އަތޮޅު ކައުންސިލުން ދޭ ޢާންމު ޚިދުމަތްތައް


ތިރީގައި އެވަނީ ނިލަންދެއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލުން ދެމުން ގެންދާ ޢާންމު ޚިދުމަތް ތަކެވެ. މިއިދާރާއިން ދެމުން ގެންދާ ޚިދުމަތެއް ހޯދުމަށް ބޭނުން ވެއްޖެނަމަ، ރަސްމީ ބަންދުނޫން ދުވަސް ދުވަހު މިއިދާރާއަށް ދުރުވުމުން އެޚިދުމަތެއް ލިބޭނެއެވެ.

ދިވެހި ޕާސްޕޯޓު ހެއްދުން

މިއިދާރާ މެދުވެރިކޮށް ދިވެހި ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް އެދޭ ފޯމާއި، ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުން މިޚިދުމަތް ލިބޭނެއެވެ. މިއަތޮޅުގެ ރަށްރަށުގެ މީހުންގެ އިތުރުން ބޭރުއަތޮޅު ތަކުގެ މީހުންނަށްވެސް މިޚިދުމަތް ލިބޭނެއެވެ. ޕާސްޕޯޓު ހެއްދުމަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއިން ކުރިއަށް ގެންދަނީ ޕާސްޕޯޓު ހެއްދުމުގެ އިދާރީ މަސައްކަތެވެ. ޕާސްޕޯޓު ލިބޭނީ މޯލްޑިވްސް އިމިގުރޭޝަނުންނެވެ. ދިވެހި ޕާސްޕޯޓަށް އެދޭފޯމް [Download]

މިއިދާރާއިން ހައްދައިދެނީ އިލެކްޓްރޯނިކުގެ 32 ޞަފުޙާއާއި، 48 ޞަފުޙާގެ ޕާސްޕޯޓާއި، ނޮން އިލެކްޓްރޯނިކު 32 ޞަފުޙާގެ ޕާސްޕޯޓެވެ. އިލެކްޓްރޯނިކު ޕާސްޕޯޓަކީ ޢާންމުކޮށް ހަދާ ޕާސްޕޯޓެވެ. ނޮން އިލެކްޓްރޯނިކު ޕާސްޕޯޓު ހައްދައިދެނީ ޢުމުރުން 10 އަހަރުނުވާ ކުޑަކުދިންނަށާއި، ރާއްޖޭން ބޭރުގައި ވުމުގެ ސަބަބުން ޕާސްޕޯޓު ބަލައި ނާދެވޭ ފަރާތްތަކަށާއި، 60 އަހަރު ވެފައިވާ ފަރާތްތަކާއި، ދާއިމީ ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރު ކުރުމަށް ބޭނުންވާ ހިނދު، ދިމާވެފައިވާ ވަގުތީ ޙާލަތެއްގެ ސަބަބުން ހިނގާ އުޅުމަށް ދަތިވާ ފަރާތްތަކަށެވެ.

ޢުމުރުން 10 އަހަރު ނުފުރޭ ކުދިންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން ޕާސްޕޯޓުގައިވާ ފޮޓޯ ބަދަލު ކުރަން ޖެހިގެން އާޕާސްޕޯޓަކަށްއެދި ހުށަހަޅައިފިނަމަ، ކެންސަލޭޝަންފީ ނުނަގައި އާ ޕާސްޕޯޓެއް ހަދައި ދެވޭނެއެވެ.

ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަންޖެހޭ ތަކެެއްޗާއި ދައްކަންޖެހޭ ފައިސާ

  • ފުރިހަމަ ކޮށްފައިވާ ދިވެހި ޕާސްޕޯޓަށް އެދޭ ފޯމު
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • -/10 ރުފިޔާގެ 01 ރެވެނިއު ސްޓޭމްޕް
  • ނެގިފަހުން 01 މަސްދުވަސް ހަމަނުވާ، ދިވެހި ޕާސްޕޯޓު ފޮޓޯގެ މިންގަނޑާ އެއްގޮތް، ޕާސްޕޯޓު ސައިޒުގެ 01 ގަނޑު ފޮޓޯ
  • އިލެކްޓްރޯނިކު 32 ޞަފުޙާގެ ޕާސްޕޯޓެއް ހައްދާނަމަ، ޕާސްޕޯޓުގެ ފީ -/1000 (އެއްހާސް) ރުފިޔާ
  • އިލެކްޓްރޯނިކު 48 ޞަފުޙާގެ ޕާސްޕޯޓެއް ހައްދާނަމަ، ޕާސްޕޯޓުގެ ފީ -/1500 (އެއްހާސް ފައްސަތޭކަ) ރުފިޔާ
  • ނޮން އިލެކްޓްރޯނިކު ޕާސްޕޯޓެއް ހައްދާނަމަ، ޕާސްޕޯޓުގެ ފީ -/600 (ހަސަތޭކަ) ރުފިޔާ
  • ކޯޓުން ބަދަލު ވެރިކަން ޙަވާލުކޮށްފައިވާ ފަރާތެއްނަމަ، އެފަރާތަކަށް ބަދަލު ވެރިކަން ޙަވާލުކުރި ކަމުގެ ލިއުން ހުށަހަޅަން ޖެހޭނެއެވެ.
  • ކުރިން ޕާސްޕޯޓެއް ހައްދާފައިވާނަމަ، ކުރީގެ ޕާސްޕޯޓު ހުށަހަޅަން ޖެހޭނެއެވެ.
  • ހޮސްޕިޓަލުގައި އެޑުމިޓު ކޮށްފައިވާ ބަލިމީހެއްނަމަ، ޑޮކްޓަރގެ ސެޓްފިކެޓު އަދި ދަތުރު ކުރުމުގެ ވަގުތީ ލިއުމާ ޙަވާލުވާނެ ފަރާތުގެ ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.

ޕާސްޕޯޓާއި ޙަވާލުވުން

މިއިދާރާ މެދުވެރިކޮށް ހައްދާ ޕާސްޕޯޓު ލިބޭނީ، ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާތާ ރަސްމީ 05 ދުވަހުގެ ތެރޭގައެވެ.

ޢުމުރުން 18 އަހަރު ވެފައިވާ މީހުންގެ ޕާސްޕޯޓު ލިބޭނީ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑާއި، ޕާސްޕޯޓު ނެގުމަށް މިއިދާރާއިންދޭ ރިސިޕްޓު ހިފައިގެން ޕާސްޕޯޓުގެ ވެރިފަރާތް ދިއުމުންނެވެ.

ޢުމުރުން 18 އަހަރު ފުރިހަމަނުވާ ކުދިންގެ ޕާސްޕޯޓު ލިބޭނީ ކުއްޖާއާއި ކުއްޖާގެ ބައްޕަ ނުވަތަ މަންމަގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑާއި، ޕާސްޕޯޓު ނެގުމަށް މިއިދާރާއިންދޭ ރިސިޕްޓު ހިފައިގެން ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ދިއުމުންނެވެ.

ޕާސްޕޯޓާއި ޙަވާލުވުމަށް ކުއްޖާގެ ބައްޕަ ނުވަތަ މަންމައަށް ދެވެން ނެތިގެން އެހެން ފަރާތަކާއި ޕާސްޕޯޓު ނެގުމަށް ޙަވާލު ކުރާނަމަ، ޕާސްޕޯޓާއި ޙަވާލުވުމަށް ދެވެންނެތް ސަބަބު ބަޔާންކޮށް ޕާސްޕޯޓާ ޙަވާލުވާ ފަރާތުގެ ނަމާއި އެޑުރެހާއި އައިޑެންޓިޓީ ކާޑު ނަންބަރު އެނގޭ ގޮތަށް މަންމަ ނުވަތަ ބައްޕަ ސޮއިކޮށްފައިވާ ސިޓީއާއި އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑު ގެންދަން ޖެހޭނެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން އެއްގަމު ލައިސަންސްގެ ޚިދުމަތަށް އެދޭފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުން އެޚިދުމަތް ލިބޭނެއެވެ. އެއްގަމު ލައިސަންސަށް އެދޭފޯމު މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން ލިބެން ހުންނާނެއެވެ. އެއްގަމު ލައިސަންސަށް އެދޭފޯމު [Download]

މިއިދާރާއިން އެއްގަމު ލައިސަންސް ދޫކުރާނީ މިއަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މިއަތޮޅުގެ ރަށްވެހިންނަށެވެ.

މިއަތޮޅުގެ ރަށެއްގެ މީހަކާ އިދެގެންއުޅޭ ބޭރުއަތޮޅެއްގެ މީހަކު ލައިސަންސް ނެގުމަށް ބޭނުންވާނަމަ، އެމީހަކަށް ލައިސަންސް ދޫކުރެވޭނީ އެމީހަކީ މިއަތޮޅުގެ ރަށެއްގެ މީހަކާ އިދެގެން މިއަތޮޅުގެ ރަށެއްގައި ދިރިއުޅޭ މީހެއްކަން އެނގޭނޭ ރަސްމީ ލިއުމެއް އެމީހަކު ދިރިއުޅޭ ރަށެއްގެ ރަށުކައުންސިލް އިދާރާއިން ހޯދައި ލައިސަންސަށް އެދޭ ފޯމާއެކު ހުށަހެޅުމުންނެވެ.

އެއްގަމު ލައިސަންސަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއި ފައިސާ ދެއްކުމުން ތިޔަރީ ޓެސްޓު ދެވޭނެއެވެ.

އެއްގަމު ލައިސަންސްގެ ތިޔަރީ ޓެސްޓު ހެދުމަށް ހުށަހަޅަންޖެހޭ ތަކެއްޗާއި ދައްކަންޖެހޭ ފައިސާ

  • ފުރިހަމަ ކޮށްފައިވާ އެއްގަމު ލައިސަންސަށް އެދޭ ފޯމު (LL1 ފޯމް)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު (ކޮޕީއަކާއެކު)
  • ނެގިފަހުން 03 މަސްދުވަސް ހަމަނުވާ، ޕާސްޕޯޓު ސައިޒުގެ 01 ގަނޑު ފޮޓޯ
  • ތިޔަރީ ޓެސްޓު ހެދުމުގެ ފީ -/100 ރުފިޔާ

ތިޔަރީ ޓެސްޓުގެ ނަތީޖާ، ޓެސްޓުހަދާ ނިމޭތާ ލަސްވެގެން 30 މިނިޓުގެ ތެރޭގައި އެމީހަކާއި ޙަވާލު ކުރެވޭނެއެވެ. ތިޔަރީ ޓެސްޓުން ފާސްވާނީ އެންމެ ދަށްވެގެން 75 މާރކްސް ލިބިގެންނެވެ. ތިޔަރީ ޓެސްޓުން ފޭލް ވެއްޖެނަމަ، ދެން ޓެސްޓުގައި ބައިވެރި ވެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ތިޔަރީ ޓެސްޓުހަދާ ކޮންމެ ދުވަހަކު ތިޔަރީ ޓެސްޓު ހެދުމަށް ބޭނުންވާ ހުރިހާ ތަކެތި ހުށަހަޅައި ޓެސްޓު ހެދުމުގެ ފީ ދައްކަން ޖެހޭނެއެވެ.

