އަތޮޅު ކައުންސިލުން ހިންގާ ޙަރަކާތްތައް


2019 ވަނައަހަރު ހިންގާ ޙަރަކާތްތައް

ފ.އަތޮޅު ޤުރުއާން މުބާރާތް 2019 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅުގެ ސްކޫލް / މަދަރުސާ / ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ފ.އަތޮޅުކައުންސިލުން ކުރިއަށްގެންދިޔަ "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" މިއަތޮޅު ދަރަނބޫދޫގައި 2019 އެޕްރީލް 18 އިން 20 އަށް ބޭއްވިފައި ވެއެވެ. މިމުބާރާތުގައި ޖުމްލަ 11 ޓީމަކުން 176 ބައިވެރިން ވާދަކޮށްފައި ވެއެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މިއަތޮޅުގެ 05 ސްކޫލުންނާއި، 06 ޖަމްޢިއްޔާއަކުންނެވެ. މިއީ އަތޮޅުކައުންސިލުން ޤުރުއާން މުބާރާތް ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެގިނަ ފަރާތްތަކުން ބައިވެރިވި ފަހަރުވެސް މެއެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. އަތޮޅުމަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާމަންޒިލް ޢާއިޝަތު ޔާނާ އަޙުމަދެވެ. ދެވަނަ ހޯދާފައިވަނީ ފ.ނިލަންދޫ ޑޭލައިޓު ކުލަބުން ބައިވެރިވި ފ.ނިލަންދޫ ދޮންފަތްބަގީޗާގޭ ޖިޢާން ޢަބުދުލް މަޖީދެވެ. ތިންވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލެވެ.

މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 01 ވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާއެވެ. ދެވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ހޯދާފައިވަނީ ނިލަންދޫ ޑޭލައިޓު ކުލަބެވެ. މިމުބާރާތް ފ.ދަރަނބޫދޫގައި ކުރިއަށް ގެންދިއުމުގައި އެރަށުގެ ކައުންސިލުންނާއި ސްކޫލުން އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައި ވެއެވެ.


މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 24 އިން 28 އަށް ކުރެވިފައި ވެއެވެ. މިކައުންސިލް އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ބިލެއްދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 04 އިން 07 އަށް ކުރެވިފައި ވެއެވެ. އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


2018 ވަނައަހަރު ހިންގާފައިވާ ޙަރަކާތްތައް

ފ.އަތޮޅު ކައުންސިލް އިދާރާގެ ކުލަބުން އަދަބީ ފޯވަހީގެ ނަމުގައި އަދަބީ މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ ރެކުރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙު" ގެ ފަރާތުން އަދަބީ ކަންތައްތައް ދިރުވައި އާލާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫގެ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން "ފޭސާ އަދާބީ ފޯވަހި 2018" ގެ ނަމުގައި އަދަބީ މުބާރާތެއް 2018 ޑިސެންބަރ 09 ވަނަ ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފައި ވެއެވެ. މިއަދަބީ މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އަދަބީ ކުއިޒާއި، ބައިތުބާޒީއާއި މަދަޙަ ކިއުމެވެ.

ނިލަންދޫގެ 04 ޓީމަކުން ވާދަކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި އަދަބީ ކުއިޒުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމެވެ. ގުރޫޕް މަދަޙަ ކިއުމުންނާއި ބައިތުބާޒީން އެއްވަނަ ހޯދާފައިވަނީ ޖަވާހިރު ޓީމެވެ. ވަކި މަދަޙަ ކިއުމުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމުގެ ރަޝީދާ ޢުމަރެވެ. އަދަބީ ކުއިޒުން އެންމެ މޮޅު ބައިވެރިއަކީ ނިލަންދިއަންސް ޓީމުގެ ޒީނަތު އިސްމާޢީލެވެ. އެންމެ މޮޅު ބައިތު ކިއުން ތެރިއަކީ ޖަވާހިރު ޓީމުގެ ޙަލީމާ ޢަބުއްރަޙުމާނެވެ. މި މުބާރާތުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ދީފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ފީއަލި، ބިލެއްދޫ، ނިލަންދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މުޅި ރާއްޖެ ސާފުކުރުމާ ގުޅުވައިގެން "ފާފު އެންމެ ސާފު" ޕްރޮގުރާމްވެސް ކުރިއަށް ގެންދިއުމުގެ ގޮތުން މިއަތޮޅު ފީއަލި، ބިލެއްދޫ އަދި ނިލަންދޫގައި އަތޮޅުކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކު ރަށުގެ ރައްޔިތުންނާ ގުޅިގެން ރަށްރަށުގެ ގޮނޑު ދޮށުގައިހުރި ޕުލާސްޓިކުގެ ބާވްތައްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް 08 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ.

