ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅުގެ ރަށްރަށަށް ދަތުރުފުޅެއް ކުރައްވައި

15 އޯގަސްޓް 2021



ނިލަންދެއަތޮޅު އުތުރުބުރީ ރަށްރަށުގެ ޙާލަތު ދެނެގަތުމަށާއި ރަށްރަށުގެ މުވައްސަސާތަކަށް ދިމާވެފައިހުރި ދަތިތަކާބެހޭ މަޢުލޫމާތު އޮޅުން ފިލުވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު އަތޮޅުގެ ރަށްރަށަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.

05 އޯގަސްޓް 2021 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ބިލެއްދޫ، މަގޫދޫ، ދަރަނބޫއަށް ވަޑައިގެން އެރަށުގެ މުވައްސަސާތަކާއި ބައްދަލު ކުރައްވައި، ނިލަންދޫގައިހުރި މުވައްސަސާތަކުގެ ތެރެއިން ފ.އަތޮޅުތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި 12 އޯގަސްޓް 2021 ބައްދަލު ކުރައްވާފައި ވެއެވެ.

ރައީސްގެ މި ދަތުރު ފުޅުގައި މުވައްސަސާތަކާއި އަތޮޅުކައުންސިލާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅު ކުރުމުގެ މައްޗަށާއި މުވައްސަސާތަކާއި އަތޮޅުކައުންސިލާއި ގުޅިގެން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރުމަށާއި، މުވައްސަސާތަކުން އެދި ވަޑައިގަންނަވާ ކަންތައްތަކުގައި އަތޮޅުކައުންސިލްގެ އެހީތެރިކަން ލިބޭނެކަމުގެ މައްޗަށް ވާހަކަ ދައްކަވާފައި ވެއެވެ.


ފ.ދަރަނބޫދޫ ކައުންސިލްގެ ވެރިންނާއި މުވައްޒަފުންނާއި ބައްދަލު ކުރުން
ފ.ދަރަނބޫދޫ ސްކޫލްގެ ވެރިންނާއި މުވައްޒަފުންނާއި ބައްދަލު ކުރުން
ފ.ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނާއި ބައްދަލު ކުރުން
ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ވެރިންނާއި ބައްދަލު ކުރުން