ތިޔަރީ ޓެސްޓުން ފާސް ވެއްޖެނަމަ، ހަމައެދުވަހު ދުއްވުމުގެ ޓެސްޓު ދެވޭނެއެވެ. ދުއްވުމުގެ ޓެސްޓުން ފެއިލް ވެއްޖެނަމަ، ދެން ޓެސްޓުގައި ބައިވެރި ވެވޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ދުއްވުމުގެ ޓެސްޓު ހަދާއިރު ފުރަތަމަ ހުށަހެޅި ފޯމު ބާޠިލްވާނީ 08 ފަހަރު ޓެސްޓުގައި ބައިވެރިގެން ފެއިލް ވެއްޖެނަމައެވެ. ދުއްވުމުގެ ޓެސްޓުގައި ބަައިވެރިވާ ކޮންމެ ދުވަހަކު -/100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

އެއްގަމު ލައިސަންސްގެ ދުއްވުމުގެ ޓެސްޓު ހެދުމަށް ދުއްވާނެ އުޅަނދެއް ހޯދުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ދުއްވުމަށް ހޯދާ އުޅަނދަކީ ދުއްވުމުގެ ހުރިހާ ކަމެއް ޤަވާޢިދުން ފުރިހަމަ ކޮށްފައިވާ އުޅަނދަކަށް ވާން ޖެހޭނެއެވެ.

ދުއްވުމުގެ ޓެސްޓުން ފާސްވެގެން ލައިސަންސްފޮތް ހެއްދުމަށް ހުށަހަޅަންޖެހޭ ތަކެތި އެދުވަހު ހުށަހަޅައިފިނަމަ ހަމައެދުވަހު ލައިސަންސް ފޮތް ދޫކުރެވޭނެއެވެ. ވެރިފަރާތް ފިޔަވައި އެހެން މީހަކާ ލައިސަންސްފޮތް ޙަވާލު ކުރެވޭނީ ވެރިފަރާތުގެ ސިޓީއެއް ފޮނުވުމުންނެވެ.

އެއްގަމު ލައިސަންސްފޮތް ހެދުމަށް ހުށަހަޅަންޖެހޭ ތަކެއްޗާއި ދައްކަންޖެހޭ ފައިސާ

  • ނެގިފަހުން 03 މަސްދުވަސް ހަމަނުވާ، ޕާސްޕޯޓު ސައިޒުގެ 01 ގަނޑު ފޮޓޯ
  • -/50 ރުފިޔާގެ 01 ރެވެނިއު ސްޓޭމްޕު
  • ލައިސަންސް ފޮތުގެ އަގު -/250 ރުފިޔާ
  • ލައިސަންސް ފޮތުގެ މުއްދަތު ހަމަވެގެން އާކުރުމުގެ އަގު -/250 ރުފިޔާ

އަލަށް ލައިސަންސް ނަގާ މީހުންނަށް ފުރަތަމަ ދޫކުރާނީ 01 އަހަރު ދުވަހުގެ ވަގުތީ ލައިސަންސެކެވެ. 01 އަހަރުވުމުން ލައިސަންސް ދާއިމީ ކުރުމަށް ވަގުތީ ލައިސަންސާއެކު ހުށަހެޅުމުން 05 އަހަރަށް ލައިސަންސް އާކޮށްދެވޭނެއެވެ.

މިއިދާރާއިން ދޫކުރާ އެއްގަމު ލައިސަންސް ބޭނުން ކުރެވޭނީ ހަމައެކަނި C ޒޯންގައި ދުއްވުމަށެވެ. C ޒޯނުގައި ހިމެނޭ އަތޮޅު ތަކަކީ މިލަދުންމަޑުލު އުތުރުބުރިން ކޮޅުމަޑުލުގެ (ށ.އަތޮޅުން ތ.އަތޮޅަށް) ނިޔަލަށެވެ.

