ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

19 ޑިސެންބަރ 2017

ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް (ޒިންމާދާރުވެރިޔާ) 18 ޑިސެންބަރ 2017 ގައި ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މި މަޤާމަށް ހަމަޖެއްސެވީ ފ.ދަރަނބޫދޫ ޖަނަވަރީމާގޭ އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ.

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު މިއިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ހަމަޖެއްސެވިއިރު ހުންނެވީ ފ.ދަރަނބޫދޫ ކައުންސިލްގެ އިދާރާގެ ފައިނޭންސް އޮފިސަރގެ މަޤާމުގައެވެ.

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނަކީ ކައުންސިލްގެ 02 ވަނަ ދައުރުގައި ނިލަންދޫ ދާއިރާ ތަމްސީލުކުރާ ފ.އަތޮޅު ކައުންސިލްގެ މެންބަރކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު އަތޮޅު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ވެއެވެ.

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު މިއަދު އަތޮޅުކައުންސިލްގެ އިދާރާއަށް ނުކުމެވަޑައި ގަތުމުން ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނަކީ މާސްޓާސް ހައްދަވާފައިވާ ތަޢުލީމީ ޒުވާން ބޭފުޅެކެވެ.