ހަތަރުވަނަ ދައުރުގެ އަތޮޅުކައުންސިލްގެ ރައީސާއި މެންބަރުން މަޤާމުގެހުވާ ކުރައްވައިފި

17 މޭ 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 04 ވަނަ ދައުރުގެ ރައީސާއި މެންބަރުން މަޤާމުގެހުވާ މިއަދު ކުރައްވައިފިއެވެ. އަތޮޅު ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުން މަޤާމުގެ ހުވައި ކުރެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންލައިންކޮށް މިއަދު (17 މޭ 2021 ދުވަހު) ހަވީރު ބޭއްވި ޚާއްޞަ ދަރުބާރުގައެވެ.

މިއަދުގެ ހަވީރު 4.15 ގައި ބޭއްވި މި ދަރުބާރު ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރ ޖަމީލާ އަޙްމަދެވެ. މި ދަރުބާރު ތަޢާރަފް ކުރައްވައި 04 ވަނަ ދައުރުގެ ރައީސާއި މެންބަރުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ ހައިޘިއްޔަތުން ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ. އަތޮޅުކައުންސިލްގެ ރައީސާއި މެންބަރުންނަށް ހުވާލައި ދެއްވީ ފ.ނިލަންދޫ ކޯޓްގެ މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒު މޫސާއެވެ.

މިއަތޮޅުގެ ރަށްރަށުގައި ކޮޑިވް-19 ގެ ބަލި ފެތުރިފައިވުމާއި، ފީއަލި، ނިލަންދޫ މޮނިޓަރިންގ ޙާލަތުގައި އޮތުމުން އޮންލައިންކޮށް ބޭއްވުނު މި ދަރުބާރުގައި ކައުންސިލް މެންބަރ ޢަލީ އަޙްމަދު ފިޔަވައި އެހެން ބޭފުޅުން ބައިވެރިވެ ވަޑައިގަތީ އޮންލައިންކޮށެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ހުވާގެ އިޤްރާރުގައި ސޮއިކޮށް އެލް.ޖީ.އޭގެ ގައިޑްލައިންގައިވާ ގޮތުގެމަތިން ސްކްރީނުން ދައްކާފައި ވެއެވެ. ދަރުބާރު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.

ކުރީގެ ދައުރުތަކާ ޚިލާފަށް 04 ވަނަ ދައުރުން ފެށިގެން އަތޮޅުކައުންސިލް އެކުލެވިގެންވަނީ އަތޮޅުގެ ރައްޔިތުންގެ ސިއްރުވޯޓަކުން އިންތިޚާބުކުރާ އަތޮޅުކައުންސިލްގެ ރައީސާއި، އެރަށެއްގެ ރައްޔިތުންގެ ސިއްރުވޯޓަކުން އިންތިޚާބުކުރާ ރަށުކައުންސިލްތަކުގެ ރައީސުންގެ މައްޗަށެވެ.

04 ވަނަ ދައުރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އެކުލެވިގެންވާގޮތް؛

01- އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ބުލްބުލާގެ ފ.ނިލަންދޫ

02- އަތޮޅުކައުންސިލްގެ މެންބަރ މޫސާ އަޙްމަދު ބީޗްހައުސް ފ.ފީއަލީ (ފީއަލީ ކައުންސިލްގެ ރައީސް)

03- އަތޮޅުކައުންސިލްގެ މެންބަރ އަޙްމަދު އަސްލަމް މޯނިންގވިލާ ފ.ބިލެއްދޫ (ފ.ބިލެއްދޫ ކައުންސިލްގެ ރައީސް)

04- އަތޮޅުކައުންސިލްގެ މެންބަރ ޢަބްދުﷲ ވަޙީދު ގުލްބަކާގެ ފ.މަގޫދޫ (ފ.މަގޫދޫ ކައުންސިލްގެ ރައީސް)

05- އަތޮޅުކައުންސިލްގެ މެންބަރ ޢަބްދުލް ޙަމީދު އާދަމް ހީނާމާގެ ފ.ދަރަނބޫދޫ (ފ.ދަރަނބޫދޫ ކައުންސިލްގެ ރައީސް)

06- އަތޮޅުކައުންސިލްގެ މެންބަރ ޢަލީ އަޙްމަދު ޖަނަވަރީމާގެ ފ.ނިލަންދޫ (ފ.ނިލަންދޫ ކައުންސިލްގެ ރައީސް)