މިއިދާރާއިން އެއްމަގު ލައިސަންސް ދޫކުރާ ކެޓަގަރީތައް

  • A1,A0 ކެޓަގަރީ (މޮޓޯ ސައިކަލް)
  • B1,B2 ކެޓަގަރީ (ފަސިންޖަރުން އުފުލާ އުޅަނދު/ އިށީނުމުގެ ޖާގަ 09 މީހުންނާއި 20 މީހުންނާ ދެމެދުގެ ޖާގަ)
  • C1,C2 ކެޓަގަރީ (މުދާ އުފުލާ އުޅަނދު/ 02 ޓަނުން ފެށިގެން 04 ޓަނު ހަމަނުވާ އުޅަނދު ފަހަރު)
  • C3,C4 ކެޓަގަރީ (ރަށު ޕިކަޕު)

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ކަނޑުގެ ލައިސަންސްގެ ޚިދުމަތަށް އެދޭފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުން އެޚިދުމަތް ލިބޭނެއެވެ. ކަނޑުގެ ލައިސަންސަށް އެދޭފޯމު މިއިދާރާގެ ކައުންޓަރުންނާއި، ވެބުސައިޓުން ލިބެން ހުންނާނެއެވެ. ކަނޑުގެ ލައިސަންސަށް އެދޭފޯމު [Download]

މިއިދަރާއިން ކަނޑުގެ ލައިސަންސް ދޫކުރާނީ މިއަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މިއަތޮޅުގެ ރަށްވެހިންނަށެވެ. މިއަތޮޅުގެ ރަށެއްގެ މީހަކާ އިދެގެންއުޅޭ ބޭރުއަތޮޅު ތަކުގެ މީހުންނަށް ލައިސަންސް ދޫކުރެވޭނީ އެމީހަކީ މިއަތޮޅުގެ ރަށެއްގެ މީހަކާ އިދެގެން އެރަށެއްގައި ދިރިއުޅޭ މީހެއްކަން އެނގޭނޭ ރަސްމީ ލިއުމެއް އެމީހަކު ދިރިއުޅޭ ރަށުގެ ރަށުކައުންސިލް އިދާރާއިން ހޯދައި އެލިއުން ލައިސަންސް ނެގުމަށް އެދޭ ފޯމާއެކު ހުށަހެޅުމުންނެވެ. ކަނޑުގެ ލައިސަންސް ނެގުމަށް ހުށަހޭނީ ނިޔަމިކަމުގެ ސެޓްފިކެޓު އޮންނަ ފަރާތް ތަކަށެވެ.

ކަނޑުގެ ލައިސަންސަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ހުށަހެޅުމުން ދުއްވުމުގެ ޓެސްޓު ދެވޭނެއެވެ.

ދުއްވުމުގެ ޓެސްޓު ހެދުމަށް ދުއްވާނެ އުޅަނދެއް ހޯދުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ދުއްވުމަށް ހޯދާ އުޅަނދަކީ ސަލާމަތާބެހޭ ހުރިހާ ކަމަކާއި، ޤަވާޢިދުން ފުރިހަމަ ކުރަންޖެހޭ އެހެން ކަންކަން ފުރިހަމަ ކޮށްފައިވާ އުޅަނދަކަށް ވާން ޖެހޭނެއެވެ.

ކަނޑުގެ ލައިސަންސްގެ ދުއްވުމުގެ ޓެސްޓު ހެދުމަށް ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަ ކޮށްފައިވާ އެއްގަމު ލައިސަންސަށް އެދޭ ފޯމު (ML1 ފޯމް)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު (ކޮޕީއަކާއެކު)
  • ނެގިފަހުން 03 މަސްދުވަސް ހަމަނުވާ، ޕާސްޕޯޓު ސައިޒުގެ 01 ގަނޑު ފޮޓޯ
  • ނިޔަމި ސެޓުފިކެޓުގެ އަޞްލާ އެއްގޮތް ކޮޕީ

ދުއްވުމުގެ ޓެސްޓު ދިނުމުން ޓެސްޓުން ފެއިލް ވެއްޖެނަމަ، ދެން ޓެސްޓުގައި ބައިވެރި ވެނޭނީ ޖެހިގެން އަންނަ ދުވަހުއެވެ. ދުއްވުމުގެ ޓެސްޓު ހަދާއިރު ފުރަތަމަ ހުށަހެޅިފޯމު ބާޠިލްވާނީ 04 ފަހަރު ޓެސްޓުގައި ބައިވެރިގެން ފެއިލް ވެއްޖެނަމައެވެ.

