ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަތޮޅު ބިލެއްދޫ ކައުންސިލް މޮނިޓަރ ކޮށްފި

13 މާރިޗު 2021



ރަށްރަށުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަހަރު މޮނިޓަރކުރެވޭ ފުރަތަމަ ކައުންސިލެއްގެ ގޮތުގައި މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ.

ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމަށް 09 މާރިޗު 2021 ގައި ފެށި މަސައްކަތް ނިންމާލާފައިވަނީ 12 މާރިޗު 2021 ގައެވެ. މޮނިޓަރިންގ ޓީމުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައި ގެންނެވީ ކައުންސިލް މެންބަރ އަބްދުލްޤާދިރު މުޙައްމަދެވެ. ޢަބްދުލް ޤާދިރު މުޙައްމަދުގެ އިތުރުން މޮނިޓަރިންގ ޓީމުގައި ބައިވެރިވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު، ޑިރެކްޓަރ އިބްރާހީމް ނަޞީރު، އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ ޖަމީލާ އަޙްމަދު، ޕްރޮޖެކްޓް އޮފިސަރ ޖަމީލާ އިބްރާހީމް އަދި ރިސާރޗް އޮފިސަރ ޚަދީޖާ ޢަލީއެވެ.

ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލްތަކުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި އިޞްލާޙް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކައުންސިލްގެ މަސައްކަތުގައި އަތޮޅުކައުންސިލުން ދޭންޖެހޭ އެއްބާރުލުންތައް ދީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.