ފަލަސްޠީނު އާރާސްތު ކުރުމަށް އެހީތެރިވުމުގެ ފަންޑަށް މުވައްޒަފުން ފައިސާ ހަދިޔާކޮށްފި

13 ޖޫން 2021



އިޒްރާއީލުން ފަލަސްޠީނަށް ދީފައިވާ ޢުދުވާނީ ބޮޑަތި ގެއްލުންތަކުން އަރައި ގަތުމަށްޓަކައި ފަލަސްޠީނު އާރާސްތު ކުރުމަށް އެހީތެރި ވުމުގެ ގޮތުން ފައިސާ ހޯދުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން "ލޯތްބާއެކު" މިނަމުގައި މުޅި ރާއްޖޭގައި ހިންގާ ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެ، މުވައްޒަފުންގެ ފަރާތުން -/12،300 ރުފިޔާ 06 ޖޫން 2021 ވަނަ ދުވަހު ހަދިޔާ ކޮށްފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހިންގި މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ބައިވެރިވެ މުވައްޒަފުންގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

މި ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި މުވައްޒަފުންގެ އިތުރުން ނިލަންދެއަތޮޅު އުތުބުރީ އަތޮޅުކައުންސިލް އިދާރާގެ ރެކްރިއޭޝަން ކްލަބުގެ ފަރާތުންވެސް ފައިސާ ހަދިޔާ ކުރައްވައި މިކަމުގައި ވަރަށްބޮޑު އެހީތެރިކަން ފޯރުކޮށްދެއްވާފައި ވެއެވެ.

ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހިންގި މި ޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި މުވައްޒަފުންނަށާއި، ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންނަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި މުވައްޒަފުންގެ ފަރާތުން ރީތި ނަމޫނާ ދެއްކެވުމުގައި ސާބިތުކަންމަތީ ދެމި ތިއްބެވުމަކީ ރައީސް ޢަލީ މުޙައްމަދުގެ ވަރަށްބޮޑު އެދިވަޑައި ގަތުމެކެވެ.