ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގުރާމްތައް


ހޭލުންތެރި ކުރުމަށް 2019 ވަނައަހަރު ހިންގާ ޕްރޮގުރާމްތައް

ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގުރާމްގެ ތެރެއިން ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 11 އިން 13 އަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 11 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބުދުލް ޢަޒީޒެވެ.


ތަފާސް ހިސާބުގެ ޓުރެއިނިންގ ޕްރޮގުރާމެއް ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމުރީނު ޕްރޮގުރާމް ތަކުގެ ތެރެއިން ތަފާސް ހިސާބު ނެގުމާއި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 05 އިން 06 އަށް މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 09 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މި ތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރ އަލްފާޟިލާ ޝަޒީލާ މޫސާއާއި، ރިސާރޗު އޮފިސަރ އަލްފާޟިލާ ޚަދީޖާ ޢަލީއެވެ.


ހޭލުންތެރި ކުރުމަށް 2018 ވަނައަހަރު ހިންގާ ފައިވާ ޕްރޮގުރާމްތައް

އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއާއި ސިވިލްސާރވިސް ޓްރޭނިންގ އިންސިޓިއުޓާ ގުޅިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ އިދާރީ މުވައްޒަފުންނަށް އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ 06 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް 18 ޑިސެންބަރ 2018 އިން 19 ޑިސެންބަރ 2018 އަށް އަތޮޅު ކައުންސިލުން ހިންގިފައި ވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން 06 މުވައްޒަފަކާއި، ފ.އަތޮޅު ހޮސްޕިޓަލާއި ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި މިއިން ކޮންމެ ތަނަކުން އެއްމުވައްޒަފާއެކު ޖުމްލަ 08 މުވައްޒަފުން ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދިއުމުގެ ފެސިލިޓޭޓަރެއްގެ ގޮތުގައި ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމަށް ހިންގާ މިޕްރޮގުރާމަކީ އަތޮޅު ކައުންސިލް އިދާރާގެ އިދާރީ ހުރިހާ މުވައްޒަފުންނަށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމަކަށްވާތީ، ސަލާމާއި ޗުއްޓީގައިތިބި މުވައްޒަފުންނާއި އެހެންވެސް ގޮތަކުން މިޕްރޮގުރާމްގައި ބައިވެރި ވެފައިނުވާ މުވައްޒަފުންނަށް ވީހާއަވަކަށް މިތަމްރީނު ޕްރޮގުރާމް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.


ފ.ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ކޮންޕިއުޓަރަށް އަހުލުވެރި ކުރުމަށް ޓުރެއިނިންގ ޕްރޮގުރާމެއް ހިންގުން

ފ.ނިލަންދޫ ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަގަނޅުކޮށް، ޚިދުމަތްތަކުގެ ރެކޯޑުތައް ޒަމާނާ އެއްގޮތަށް ބެލެހެއްޓުމަށް އަހުލުވެރި ކުރުމުގެ ގޮތުން ނިލަންދޫ ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނަށް ކޮންޕިއުޓަރ ޓުރެއިނިންގ ޕްރޮގުރާމެއް 25 ނޮވެންބަރ 2018 އިން 05 ޑިސެންބަރ 2018 އަށް އަތޮޅު ކައުންސިލުން ހިންގިފައި ވެއެވެ.

މި ޓުރެއިނިންގ ޕްރޮގުރާމްގައި މައިކުރޯ ސޮފުޓު ވޯޑާއި، އެކްސެލްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، ރެކޯޑުތައް ބަލަހައްޓާނެ ގޮތުގެ ތަމްރީނުތައް ދެވިފައި ވެއެވެ. މި ޓުރެއިނިންގ ޕްރޮގުރާމްގައި ފ.ނިލަންދޫ ކައުންސިލް އިދާރާގެ 11 މުވައްޒަފުން ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. ފ.ނިލަންދޫ ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މި ޓުރެއިނިންގ ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ފ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.


ޕުލާސްޓިކުން ލިބޭ ގެއްލުންތަކާއި، ރައްކާތެރި ގޮތުގައި ޕުލާސްޓިކު ނައްތާލުމަށް ހޭލުންތެރި ކުރުމުގެ ޕުރޮގުރާމެއް ހިންގުން

