އީ ކައުންސިލް ފައިނޭންސް މޮޑިއުލް ރޯއައުޓް ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

09 ޑިސެންބަރ 2017

ކައުންސިލް ތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ޑިވެލޮޕް ކޮށްފައިވާ އީ ކައުންސިލް ފައިނޭންޝަލް އަދި އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް މޮޑިއުލް ރޯއައުޓް ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ހިންގީ 08 ޑިސެންބަރ 2017 އިން 09 ޑިސެންބަރ 2017 އަށް 02 ދުވަހުގެ މުއްދަތަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އިބްރާހީމް ޢުމަރު މަނިކާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަނެވެ.

މި ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ކައުންސިލްތަކުގެ ފައިސާގެ އެންމެހާ މަސައްކަތްތަކާއި އަދި އެޑްމިނިސްޓްރޭޝަންގެ ބައެއް މަސައްކަތްތައް އީ ކައުންސިލް ފައިނޭންސް ސްފްޓްވެއަރގެ ތެރެއިން ކުރަމުން ގެންދާގޮތަށް ހަމަޖެހިގެންދާތީ، އެކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ. ސޮފްޓްވެއަރއެއް މެދުވެރިކޮށް ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ބޭނުމަކީ ހުރިހާ ކައުންސިލްތަކުން އެއްގޮތަކަށް ފައިސާގެ ހިސާބުތައް ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުމާއި، ފައިސާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ލުއިފަސޭހަ ގޮތަކަށް ކުރެވޭނެގޮތް ހަމަޖެއްސުމާއި، ފައިސާގެ ލިޔެކިއުންތަކުގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ކައުންސިލްތަކުން ކުރަމުން ގެންދާ މަސައްކަތްތައް ލޯކަލް ގަވަރަމަންޓް އޮތޯރިޓީން މޮނީޓަރ ކުރެވޭނެގޮތް ހަމަޖެއްސުމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާ ފިޔަވައި އެހެން ހުރިހާ ކައުންސިލްތަކުގައި ފައިސާގެ މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ.