އޮޓޯކެޑް ބޭސިކް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

30 އޯގަސްޓް 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ދެ ހަފްތާގެ މުއްދަތަށް ގެންދިޔަ އޮޓޯކެޑް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަރުކަޒުގައި މިއަދު ހަވީރު ބާއްވައި ފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިއުން ބައްސަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަލީލެވެ.

ޖުމްލަ 13 ބައިވެރިން ފުރިހަމަކުރި މިކޯހުގައި ކިޔަވައި ދެއްވީ މއ. ޖާރަލްގޭ އާމިނަތު ޒޫނާއެވެ. މީގެ ކުރިންވެސް އާމިނަތު ޒޫނާ އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އޮޓޯކެޑް ކޯހެއް ހިންގަވައި ދެއްވާފައި ވެއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ މޫނުމަތީގެ ރީތިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާގޮތަށް ޑިޒައިން ކޮށްދެއްވާފައިވަނީވެސް އާމިނަތު ޒޫނާއެވެ. އާމިނަތު ޒޫނާގެ އަގުހުރި މި މަސައްކަތްތައް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ކޮށްދެއްވާފައިވަނީ އެއްވެސް އަގަކާނުލައި ހިލޭ ސާބަހަށެވެ.

މި ރަސްމިއްޔާތުގައި އާމިނަތު ޒޫނާއަށް ހަނދާނީ ފިލައެއް އެރުވުން އޮތެވެ. މި ފިލައި އާމިނަތު ޒޫނާއާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި އާމިނަތު ޒޫނާ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވައި އާމިނަތު ޒޫނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް އާމިނަތު ޒޫނާގެ ފަރާތުން މިފަދަ އިތުރު ފުރުޞަތުތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ކޯހުގެ ސަބަބުން އަތޮޅުކައުންސިލާއި، ރަށުކައުންސިލްގެ ބިނާވެށި ޕްލޭން ސްކޭލަށް ކުރެހުމަށް ބައިވެރިންނަށް ދަސްވެގެން ދިޔަކަމަށާއި ކުރިން އެނގިފައިނުވާ ގިނަގުނަ މަޢުލޫމާތު ތަކެއް ލިބިގެން ދިޔަކަމުގައި ވިދާޅުވިއެވެ.

ޝަރަފްވެރި މެހްމާން މުޙައްމަދު ޖަލީލު ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ކޯހެއް ހިންގުމުގެ ބޭނުމަކީ ކޯހުން ލިބުނު މަޢުލޫމާތުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ފެންވަރު ރަގަނޅު އަވަސް ޚިދުމަތްތަކެއް ފޯރުކޮށް ދިނުން ކަމަށާއި، ލިބުނު މަޢުލޫމާތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މި މަސައްކަތުގެ އިތުރު ތަމްރީނުތައް ހޯދުމަށް ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

ޢިލްމު ހޯދުމަކީ ވަކި ޢުމުރަކަށް އޮންނަ ކަމެއް ނޫންކަމަށާއި، އެކިއެކި ރޮނގުތަކުން ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްތައް ކުރުމަށާއި އެކިއެކި ދާއިރާތަކުން ތަމްރީނުތައް ހޯދައިގެން މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފެންވަރު ރަގަނޅު ކުރުމަށް ވިދާޅުވެ، މުވައްޒަފުން ތަމްރީނުކޮށް ކަންކަމަށް އަހުލުވެރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި މި މަސައްކަތުގައި ކުރިއަށް ދިއުމަށް އަތޮޅުކައުންސިލްގެ ރައީސަށާއި، ވެރިންނާއި މުވައްޒަފުންނަށް ހިތްވަރު ދެއްވިއެވެ.

މިރައްމިއްޔާތުގައި އާމިނަތު ޒޫނާގެ ދެއްކެވި ވާހަކަ ފުޅުގައި ކޯހުގެ ބައިވެރިން ވަރަށް ޝައުޤުވެރި ކަމާއެކު ކޯސް ފުރިހަމަ ކުރެއްވި ކަމަށާއި، ކޯހުން ލިބުނު މަޢުލޫމާތުގެ އަލީގައި މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް ބައިވެރިންގެ ކިބައިން އެދިވަޑައި ގަތެވެ.

ކޯހުގެ ބައިވެރިއެއްގެ ގޮތުން ވާހަކަ ދެއްކެވީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އާދަމް އިބްރާހީމެވެ. މި ރަސްމިއްޔާތު ތަޢާރަފް ކުރުމާއި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ނައިބްރައީސް ޢަބްދުﷲ ވަޙީދުގެ އިތުރުން އަތޮޅުކައުންސިލްގެ މެންބަރުންނާއި، ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، ނައިބްރައީސް އިބްރާހީމް މުޙައްމަދާއި، ނިލަންދޫ، ދަރަނބޫދޫ ކައުންސިލްގެ ބައެއް މެންބަރުންނާއި، އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ކޯހުގެ ބައިވެރިން ބައިވެރިވެ ލެއްވިއެވެ.


އޮޓޯކެޑް ބޭސިކް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޮޓޯކެޑް ބޭސިކް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޮޓޯކެޑް ބޭސިކް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
އޮޓޯކެޑް ބޭސިކް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން