިހިޔާ ޢިމާރާތް މިހާރު ފެންނަން އެހުރިގޮތަށް ޢިމާރާތުގެ އެތެރެއަށާއި ބޭރަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ އަތޮޅުސްޓޯރުންނެވެ.

ނިލަންދޫގައި ލިލީސްޓޯރުން ސިމެންތީގެ ވިޔަފާރި ކުރުމަށް ހަދާފައިވާ 106X28 ފޫޓުގެ ޢިމާރާތެއް ވިއްކާލުމަށް ބޭނުން ވުމުން އަތޮޅުސްޓޯރުގެ މުދާ ގުދަން ކުރުމަށް ސްޓޯރުގެ ކެޕިޓަލުން -/150،000 ރުފިޔާ ޚަރަދު ކޮށްގެން 2003 ވަނައަހަރު އެ ޢިމާރާތް ފ.އަތޮޅުސްޓޯރަށް ގަނެފައި ވެއެވެ. މި ޢިމާރާތަކީ މިހާރު އަތޮޅު ރައްޔިތުންގެ ޢިމާރާތެކެވެ. މި ޢިމާރާތް ސްޓޯރަށް ގަތުމަށްފަހު 2012 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރީ އަތޮޅުސްޓޯރުގެ މުދާ ރައްކާކުރާ ގުދަނަކަށެވެ. ނަމަވެސް އެތަނުގައި ވިޔަފާރި ހިންގުމުގެ ޚިޔާލު އުފެދި އެ ޢިމާރާތުގައި ވިޔަފާރި ހިންގުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ޢިމާރާތުގައި ވިޔަފާރި ކުރަންފެށީ 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުން ފެށިގެންނެވެ. މިތަނުގައި ވިޔަފާރި ފެށުމަށްވެސް ކުރަންޖެހުނު ހުރިހާ ޚަރަދުތަކެއްވެސްކުރީ ސްޓޯރުގެ ކެޕިޓަލްގެ ތެރެއިންނެވެ.

މަގޫދޫގައި އަތޮޅުސްޓޯރ ހިންގިއިރު ސްޓޯރުން މުސާރަދޭގޮތަށް މުވައްޒަފުން ގެންގުޅެފައެއް ނުވެއެވެ. އަތޮޅުސްޓޯރ ނިލަންދުއަށް ބަދަލު ކުރުމާއެކު ނިލަންދޫގައި އަތޮޅުސްޓޯރ ހިންގަންފެށީ 02 މުވައްޒަފުންނާއެކުއެވެ. ނިލަންދުއަކީ އާބާދީބޮޑު ރަށެއްކަމުގައިވާތީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިއަށް ހެޔޮބަދަލުތައް އަންނަން ފެށިއެވެ. ޢާންމު ރައްޔިތުންނަށް ބޭނުންވާ އެކިއެކި ބާވަތްތަކުގެ މުދާ އަތޮޅުސްޓޯރުން ލިބެންހުރުމުން ވިޔަފާރި ދިޔައީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. ވިޔަފާރި ފުޅާވަމުން ދިއުމާއެކު މުވައްޒަފުން އިތުރަށް ނުހޯދައި ވިޔަފާރި ކުރުމަށް ދަތިވާތީ، ސްޓޯރަށް މުވައްޒަފުން އިތުރު ކުރަމުން ގެންދިޔައީ ވިޔަފާރި ފުޅާވަމުންދާ ނިސްބަތުންނެވެ. މިހާރު އަތޮޅުސްޓޯރުގައި އިދާރީ 04 މުވައްޒަފުންނާއި މަސައްކަތު 02 މީހުން މަސައްކަތް ކުރަމުން ގެންދެއެވެ.

ފ.އަތޮޅުސްޓޯރ ހިންގަމުން ގެންދާ އަތޮޅުސްޓޯރުގެ ޢިމާރާތުގައި ޖާގަ ދަތިވެގެން ވިޔަފާރި ކުރުމަށް ދަތިވާތީ އަތޮޅުސްޓޯރުގެ ޢިމާރާތަށް ބަދަލުތަކެއް ގެނެސް ޢިމާރާތް މަރާމާތު ކުރުމަށްޓަކައި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް މަހަކު -/6000 ރުފިޔާއަށް ކުއްޔަށް ހިފައި 01 ނޮވެންބަރ 2018 ގައި އެ ޢިމަރާތަށް އަތޮޅުސްޓޯރުގެ ވިޔަފާރި ބަދަލު ކުރެވިފައި ވެއެވެ. ފ.އަތޮޅުސްޓޯރުގެ މިހާރު ފެންނަން އެހުރި ގޮތަށް ޢިމާރާތަށް ގެންނަންޖެހޭ ބޮޑަތި ބަދަލުތައް ގެނައުމަށްފަހު ފ.އަތޮޅުސްޓޯރުގެ ޢިމާރާތަށް ވިޔަފާރި ބަދަލުކުރީ 08 ޖަނަވަރީ 2021 ގައެވެ. ފ.އަތޮޅުސްޓޯރުގައި ވިޔަފާރި ކުރަން ފެށިއިރު ވިޔަފާރި އިންތިޒާމް ކުރެވިފައިވަނީ ގިނަ ބަދަލު ތަކަކާއެކު ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތްދެވޭ ގޮތަށެވެ.

2009 ވަނައަހަރު އަތޮޅު އޮފީހާއި ރަށުއޮފީސްތައް ހިންގުމަށް ކައުންސިލަރުން އައްޔަން ކުރެއްވުމުން، އެ އަހަރު އަތޮޅުސްޓޯރ ހިސާބުކުރިއިރު އަތޮޅުސްޓޯރުގެ ކެޕިޓަލަކީ 2.5 މިލިޔަން ރުފިޔާއެވެ. އަތޮޅު ސްޓޯރާއި ކައުންސިލަރުން ޙަވާލުވިއިރު، ކެޕިޓަލް ބޮޑަތި ތަކެތި ނުހޯދައި އަތޮޅު އިސްޓޯރު ހިންގޭވަރަށް ތަކެތި ހޯދިފައި ހުއްޓެވެ. ފ.އަތޮޅުސްޓޯރުގެ ވިޔަފާރި އެންމެފަހުން ހިސާބުކޮށްފައިވަނީ 2016 ވަނައަހަރުއެވެ. އެއިރު ހިސާބުކުރިއިރު އަތޮޅުސްޓޯރުގެ ކެޕިޓަލަކީ 2.4 މިލިއަން ރުފިޔާއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގެ އާސާރީ ބިނާ

މިއަތޮޅު ނިލަންދުއަކީ ބުޑިސްޓް މޮނާސްޓްރީއެއް ހުރި ރަށެކެވެ. އެ މޮނާސްޓްރީ ހުރި ތަނަކީ މިހާރު އެރަށުގެ އާސާރީ ސަރަހައްދެވެ. އެސަރަހައްދު މަޝްހޫރު ވެފައިވަނީ "ފޯއްމަތި" މިނަމުންނެވެ. "ފޯއްމަތި" ކިޔަނީ މޮނާސްޓްރީ ހުރި އުސް ފަސްގަނޑަށެވެ. މި ފަސްގަނޑަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައި ހުރިތަނެވެ. މިތަނަކީ އާސާާރީ ބިނާއެއްހުރި ތަނެއްކަން އެނގިފައި ނުވާތީ ކުރިން އުސްމިނުގައި 30 ފޫޓް ހުންނަ މި ފަސްގަނޑުން ގަލާއި ވެލި ނެގުމުގެ ސަބަބުން މިހާރުވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައި ވެއެވެ. ނިލަންންދޫގެ އާސާރީ ސަރަހައްދަކީ ވަރަށްބޮޑު ސަރަހައްދެކެވެ. މި ސަރަޙައްދުގެ ބޮޑު މިނުގައި 110,732.74 އަކަ ފޫޓު ހުރެއެވެ.

ތާރީޚްގެ ފަތްފުތްތަކުން އެނގޭ ގޮތުގައި ކުރީ ޒަމާނެއްގައި ނިލަންދުއަކީ ފައްޅީގެ ރަށެކެވެ. ނުވަތަ ޚާއްޞަ ދީނީ މަރުކަޒެއްހުރި ރަށެކެވެ. ނިލަންދޫގައި ހުރި އާސާރީ މިސްކިތްހުރީ "ޓެމްޕަލް" ސަރަހައްދުގެ އެންމެބޮޑު ފައްޅިހުރި ތަނުގައިކަން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސާބިތުވެއެވެ. އެންމެބޮޑަށް ފާހަގަ ކުރެވެނީ މިސްކިތުގެ ދޮރާއްޓާއި އެޒަމާނުގައި ބެހެއްޓިފައި ހުރި ވަޅެވެ. މިތަންތަން މިހާރުވެސް އެބަހުއްޓެވެ.

ނިލަންދޫ "ފޯއްމަތި" ކޮނެ ބެލުމުގެ މަސައްކަތް ކޮށްފައިވަނީ 08 ފެބްރުވަރީ 1983 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހައިދާލާއި އޭނާގެ ޓީމުންނެވެ. މިތަން ކޮނެ ބެލުމަށް 4 ދުވަސް ހޭދަކޮށްފައި ވެއެވެ. މިތަން ބައްލަވައި ނެރުއްވި މަޢުލޫމާތުގައި މި ސަރަޙައްދަކީ އިހު ޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެއްކަމުގައި ބުނެއެވެ. މިތަނުން ފެނިފައިވާ އިންސާނުންގެ ކަށިތައް ކާބަންޑޭޓް ކުރުމުން އެގުނީ މިއީ މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރު ތަކުގެ ތެރޭގައި ވޭރެއް ހުރި ތަނެއް ކަމެވެ. އަދި މިތަނުން ފެނިފައިވާ ތަކެތިން އެނގުނު ގޮތުގައި މިރަށަކީ ބޭރުގެ ވިޔަފާރި ނައުފަހަރު ދަތުރުކޮށް އައިސް މަޑުކޮށްލާ ރަށެއްކަމަށްވެސް ހޯދި ހޯދުންތަކުން އެނގިފައި ވެއެވެ.

ނިލަންދޫގައިވާ އާސާރީ ތަނަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. ނިލަންދޫގެ އާސާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީޚްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭ ގޮތުގައި އެ މިސްކިތަކީ މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެއިރުގެ ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ (ދަރުމަވަންތަ މަހާރަދުން) ބިނާކުރެއްވި 3 މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. ބުނެވޭ ގޮތުގައި ނިލަންދޫގައި ހުރި މިސްކިތަކީ ދަރުމަވަންތަ މަހާރަދުން ނިލަންދުއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެކެވެ.

ނިލަންދޫގައިހުރި އާސާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތަށް ބޮޑަތި ބަދަލުތަކެއް ގެނެސްފައި ވުމުގެ ސަބަބުން މިސްކިތުގެ އަޞްލުގެ ބޮޑުބައެއްވަނީ ގެއްލިފައެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.

ނިލަންދޫ އާޡާރީ ސަރަޙައްދުގައި އޮންނަ ވެވަކީ ކުރީ ޒަމާނުގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެކެވެ. މިވެވަކީ ހިރިގަލުން ރާނައި އަދި ވެވުގެ އަޑި ތަށިވައް ހަދައިފައި އޮންނަ ވެވެކެވެ. ޒަމާންތަކެއް ވަންދެން މިވެއު ބައްދާލާފައި އޮތުމަށްފަހު 2015 ވަނަ އަހަރު މިނިވަން ފަންސާހުގެ ފުނަ ޙަރަކާތްތަކަށް އާޡާރީ ސަރަޙައްދު ތައްޔާރުކުރުމުގެ ގޮތުން ވެއު އޮތް ސަރަޙައްދު ކޮނެ ވެއު މިހާރުވަނީ ހިމާޔަތްކޮށްފައެވެ. މިވެއުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ވެވު ކައިރީގައި އެބައޮތެވެ. ނިލަންދޫގެ ދުވަސްވީމީހުން ބުނާގޮތުގައި ވެއު ބައްދާލީ ކުޑަކުދިން ވެވަށް ވެއްޓި މަރުވާތީ ކަމަށާއި 12 މޭ 2015 ގައި ވެއު ކޮނުނުއިރު ވެއު ބައްދާލާފައިވާތާ 50 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށް ބުނެއެވެ.

ނިލަންދޫ އާސާރީ ސަރަހައްދުގައި ހުރި އާސާރީ މިސްކިތުގެ އިތުރުން މިސްކިތުގެ ގޯތީގެ ތެރޭގައި ހުރި ބޮޑު ފެންވަޅަކީ އިހުޒަމާނުގެ ވަޅެކެވެ. ނިލަންދޫ ރައްޔިތުން ކުރީ ޒަމާނުގައި ފެން ބުއިމަށް ބޭނުންކުރަމުން ގެންދިޔަ ވަޅެވެ. މިވަޅު ހުންނަނީ ހިރިގަލުން ހަދާފައެވެ. މިވަޅުގެ އިތުރުން ފެންވެރުމަށް ބޭނުންކުރާ ވެވަކާއި އިހުޒަމާނުގެ ދޮރާއްޓެއް މިސަރަހައްދުގައި މިހާރުވެސް އެބަހުއްޓެވެ.

މިއަތޮޅު ހިމިތީގައި ދިރިއުޅުނު މީހުން އެރަށުން ފައިބައި ހިމިތި ފަޅުވުމާއި ތާރީޚީ ގޮތުން ހިމިތި

މިއަތޮޅު ހިމިއްޗަކީ 14 މެއި 1970 އާ ހަމައަށް މީހުން ދިރިއުޅެމުން އައި މިހާރު ފަޅުރަށެކެވެ. ކުރީ ޒަމާނުގައި ހިމިއްޗަކީ ވަރަށްބޮޑު ރަށްވެހިކަމެއްއޮތް ނިސްބަތުން މުސްސަނދި ބަޔަކު ދިރިއުޅުނު ތަނަވަސް ފާގަތި ރަށެކެވެ. ޢިލްމީ ބަޔަކު ދިރިއުޅުނު ރަށެކެވެ. ހިމިތީގެ ރަންޒަމާނުގައި އެރަށުގެ މީހުންނަކީ ރާއްޖެއިން ބޭރަށް އަމިއްލަ ބަނޑު އޮޑިފަހަރުގައި ދަތުރުކުރި ބައެއްވެސް މެއެވެ. ނިޔަމިކަން ދަސްކޮށްދޭ މަދަރުސާއެއް ހިންގި ރަށެކެވެ. ނިޔަމިކަމާއި ނަކަތްތެރިކަމާއި ހިސާބު ޢިލްމަށް ދިވެހިރާއްޖޭގައި މަޝްހޫރު ރަށެކެވެ. ހިސާބު ޢިލްމާއި ނިޔަމި ކަމުގައި ދިވެހި ތާރީޚްގައި މަޝްހޫރު އިސްމާޢީލް ކަލޭގެފާނުގެ ތުއްތު ނުވަތަ ޢަބްދުﷲ އިސްމާޢީލް އަކީ ހިމިއްޗަށް އުފަން ހިމިތީ ބޭފުޅެކެވެ.

ހިމިތި ފަޅުވެފައިވަނީ އެރަށުގައި ދިރިއުޅެމުން ގެންދިޔަ 23 އެރަށުން ފެއިބުމުންނެވެ. މި 23 މީހުން ހިޖުރަކުރީ މިއަތޮޅު ނިލަންދުއަށެވެ. މިއީ އެއް ޢާއިލާގެ މީހުންނެވެ. އެރަށުގެ މީހުން އެހެން ރަށްރަށަށް ހިޖުރަ ކުރަންފެށީ ހުކުރު ހަމަވާ 40 މީހުން ނެތުމާއެކު 1968 ވަނައަހަރާއި 1970 ވަނައަހަރާއި ދެމެދުގައި ކަމާއި 1968 ވަނަ އަހަރު ހިމިތީގެ މުޅި އާބާދީއަކީ 68 މީހުން ކަމުގައި ހިމިތިން ނިލަންދުއަށް ހިޖުރަ ކޮށްފައިވާ ނިލަންދޫ އެއްގަލި ޢަބްދުއްރައްޒާޤް މުޙައްމަދު ވިދާޅުވެއެވެ. ހިމިތީގެ ގިނަމީހުން ހިޖުރަ ކޮށްފައިވަނީ މާލެއަތޮޅު މާފުއްޓަށާއި މިއަތޮޅު ނިލަންދޫ އަށެވެ. މިދެރަށުގެ އިތުރުން މިއަތޮޅު ފީއައްޔަށާއި އެނޫން ބައެއް ރަށްރަށަށްވެސް މީހުން ހިޖުރަ ކޮށްފައި ވެއެވެ.

ހިމިއްޗަކީ ވަރަށްބޮޑު ރަށްވެހިކަމެއްއޮތް ނިސްބަތުން މުސްސަނދި ބަޔަކު ދިރިއުޅުނު ތަނަވަސް ފާގަތި ރަށެކެވެ. ޢިލްމީ ބަޔަކު ދިރިއުޅުނު ރަށެކެވެ. ހިމިއްޗަކީ ހިސާބު ޢިލްމާއި ނަކަތްތެރިކަމާއި ނުޖޫމީ ޢިލްމުގައި ރާއްޖޭގައި އެންމެ ކުރިއަރައިގެން ދިޔަ ރަށެވެ. ހިމިތީގެ ރަންޒަމާނުގައި ބަންގާޅަށާއި އުތުރު ކަރައަށާއި އޮޅުދޫ ކަރައަށް ދަތުރުކުރާ ފުރެއްދެ އޮޑީގެ 07 އޮޑި ހިމިތީގައި ދުއްވި ކަމަށްވެއެވެ.

ހިމިތީ މީހުންނަކީ މުރާލި ހީވާގި ޢިލްމީ ބައެކެވެ. ހިމިތީ މީހުން މަޝަހޫރުވެފައިވަނީ ބޮޑު އަކުރު ލިޔުމަށާއި ނަކަތްތެރިކަމަށާއި ހިސާބު ޢިލްމަށެވެ. އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުން ކުރެވޭ ގޮތަށް ރާހި ތަކާއި ނަކަތުންވާ ދުވަސް އެނގޭނެ ތާވަލް، ރޫމީމައިލު ވެސް ތައްޔާރުކުރަމުން ދިޔައީ ހިމިތީގައެވެ. މިހާރު ވެސް ރާއްޖޭގެ މަޝްހޫރު މާލިމީންނާއި ހިސާބު ޢިލްމުގެ މޮޅު އެތައް ބޭފުޅުންނެއް ހިމިތީ ދަރިކޮޅުތަކަށް ނިސްބަތްވެއެވެ. ހިމިތީގައި 1800 ގެ އަހަރުތަކުގައި ނިޔަމިކަން ކިޔަވައިދޭ މަދަރުސާއެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

ހިސާބު ޢިލްމާއި ނިޔަމިކަމަށް ދިވެހިރާއްޖޭގައި މަޝްހޫރު ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލް ކަލޭފާނުގެ ތުއްތަކީ މިއަތޮޅު ހިމިއްޗަށް އުފަން ހިމިތީ ބޭފުޅެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގައި މުޅި ދިވެހި ރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް "ނޫރީން" ފޮތުން ތުއްތު ސާހިބު ކުށެއް ހޯއްދެވިއެވެ. އަދި ތުއްތުއަކީ އޮޑިޓް ކުރުމާއި ބިން ސާވޭ ކުރުމުގައިވެސް އަރާ ހުންނެވި ފަންނުވެރިއެކެވެ. މޮޅު ލިއުންތެރިއެކެވެ. އަހަރުގެ ކޮންމެ ދުވަހެއްގައިވިއަސް ހިޔަނި ހުންނަ މިޞްރާބަށް ބަލައިގެން ޤިބުލަ ހޯދުމަކީ ތުއްތު ސާހިބުގެ ޚާއްޞަ ފަންނެކެވެ. ތުއްތު ސާހިބުގެ އަޚް ހިމިތީ މުޙައްމަދު ކަލޭފާނަކީވެސް ހަމަ އެފަދަ މޮޅު ޢިލްމީ ބޭފުޅެކެވެ. މުޙައްމަދު ކަލޭގެފާނު މަޝްހޫރު ވެފައިވަނީ މޮޅު އަތުލިއުންތެރިއެއްގެ ގޮތުގައެވެ.

14 މެއި 1970 ގައި ހިމިތި ފަޅުރަށެއްގެ ގޮތުގައި ވެގެން ދިއުމުގެ މާކުރިންވެސް ހިމިތިކައިރިން ފިނޮޅެއް އުފެދި އެފިނޮޅު ހިމިއްޗާގުޅި ހިމިތި ފަޅުވާނެކަން އެވޭލާޒަމާނުގެ މީހުން ކިޔާއުޅުނު ކަމަށް އެރަށުގެ މީހުން ބުނެއުޅެއެވެ. ހިމިތީގެ އެއް ޖީލުން އަނެއް ޖީލަށް މިވާހަކަ ނަގުލު ވަމުންގޮސްފައި ވެއެވެ. އެވާހަކައިގައި ބުނެވެނީ ހިމިތި ކައިރިން ފިނޮޅެއް އުފެދި ހިމިތި ފަޅުވާނެ ކަމަށެވެ. ހިމިތި ފަޅުވުމާއި ހަމައަށް އޭގެކުރިން ހިމިތީގައި އުޅެމުންއައި މީހުން މިފިނޮޅު އުފެދޭތޯ ބަލަމުން ގޮސްފައިވާ ކަމަށް ބުނެއެވެ.

ހިމިތިން މީހުން ފައިބައި އެރަށް ފަޅުވިއިރު އެބުނާގޮތަށް ހިމިތީގެ އުތުރު ފަރާތުން ފިނޮޅެއް އުފެދި ހިމިއްޗާއި ގުޅިފައި ވެއެވެ. ވުމާއެކު ހިމިތި ފަޅުވުމުގެ ޙާދިސާ ހިމިތި ކައިރިން އުފެދުނު ފިނޮޅާ ގުޅުވާފައިވާކަން އެނގެއެވެ. މިފިނޮޅު އުފެދުމުން ދިއުމާއެކު ހިމިތީގެ ހުޅަނގު ފަރާތުން ގިރަމުން އިރުމައްޗާއި ދެކުނަށް ވޮޑެމުންގޮސް އިހުގެ ހިމިތީގެ ބޮޑުބައެއް ވަނީ މިހާރު ގިރައިގެންގޮސް ފަޅުމަތީގައެވެ. ހިމިތީގެ މިހާރުގެ ބިމުގެ ތިންބައިކުޅަ އެއްބަޔަކީ ހިމިތި ކައިރިން އުފެދި ބޮޑުވެ ހިމިއްޗާ ގުޅިފައިވާ ފިނޮޅުގެ ބިމެވެ.

ހިމިތިން މީހުން ފައިބައި އެރަށް ފަޅުވި ޙާދިސާ ތަފާތު ގޮތްގޮތަށް ކިޔާ އުޅެއެވެ. ހިމިތި ފަޅުވުމުގެ ހާދިސާތައް ބޮޑަށް އެނގެން ހުރީ ދޫދޫމަތިން ކިޔައިއުޅޭ ވާހަކަތަކުންނެވެ. ހިމިތީގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި ހިމިތި ފަޅުވަން މެދުވެރިވި ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރަށުގެ ވެރިންނާއި ޢާންމުންގެ ބަޔަކާއި ނުގުޅުމުގެ ސަބަބުން ރަށުތެރޭގައި އުފެދުނު އަނިޔާވެރިކަމެއްގެ ސަބަބުންނެވެ. ސިޔާސީ ގޮތުން އުފެދުނު މި ހަމަނުޖެހުމުގެ ސަބަބުން ގިނަބަޔަކު ރަށްދޫކޮށް ދިޔައީ ކަމަށާއި، ހުކުރު ހަމަވާ 40 މީހުން ރަށުގައި ނެތުމުން އެއިރުގެ ސަރުކާރުން އެންގެވުމުން އެރަށުގައި ތިބި މީހުން އެހެން ރަށްރަށަށް ގޮސް އެރަށް ފަޅުވީއެވެ.

ހިމިތި ފަޅުވި ޙާދިސާއަކީ މީހެއްގެ އެސްފީނާއެއްގެ ސަބަބުން ވީ ކަމެއް ކަމަށްވެސް ޤަބޫލްކުރާ ބަޔަކު އުޅެއެވެ. ހިމިތީ ބޮޑުގޭގައި ހުކުރު ހަމަވާ 40 މީހުން ތިބޭކަމަށް ކަމަށްވެއެވެ. މިމީހުންނަކީ އެއް ޢާއިލާގެ މީހުން ކަމުގައި ބުނެއެވެ. ބުނެވޭ ގޮތުގައި ބޮޑުގޭގެ މީހުންނަށް ޖެހުނު އެސްފީނާއަކީ އެގޭގެ އެއްޗެހި ދޮންނަމީހާ އޭނާއަށް އުފުއްލަންޖެހޭ ތަކުލީފުގެ ސަބަބުން ބުނި ބަދު ބަހެއްގެ ސަބަބުން ޖެހުނު އެސްފީނާއެއް ކަމަށް ކިޔާއުޅެއެވެ. މި އެސްފީނާގެ ސަބަބުން ބޮޑުގޭގެ އެންމެން މަރުވެ ދިޔައީއެވެ.

ހިމިތި ފަޅުވެފައިވަނީ ފެލިދެއަތޮޅު ތިނަދޫ މީހުންނާއި ހިމިތީ މީހުންގެ މެދުގައި ހެދި ސިހުރުގެ ހަނގުރާމައެގެ ސަބަބުން ކަމަށްވެސް ބުނެއުޅެއެވެ. މިކަން ހިނގާފައިވަނީ ތިނަދޫ މުސްކުޅި މުދިމު ހިމިއްޗަށް ގޮސް އެރަށު މިސްކިތުގައި ސިހުރެއްކިޔަވާ ވޮށެއް ދިއްލުމުގެ ސަބަބުންނެވެ. މި ސިހުރުގެ ސަބަބުން ހިމިތީގެ ބޮޑު ސަރަހައްދެއް ގިރަން ފެށި ކަމަށްވެއެވެ. އެގޮތުން ހިމިތީގެ 100 ފޫޓުގެ ގަބުރުސްތާނެއްގެ އިތުރުން މިސްކިތުން އެއްބައިވެސް ގިރައިގެން ދިޔަކަމަށް ބުނެއެވެ. މި އާފާތްތަކުން ސަލާމަތްވުމަށް ހިމިތީ ބޮޑުގެ އައްޔުބެ ރައްދުގައި ސިހުރެއް ހެދިކަމަށާއި ހިމިތި ފަޅުވެއްޖެނަމަ ތިނަދޫވެސް ފަޅުވާނެކަމަށް އައްޔުބޭ ބުނިކަމަށްވެއެވެ. އެހެންނަމަވެސް އައްޔުބެ ހެދި ސިހުރުން ބޮޑުގޭގެ އެންމެން ބަލިވެ މަރުވީއެވެ. ގިނަ ބަޔަކު އެއްފަހަރާ ގާތްގާތުގައި މަރުވުމުގެ ސަބަބުން އެންމެފަހުން އެރަށުގައި ބާކީތިބި މީހުން އެހެންރަށްރަށަށް ބަދަލުވީއެވެ.

ހިމިތީ ކަނޑަކީ މަސްވެރިކަމަށް ތިޔާގި ސަރަހައްދަކަށް ވެފައި ހިމިތީ ފަޅަކީ އަމާން އަދި ތަނަވަސް ފަޅަކަށްވުމުން އިރުވައި މޫސުމުގައި އެކި ރަށްރަށުގެ މީހުން މަސްވެރިކަން ކުރުމަށް ހިމިއްޗަށް ގޮސްއުޅުނު ކަމަށްވެއެވެ. މިގޮތުން މަސްވެރިކަން ކުރުމަށް ކޮންމެ އިރުވައި މޫސުމެއްގައި 70 އާއި 80 އާއި ދެމެދުގެ ޢަދަދަކަށް ދޯނިފަހަރު ހިމިއްޗަށް ގޮސްއުޅުނު ކަމަށާއި އޭގެ ތެރޭގައި މާފުށި، ގުރައިދޫ، ތިމަރަފުށި، ގެމެންދޫ، މީދޫ، މާއެނބޫދޫ އަދި މުލަކަތޮޅުގެ އެކިރަށްރަށުގެ ދޯނިފަހަރު ހިމެނެއެވެ.

ހިމިއްޗަކީ ލަފާފުރަން ފަސޭހަ ރަށަކަށް ވާއިރު އެށަށް ފަޅުވިއިރު ރަނގަޅު ފެންވަރުގެ ގެދޮރުވެސް އެރަށުގައި ބިނާކޮށްފައި ހުރިކަމަށްވެއެވެ. ހިމިތި ފަޅުވިއިރު ހިމިތީގެ ގިނަގެތަށް ރާނައި ފުރާޅު ހިޔާކޮށްފައި ހުރިއިރު 2 ގެއެއް އީޓުން ހިޔާކޮށްފައި ހުއްޓެވެ. މިކަމުގެ ހެކިތައް މިހާރުވެސް އެ ރަށުގައި ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން ހިމިތީގައި ދެ ޒިޔާރަތެއް ހުރިއިރު އެއިގެ ތެރެއިން އެއް ޒިޔާރަތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ހިމިތީ ޝައިޚް ޢަލިބެ (ބޯހުނި ޢަލިބެ) ގެ ޒިޔާރަތެވެ. ޝައިޚް ޢަލިބެގެ ޒިޔާރަތް ހުރުމުގެ ސަބަބުން ހިމިތި ވެފައިވަނީ ދިވެހިން އިޙްތިރާމްކުރާ މުޤައްދަސް ރަށަކަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ މީހުން ނަދުރު ފުއްދުމަށް މިޒިޔާރަތަށް އާދެއެވެ.

ޝައިޚު އަލިބެ އަކީ އެއް ޒަމާނެއްގައި ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭކަލެކެވެ. ނަދުރު ބުނެގެން ކަންކަން ފުއްދޭ ކަމަށް ދިވެހިން ގަބޫލުކުރި ދުވަސްވަރު، ޝައިޚު އަލިބެގެ ޒިޔާރަތަށް ނަދުރު ބުނެގެން ނަދުރު ފުއްދުމަށް އެ ޒިޔާރަތުގެ ކައިރިއަށްގޮސް ބޯހުންޏާއި ކިރަން ބޭނުންކުރާ އެއްޗެއް ފުނަ ލަކުޑިން ހަދާފައި ހުރެއެވެ. ހިމިތީ ޒިޔާރަތް ދޮށުގައި މީހުން ކިރުމަށް ބޭނުންކުރީ ވަރަށް މޮޅަށް ތައްޔާރު ކޮށްފައި ހުންނަ ބޯހުންޏެއް ކަމަށް ބުނެއެވެ. ހިމިތީމީހުން ތައްޔާރުކުރާ ބޯހުނި ދެމަސްދުވަހަށް ނުބައިނުވެ ހުންނަކަމަށް ވެއެވެ. އެހެންކަމުން ހިމިތި ވެފައިވަނީ ދިވެހިން އިޙްތިރާމްކުރާ މުޤައްދަސް ރަށެއްގެ ގޮތުގައެވެ. އަދި ހިމިއްޗަކީ އެރަށް ފަޅުވުމުގެ ކުރިން އެރަށަށް ގިނަ އަދަދަކަށް މީހުން ގޮސްއުޅުނު އަދި ރާއްޖޭގެ ނިސްބަތުން ފުރިހަމަ ރަށްވެހިކަމެއް އޮތް ރަށެއްކަން ހާމަވެއެވެ.

މާލޭގައި ނަން މަޝްހޫރު ބޭފުޅުންގެ ގޮތުގައި ހިމެނި ވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީވެސް ހިމިތީގެ ޢާއިލާތަކަށް ނިސްބަތްވާ ބޭފުޅުންނެވެ. އެގޮތުން މާލޭގައި ނަން މަޝްހޫރު ޒާރުވާ ކުޅުންތެރިޔާ ގ.ދާސްތާން ޝަބްނަމް އިބްރާހީމް މަނިކުގެ ބައްޕައަކީ ހިސާބު ޢިލްމުގެ މަޝްހޫރު ބޭފުޅެއް ކަމުގައިވާ ހިމިތީ ކުޑަތުއްތު ނުވަތަ ޢަބްދުﷲ މުޙައްމަދެވެ. އަދި ރާޒުވާގައި ތޫނުފިލިކަމުގެ ދެވަނައެއް ނެތް ބޭފުޅެއް ކަމުގައިވާ ލިޔާގޭ އިސްމާޢީލް ފުޅަކީ މަޝްހޫރު ހިމިތީ މުޙައްމަދު ކަލޭގެފާނުގެ އިސްމާޢީލް ފުޅެވެ. މީގެއިތުރުން މާލޭގައި އުޅުއްވި ވަރަށް ހަރުދަނާ ސަޚްސިއްޔަތެއް ކަމަށްވާ ސަރުސޫނު މުޙައްމައިދީއަކީވެސް ހިމިއްޗަށް އުފަން ހިމިތީ ބޭފުޅެކެވެ.