ރަށްރަށް ސާފުކުރުމަށް ރަށްރަށުގެ ރައްޔިތުންނާ އެކުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 10 ގޯނި ޕްލާސްޓިކު ފީއަލި ބިލެއްދޫން ނެގިފައި ވެއެވެ. އަދި ނިލަންދޫވެސް 173.2 ކިލޯ ޕްލާސްޓިކު ނެގިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.މަގޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު މަގޫދޫ ސާފުކުރުމަށް މަގޫދޫއަށްގޮސް މަގޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 05 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މަގޫދޫގެ ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ރަށުތެރޭގައިހުރި ޕްލާސްޓިކުގެ ބާވަތްތައްވެސް ނަގައި ސާފުކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 08 ގޯނި ޕްލާސްޓިކު މަގޫދޫން ނެގިފައި ވެއެވެ.

މަގޫދޫ ސާފުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އަދި މަގޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، މަގޫދޫގައިހުރި އެކިދާއިރާތަކުގެ މުވައްޒަފުންނާއި އެރަށުގެ ޢާންމު ބައެއް ފަރާތްތަކުންނާއި މަގޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 95 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.މަގޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ދަރަނބޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫ ސާފުކުރުމަށް ދަރަނބޫދޫއަށްގޮސް ދަރަނބޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 04 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 06 ގޯނި ޕްލާސްޓިކު ދަރަނބޫދޫ ގޮނޑުދޮށުން ނަގައި ސާފު ކުރެވިފައި ވެއެވެ.

ދަރަނބޫދޫ ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ދަރަނބޫދޫގައިހުރި އެކިދާއިރާ ތަކުގެ މުވައްޒަފުންނާއި، އެރަށުގެ ޢާންމު ބައެއް ފަރާތްތަކުން އަދި ދަރަނބޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 54 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް 2018 ސެޕްޓެންބަރ 04 އިން 06 އަށް ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައި ބޭއްވިފައި ވެއެވެ. މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ރާޒުވާ އަދި ބެޑްމިންގޓަން އެވެ. މިއީ ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ކުޅިވަރު މުބާރާތެވެ.

ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކެރަމް ސިންގަލް ޗެމްޕިއަނަކީ ބަދަހިޓީމުގެ މަޙުމޫދު އަޙުމަދެވެ. ކެރަމް ޑަބަލްސް ޗެމްޕިއަނުންނަކީ ބުންވަރު ޓީމުގެ ފާޠިމަތު އަޙުމަދާއި، ނުޒުލާ ޖަލީލު އެވެ. ބެޑްމިންގޓަން ޗެމްޕިއަނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙީދު ޢަބްދުލް ޢަޒީޒެވެ. ބެޑްމިންގޓަން ޑަބަލްސް ޗެމްޕިއަނުންނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒާއި، ޔޫސުފު ދާއޫދުއެވެ. ރާޒުވާ ޗެމްޕިއަނަކީ ބުންވަރު ޓީމުގެ އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅުންތެރިން ޕްރެކްޓިސް ކުރުމާއި، މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


ފ.ފީއަލީގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ދޫކުރުން

ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ރަށުގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދަށުން އަތޮޅުކައުންސިލްގެ ޓީމެއް މިއަތޮޅު ފީއައްޔަށްގޮސް ލައިސަންސް ދޫކުރުމުގެ މަސައްކަތް 2018 ޖޫން 10 އިން 12 އަށް އެރަށުގައި ކުރެވިފައި ވެއެވެ.

ފީއަލީގައި ލައިސަންސް ދިނުމަށް ކުރިއަށް ގެންދިޔަ މަސައްކަތުން ސައިކަލް ދުއްވުމުގެ ލައިސަންސް އަލަށް 22 ފަރާތަކަށް ދޫކުރެވި ފައިވެއެވެ. އަދި 39 މީހެއްގެ ލައިސަންސް ފޮތަށް ރަށުޕިކަޕު ދުއްވުމުގެ ހުއްދަ C4,C3 ކެޓަގަރީ އިތުރު ކޮށްދެވިފައި ވެއެވެ. ފީއަލީގައި ކުރިއަށް ގެންދިޔަ މިމަސައްކަތުގައި ފީއަލީ ކައުންސިލް އިދާރާގެ އެހީތެރިކަމާ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައި ވެއެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ފ.އަތޮޅު ޤުރުއާން މުބާރާތް 2018" ގެ ނަމުގައި ޤުރުއާން މުބާރާތެއް 2018 މޭ 04 އިން 05 އަށް މިއަތޮޅު މަގޫދޫގައިވަނީ ބޭއްވިފައެވެ. މިމުބާރާތުގައި މިއަތޮޅުގެ 03 ސްކޫލުންނާއި، 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރި ވެފައި ވެއެވެ. މިމުބާރާތުގައި ބަލައިގެން ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 64 ކުދިންނެވެ. ނުބަލައި ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 16 ކުދިންނެވެ. މިމުބާރާތަކީ ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލުން ބާއްވަމުން ގެންދާ މުބާރާތެކެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ދެކުނުގޭ ޝަހުލާ ޢަބުދުލް ފައްތާޙުއެވެ. މުބާރާތުގައި ބައިވެރިވި ސްކޫލްތަކާއި ޖަމްޢިއްޔާ ތަކުގެ ތެރެއިން އެއްވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރެވެ. އަތޮޅު ޤުރުއާން މުބާރާތް މަގޫދޫގައި ކުރިއަށް ގެންދިޔައިރު މަގޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، މަގޫދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރު ލުމެއް ލިބިފައި ވެއެވެ.


ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސް ރޭނުމަށް ބޭނުންވާ ގައު އެޅުން

ފ.އަތޮޅުރައްޔިތުންނަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާރާތް ކުރަމުން ގެންދާ ގެސްޓު ހައުސް ޢިމާރާތް ރޭނުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް 31 ޖަނަވަރީ 2018 ގައި އަތޮޅު ކައުންސިލްގެ މުވައްޒަފުން ކޮށްފައި ވެއެވެ. މިދުވަހު ގައު އެޅުމަށް ކުރި މަސައްކަތުން 1050 ގައު އަޅާފައި ވެއެވެ. އަދި 09 ޖަނަވަރީ 2018 ގައިވެސް އަތޮޅު ކައުންސިލްގެ މުވައްޒަފުން ގައު އެޅުމަށް ކުރި މަސައްކަތުން 1082 ގައު އަޅާފައި ވެއެވެ. މިދެދުވަހު ކުރި މަސައްކަތުން 2132 ގައު އަޅާފައި ވެއެވެ.

ޖުމްލަ 16 ކޮޓަރި ހިމެނޭގޮތަށް ފ.އަތޮޅު ސްޓޭޓުހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސްގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ރޭވިފައިވަނީ ދެފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭހުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 08 ކޮޓަރިއެވެ. އެގޮތުން 04 ކޮޓަރި ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި 02 ކޮޓަރީގެ ޕައުންޑޭޝަން އަޅައި ތަބުތައްޖަހައި، 02 ކޮޓަރީގެ ޕައުންޑޭޝަންވަނީ އަޅާފައެވެ. ގައު އެޅުމާއި ޕައުންޑޭޝަން އަޅައި ތަނބުތައް ޖެހުމުގެ މަސައްކަތް ކައުންސިލް އިދާރާގެ މުވައްޒަފުން ކޮށްފައިވަނީ އެއްވެސް އުޖޫރައަކާ ނުލައި ހިލޭ ސާބަހަށެވެ.


Back to top