ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗް ކޮށްފި

03 ޖަނަވަރީ 2018


ވެބްސައިޓްގެ ފަރުމާ

ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗް ކޮށްފިއެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ، ވެބްސައިޓް ލޯންޗް ކުރުމަށް މިއިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

ވެބްސައިޓް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި، މި ވެބްސައިޓަކީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަފީޢު އަމިއްލައް އިސްނަގައިގެން ހިލޭސާބަހަށް ކޮށްދެއްވި ވަރަށް އަގުބޮޑު މަސައްކަތެއް ކަމަށާއި، މިކަން އަތޮޅުކައުންސިލްގެ އިދާރާއިން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ. އަދި މި ވެބްސައިޓްގެ ޒަރީޢާއިން ކައުންސިލް އިދާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ކައުންސިލްގެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތާއި އެނޫންވެސް ވަރަށް ގިނަ މަޢުލުމާތުތައް ލިބިގެންދާނެ ކަމުގައި ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ވިދާޅުވިއެވެ.

ކޮންމެ މުވައްޒަފަކުވެސް އެ މުވައްޒަފަކު އަދާކުރައްވާ ވަޒީފާގެ މަސައްކަތުގެ ތެރެއިންނާއި އެނޫން ގޮތްގޮތުންވެސް އޮފީހަށް ފައިދާ ކުރާނެ މިދަފަ އެތައްކަމެއް ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި މިފަދަ އުފެއްދުންތެރި މަސައްކަތްތައް މުވައްޒަފުންގެ ކިބައިގެން ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ވިދާޅުވިއެވެ.

ވެބްސައިޓް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި މިއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

ވެބްސައިޓްގެ އެޑްރެހަކީ www.faafu.gov.mv އެވެ.