މީލާދީން 18 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން 20 ވަނަ ޤަރުނާ ހަމައަށް ނެވިކަމާއި ހިސާބު ޢިލްމާއި ނުޖޫމީ ޢިލްމުގައި ވަރަށް މަޝްހޫރު ދަރިކޮޅެއް މާލޭގައި އޮތެވެ. އެމީހުންގެ ކާބަފައިންނަކީ ހިމިތީގެ ބައެކެވެ. ހިމިތީ ދަރިކޮޅުގެ މީހުން 19 ވަނަ ޤަރުނުގެ ތެރޭގައި މާލޭގައި ވަރަށް ކާމިޔާބު ކަމާއެކު ނިޔަމިކަމުގެ ސްކޫލެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

ދިވެހި ތާރީޚްގައި ލިޔެފައިވާ ގޮތުން ޙަސަން ތާޖުއްދީނުގެ އަރިހުން ތަޢުލީމު އުނގެނި މޮޅުވި ދަރިވަރުންގެ ތެރޭގައި ހިމިތީ ނައިބު ތަކުރުފާނޭ ކިއުނު ބޭކަލަކު ވެއެވެ. ޤަދީމީ ޒަމާނުއްސުރެ ހިމިތީގައި އޮތް ނަކަތްތެރި ކަމާއި ނިޔަމި ކަމުގެ ޢިލްމުގެ އިތުރުން ފިޤުހު ޢިލްމާއި ދީނުގެ އެކިއެކި ޢިލްމު ހިމިއްޗަށް ތަޢާރަފުވެ ފުޅާވެގެން ދިޔައީ މި ނައިބު ތަކުރުފާނުގެ ފަރާތުންނެވެ.

ކުރީ ޒަމާނުގައި މިއަތޮޅުގައި ވާރުކުރި 4 ރަށުގެ ތެރެއިން ދެވަނައަށް ވާރުކުރީ ހިމިތީގައި ކަމަށް ބުނެއެވެ. ވާރު ކުރެއްވި ބޭކަލަކީ ހިމިތީ ވާރުގޭ ޙަސަން ކަލޭގެފާނު ކިޔާ ބޭކަލެކެވެ. މި ޙަސަންކަލޭގެފާނު ވާރުކުރެއްވި ވާރުގެ ހިމިތިން މީހުން ފޭބުމާއި ހަމައަށް ވީރާނާވުމެއްނެތި ފެންނަންހުރި ކަމުގައި މިއަތޮޅުގެ ކުރީގެ މީހުން ބުނެއުޅެއެވެ. މިގެއަކީ ހައިވަކަރުން މެއްލަތައްޖަހައި ބިތުގައި ހައިވަކަރު ފިލައިޖަހާފައިވާ ވަރަށްބޮޑު އަދި ރީތިގެއެއްކަމަށް ވެއެވެ. އަދި އިބްރާހީމް ޙިލްމީ ދީދީ ހިމިއްޗަށް އަރުވާލައްވާފައި ހުންނެވީ މިގޭގައި ކަމަށްވެސް ބުނެއެވެ.

ހިމިއްޗާއި ފެލިދެއަތޮޅު ތިނަދުއަކީ ހުރިހައި ރޮނގެއްގައި ހުރިހައި ކަމަކުން މަސައްކަތްތައް ކުރުމުގައި ވާދަކުރަމުން އައިސްފައިވާ ދެ ރަށްކަމަށް ބުނެއެވެ. ފެލިދެ އަތޮޅުގައި އެއިރު އެންމެ އާބާދީ ބޮޑުރަށަކީވެސް ތިނަދޫ ކަމަށާއި ހިމިތީގައި ބަންގާޅު ދަތުރުކުރާ 7 ފުރެއްދި އޮޑި އޮތްއިރު ތިނަދޫގައި 5 ފުރެއްދި އޮޑިވެސް ދުއްވާކަމުގައި ބުނެއެވެ.

ހިމިތި ފަޅުވެފައި އޮތްނަމަވެސް ހިމިއްޗަށް ދީފައި އޮންނަ އަތޮޅުގެ ރަށްރަށުގެ ތަރުތީބު ކޯޑް ނަންބަރު (L-02) ސަރުކާރުން އުވައެއް ނުލައެވެ. މިހާރުވެސް އަތޮޅުގެ ރަށްރަށުގެ ކޯޑްނަންބަރު ތަރުތީބު ވެފައިވަނީ ހިމިތީގެ ނަންބަރާ އެކުގައެވެ.

ހިމިތީގެ އާބާދީއަށް ބަލާއިރު 1835 ގައި ހިމިތީގެ އާބާދީއަކީ 250 މީހުންނެވެ. 1911 ވަނައަހަރު ހިމިތީގެ އާބާދީއަކީ 168 މީހުންނެވެ. 1921 ގައި 148 މީހުންނެވެ. 1953 ގައި 61 މީހުން އަދި 1960 ގައި 66 މީހުންނެވެ. 1911 ގައި ހިމިއްޗާއެކު މުޅިއަތޮޅުގެ އާބާދީއަކީ 1227 މީހުންނެވެ. އެއީ ހިމިތި 168 މީހުން، ފީއަލި 163 މީހުން، ބިލެއްދޫ 286 މީހުން، މަގޫދޫ 158 މީހުން، ދަރަނބޫދޫ 184 މީހުން އަދި ނިލަންދޫގައި 268 މީހުންނެވެ. 1911 ވަނައަހަރު އަތޮޅުގެ އެންމެ އާބާދީ ގިނައީ ބިލެއްދޫގައެވެ.


Back to top