"ފާފު އެންމެ ސާފު" ގެ ނަމުގައި ޝިޢާރެއް ކަނޑައަޅައި، އެޝިޢާރުގެ ދަށުން ލޯގޯއެއް ކަނޑައަޅައިގެން އަތޮޅުގައި ސާފު ތިމާވެއްޓެއް ބޭއްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުނީގެ ގޮތުގައި އުކާލާ ޕުލާސްޓިކުގެ ބާވަތްތަކުން އިންސާނުންނަށާއި ތިމާވެއްޓަށް ކުރަމުން ގެންދާ ނޭދެވޭ އަސަރުތަކާއި، ގެއްލުންތައް ބަޔާންކޮށްދީ، ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމާ ގުޅޭގޮތުން މިއަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި ކުލަބު ޖަމްޢިއްޔާ ޖަމާާޢަތްތަކާއި ކަމުވޮށިގެންވާ މީހުންނާއި މަސްވެރިންނާއި އޮޑިވެރިން ޝާމިލްވާގޮތަށް 2018 ޖުލައި 02 އިން 05 އަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް އަތޮޅު ކައުންސިލުން ހިންގިފައި ވެއެވެ.

މިޕްގުރާމަކީ ޕާލޭ މޯލްޑިވްސްއާއި މިއިދާރާއާއި ގުޅިގެން ހިންގި ޕްރޮގުރާމެކެވެ. މިޕްރޮގުރާމްގައި މަޢުލުމާތު ދެއްވާފައިވަނީ ޕާލޭ މޯލްޑިވްސްގެ ބޭފުޅުންނާއި، މިކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.

ޕުލާސްޓިކަށް ހޭލުންތެރި ކުރުމަށް ހިންގި މިޕްރޮގުރާމްގައި 05 ރަށުގެ ސްކޫލުން 170 ދަރިވަރުންނަށް އަދި ބެލެނިވެރިންނާއި ޓީޗަރުންނާއި ޢާންމު ފަރާތްތަކުގެ ތެރެއިން 200 މީހުންނަށް ޖުމްލަ 370 މީހުންނަށް މަޢުލޫމާތު ދެވިފައި ވެއެވެ.

ރައްކާތެރި ގޮތުގައި ޕްލާސްޓިކު ނައްތާލުމުގެ ގޮތުން ކޮންމެ ރަށެއްގެ ސްކޫލާއި ރަށުގެ އެކި ސަރަޙައްދު ތަކުގައި ބޮޑަތި ޖަންބޯގޯނި ބަހައްޓައި ޖަންބޯ ގޯންޏަށް ޕްލާސްޓިކުގެ ބާވަތްތައް އެޅުމަށްފަހު އެގޯނިތައް އަތޮޅު ކައުންސިލް ހުންނަ ރަށަށް ގެނެސް އެގޯނިތައް ޕާލޭމޯލްޑިވްސް އަށް މާލެފޮނުވުމަށް ހިންގުނު ހޭލުންތެރި ކަމުގެ ޕްރޮގުރާމުން އެދެވޭ ތަރުޙީބެއް ލިބި ޕްލާސްޓިކުގެ ބާވަތްތައް ރަށުގެ އެތަން މިތަނަށް އުކާލުމުގެ ބަދަލުގައި ޖަންބޯ ގޯންޏަށް އެޅުމަށްފަހު ޖަންބޯ ގޯނިތައް އަތޮޅުކައުންސިލް ހުންނަ ރަށަށް ފޮނުވަމުން ގެންދެއެވެ.


މަގޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ޖެމުސްއަށް އަހުވެލި ކުރުވުމަށް ޓުރެއިނިންގ ޕްރޮގުރާމެއް ހިންގުން

މިއަތޮޅު މަގޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ގޮތުން 2018 އެޕްރީލް 08 އިން 10 އަށް ޓުރެއިނިންގ ޕްރޮގުރާމެއް އަތޮޅު ކައުންސިލުން ހިންގިފައި ވެއެވެ. މިޓުރެއިނިންގ ޕްރޮގުރާމުގައި މަގޫދޫގެ ކައުންސިލަރުންނާއި އިދާރީ ވެރިންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.

މިޓުރެއިނިންގ ޕްރޮގުރާމްގައި ޖެމްސް މެދުވެރިކޮށް މަގޫދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، ޖެމްސްގެ ތެރޭގައި ލިޔެކިއުންތައް ރައްކާކޮށް ބަލަހައްޓާނެ ގޮތުގެ މަޢުލޫމާތާއި، ޖެމްސް ބޭނުން ކުރުމުގައި މުވައްޒަފުންނަށް ކުރިން އެނގިފައިނުވާ ގިނަކަންތައް ތަކެއްގެ މަޢުލޫމާތު އޮޅުން ފިލުވައިދީ އެކަން ކަމަށް މުވައްޒަފުން އަހުލުވެރި ކުރުވިފައި ވެއެވެ.

މި ޓުރެއިނިންގ ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ފ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނާއި، ފ.އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ.


Back to top