ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކޮށްފި

01 ސެޕްޓެންބަރ 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޤައުމީ މާމަ ކާފަ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި މިއަދު ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންގެ ތެރެއިން މާމަ ކާފަ ވެފައިވާ މުވައްޒަފުންނަށް އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ދެއްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސް ނަގައިގެން ފުރަތަމަ ފަހަރަށް ފާހަގަކުރި މި ދުވަހުގައި މާމަ ކާފަ ވެފައިވާ މީހުންނަށް ހަދިޔާ ބައްސަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މާމަ ކާފަ ވެފައިވާ މުވައްޒަފުންނަށް ހަދިޔާ ޙަވާލު ކޮށްދެއްވުމަށްފަހު ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މާމަ ކާފަ ވުމަކީ ޝަރަފްވެރި ކަމެއް ކަމަށާއި، މި ޝަރަފް ދެމެހެއްޓުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރެއްވުމަށް ވިދާޅުވިއެވެ. މާމަ ކާފަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގައި ހުރިހާ މުވައްޒަފުން ޢަމަލީ ގޮތުން ބައިވެރިވެ ލައްވާފައިވާތީ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.