ދުއްވުމުގެ ޓެސްޓުން ފާސްވެގެން ލައިސަންސްފޮތް ހެއްދުމަށް ހުށަހަޅަންޖެހޭ ތަކެތި އެދުވަހު ހުށަހަޅައިފިނަމަ ހަމައެދުވަހު ލައިސަންސް ފޮތް ދޫކުރެވޭނެއެވެ. ލައިސަންސް ދޫކުރާނީ 05 އަހަރު ދުވަހުގެ މުއްދަތަށް ދާއިމީ ލައިސަންސެކެވެ.

ކަނޑުގެ ލައިސަންސްފޮތް ހެދުމަށް ހުށަހަޅަންޖެހޭ ތަކެއްޗާއި ފައިސާ

  • ނެގިފަހުން 03 މަސްދުވަސް ހަމަނުވާ، ޕާސްޕޯޓު ސައިޒުގެ 01 ގަނޑު ފޮޓޯ
  • -/50 ރުފިޔާގެ 01 ރެވެނިއު ސްޓޭމްޕު
  • ލައިސަންސް ފޮތުގެ އަގު -/25 ރުފިޔާ

މިއިދާރާއިން ކަނޑުގެ ލައިސަންސް ދޫކުރާ ކެޓަގަރީތައް

  • A ކެޓަރީ (ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށްވުރެ ދަށް އުޅަނދު ފަހަރު)
  • B ކެޓަގަރީ (ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށްވުރެ މަތީ އުޅަނދު ފަހަރު)
  • C ކެޓަގަރީ (އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ މަޑުން ދުއްވާ އުޅަނދު ފަހަރު)
  • D ކެޓަގަރީ (އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ ބާރަށް ދުއްވާ އުޅަނދު ފަހަރުު)
  • G ކެޓަގަރީ (މަސްވެރި ކަމަށް ބޭނުންކުރާ އުޅަނދު ފަހަރު)

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ސަލާމަތީ ސެޓުފިކެޓު ހެއްދުން

ސަލާމަތީ ސެޓުފިކެޓު ހެއްދުން ރަށުކައުންސިލްތަކާ ޙަވާލުކޮށްފައިވާތީ، ޢާންމު ގޮތެއްގައި ސަލާމާތީ ސެޓުފިކެޓު ހައްދާނީ ރަށުކައުންސިލް ތަކުންނެވެ. ނަމަވެސް ދިމާވާ ޚާއްޞަ ޙާލަތްތަކުގައި ސަލާމަތާބެހޭ ސެޓުފިކެޓު ހެދުމަށް މިއިދާރާއަށް ހުށަހެޅުމުން ސެޓުފިކެޓު ހައްދައި ދެވޭނެއެވެ.

މިއިދާރާއިން ސަލާމަތީ ސެޓުފިކެޓު ސެޓުފިކެޓު ހެއްދުމަށްޓަކައި އުޅަނދު ސާވޭކުރާ ފޯމު ފުރިހަމަކޮށް ފޯމާއެކު އުޅަނދު ސާވޭ ކުރުމަށް ދައްކަންޖެހޭ ފީއާއި، އުޅަނދުގެ އަހަރީފީއާއި، ޓުރާންސްމިޓިންގ ސްޓޭޝަންގެ ލައިސަންސްފީ ދައްކާފައިވާކަން އެނގޭނޭ ލިއުންތައް ހުށަހެޅުމުން އުޅަނދު ސާވޭ ކުރެވޭނެއެވެ. އުޅަނދު ސާވޭ ކުރާއިރު ހުރިހާ ކަމެއް ފުރިހަމަކޮށް ހުރެއްޖެނަމަ ސެޓުފިކެޓު ހެއްދުމަށް ދަައްކަންޖެހޭ ފީ ދައްކަން ވާނެއެވެ. ސެޓުފިކެޓު އަތަށް ލިބޭނީ ފީ ދެއްކުމުންނެވެ. ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް [Download]

