ހަތަރުވަނަ ދައުރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސަށް މަރުޙަބާ ދަންނަވައިފި
ހަތަރުވަނަ ދައުރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު މިއަދު އޮފީހަށް ނުކުންނެވުމުން އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ޢަލީ މުޙައްމަދަށް ވަރަށް ހޫނު މަރުޙަބާ ދަންނަވައިފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވި މި ޙަފްލާގައި އަތޮޅުކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރި މާބޮޑި ރައީސް ޢަލީ މުޙައްމަދާއި ޙަވާލުކޮށް ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ.
މި ޙަފްލާގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މުޚާޠަބު ކުރައްވައި ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން އެއްޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްދެއްވުމަށާއި، ކައުންސިލް އިދާރާއިން ޢާންމު ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަގަނޅުކޮށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އޯގާތެރިކަމާއި ހިނިތުންވުމާއެކު އަވަހަށް ޚިދުމަތްތައް ދިނުމުގެ މައްޗަށް ސަމާލުކަން ދެއްވުމަށް ހުރިހާ މުވައްޒަފުންނަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި އަތޮޅުގެ ކުރިއެރުމަށާއި ކައުންސިލް އިދާރާގެ ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށްވެސް މުވައްޒަފުންގެ ކިބައިން އެދިވަޑައި ގަތެވެ.
ރައީސް ޢަލީ މުޙައްމަދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އަތޮޅުކައުންސިލްގައި ބޭއްވި މި ޙަފްލާގައި އަތޮޅުކައުންސިލްގެ މެންބަރ އަލްފާޟިލް ޢަލީ އަޙްމަދުގެ އިތުރުން އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.