މީރާ ފ.ނިލަންދޫ ކަލެޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިއަތޮޅު ނިލަންދޫގައި ޤާއިމް ކޮށްފައިވާ މީރާ ނިލަންދޫ ކަލެކްޝަން ސެންޓަރ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުވައި ދެއްވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދާއި، ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ.
މި ސެންޓަރ ރަސްމީކޮށް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ މުސްތަޤްބަލްގައި މާލެއިން ދޭ ހުރިހާ ޚިދުމަތެއް ދެވޭވަރަށް ޚިދުމަތް ފުޅާކުރައްވާނެ ކަމަށާއި، އެޚިދުމަތްތައް ދެމުން ގެންދާނީ ނިލަންދޫގައި ޤާއިމްކުރާ މީރާގެ އޮފީހުގައި ކަމަށެވެ. މީރާގެ އޮފީހެއް ނިލަންދޫގައި ޤާއިމް ކުރުމަށް ނިލަންދޫން ބިމެއް ހަމަޖައްސަވައި ދެއްވުމުގެ ވިސްނުންފުޅު ބެހެއްޓެވުމަށް ނިލަންދޫ ކައުންސިލްގެ ރައީސްގެ ކިބައިން އެދިވަޑައި ގަތެވެ. މިރަސްމިއްޔާތުގައި ޔަޒީދު މުޙައްމަދުގެ އިތުރުން ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލުވެސް ވާހަކަފުޅު ދެއްކެވިއެވެ.
މީރާ ނިލަންދޫ ކަލެކްޝަން ސެންޓަރ ރަސްމީކޮށް މިއަދު ހުޅުވި ކަމުގައި ވިއަސް މިސެންޓަރ ނިލަންދޫގައި ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައިވަނީ 04 އޮކްޓޫބަރ 2015 ގައެވެ. މި ސެންޓަރ މިހާރު ހުންނަނީ ފ.އަތޮޅު ކައުންސިލްގެ ޢިމާރާތުގެ ތެރޭގައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް ބޭފުޅުންނާއި، ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.
މީރާ ނިލަންދޫ ކަލެކްޝަން ސެންޓަރ ޤާއިމް ކުރިފަހުން ކުރިން އަތޮޅުކައުންސިލުން ބަލައިގަނެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަމުން ގެންދިޔަ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީއާއި، ކުންފުނިތަކުގެ އަހަރީ ފީއާއި، ޖީ.އެސް.ޓީ ފީއާއި، އަދި ކުލީ ބިންތަކުގެ ފީއާއި މިނޫނަސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މިއަތޮޅުގެ ރައްޔިތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީރާ ނިލަންދޫ ކަލެކްޝަން ސެންޓަރުންނެވެ.