ކުރީގެ އަތޮޅުއޮފީހުން ހައްދާފައިވާ އުފަން ދުވަހުގެ ސެޓުފިކެޓު ހައްދައި ދިނުން

ކުރީގެ އަތޮޅު އޮފީހުން ހައްދާފައިވާ މިއަތޮޅުގެ ރަށްރަށުގެ މީހުންގެ އުފަންދުވަހުގެ ސެޓުފިކެޓު ގެއްލިގެން ނުވަތަ ސެޓުފިކެޓުގެ އިނގިރޭސި ކޮޕީއެއް ހެއްދުމަށް ބޭނުން ވެގެން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުން އެޚިދުމަތް ލިބޭނެއެވެ. އެކަމަށް އެދޭފޯމު މިއިދާރާގެ ކައުންޓަރުންނާއި ވެބުސައިޓުން ލިބެން ހުންނާނެއެވެ. އުފަން ދުވަހުގެ ސެޓުފިކެޓު ހެއްދުމަށް އެދޭ ފޯމު [Download]

ސެޓުފިކެޓު ހެއްދުމަށް ހުށަހަޅަންޖެހޭނީ ފޯމުގެ އިތުރުން ސެޓުފިކެޓުގެ ވެރިފަރާތާއި މަންމައާއި ބައްޕަ ދުނިޔޭގައި ހުރިނަމަ އެމީހުންގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެ ކޮޕީއަކާއި ސެޓުފިކެޓު ހެއްދުމުގެ އަގު -/10 ރުފިޔާއާއި، -/1 ރުފިޔާގެ ރެވެނިއު ސްޓޭންޕެކެވެ.

ސެޓުފިކެޓު ހެއްދުމުގެ ކުރިން ސެޓުފިކެޓު ހެއްދުމަށް ހުށަހަޅާފައިވާ ފަރާތުގެ މަޢުލޫމާތު ޗެކު ކުރެވޭނެއެވެ. މަޢުލޫމާތުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ސެޓުފިކެޓު ހައްދައި ދެވޭނީ އެކަން ރަގަނޅު ކުރުމުންނެވެ.

ޚިދުމަތް ދިނުމާއި ފައިސާ ބަލައިގަތުން

  • ޚިދުމަތް ދިނުން: ރަސްމީ ކޮންމެ ދުވަހެއްގެ (އާދީއްތަ - ބުރާސްފަތި) 8.00 އިން 14.00 އަށް
  • ރަމަޟާންމަހު ޚިދުމަތް ދިނުން: ރަސްމީ ކޮންމެ ދުވަހެއްގެ (އާދީއްތަ - ބުރާސްފަތި) 10.00 14.00 އަށް
  • ފައިސާ ބަލައިގަތުން: ރަސްމީ ކޮންމެ ދުވަހެއްގެ (އާދީއްތަ - ބުރާސްފަތި) 8.30 އިން 13.00 އަށް
  • ރަމަޟާންމަހު ފައިސާ ބަލައިގަތުން: ރަސްމީ ކޮންމެ ދުވަހެއްގެ (އާދީއްތަ - ބުރާސްފަތި) 10.30 އިން 12.30 އަށް

ފޯނު ނަންބަރު: 6740017 ފެކްސް ނަންބަރު: 6740019 އީމެއިލް: admin@faafu.gov.mv ވެބްސައިޓު: www.faafu.gov.mv ފޭސްބުކު: fb.com/FACouncil