މެދުނުކެނޑި ސަަރުކާރަށް 40 އަހަރު ޚިދުމަތް ކުރުމުގައި ދެމިހުރި މުވައްޒަފެއްގެ ޚިދުމަތް ފާހަގަ ކޮށްފި

30 ސެޕްޓެންބަރ 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ދޫރެސް އަލްފާޟިލް އަޙްމަދު ރަފީޢު މެދުނުކެޑި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 29 ސެޕްޓެންބަރ 2021 އަށް 40 އަހަރު ފުރުމާގުޅިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި މިއަދު ޙަފްލާއެއް ބާއްވައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ޙަފްލާގައި އަޙްމަދު ރަފީޢު ސަރުކާރަށް ޚިދުމަތްކުރެއްވި ދިގުމުއްދަތުގެ ޚިދުމަތް ފާހަގަ ކުރައްވައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހަނދާނީ ފިލައަކާއި މާބޮޑިއެއް އަޙްމަދު ރަފީޢުއަށް އަރުވާފައި ވެއެވެ. ހަނދާނީ ފިލައާއި މާބޮޑި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.

މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުަކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި އަޙްމަދު ރަފީޢުއަކީ ވަރަށް ޚިދުމަތްތެރި ކަންކަން ކުރުމުގެ ހުނަރާއި ތަޖުރިބާހުރި މުވައްޒަފެއް ކަމަށާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވުމުގެ ޝަރަފް ހޯއްދަވާފައިވާ މުވައްޒަފެއް ކަމަށް ވިދާޅުވެ ނިލަންދެއަތޮޅު އުތުރުބުރިއަށާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަ ކުރައްވައި އަޙްމަދު ރަފީޢުއަށް ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

އަޙްމަދު ރަފީޢުއަކީ ޙަވާލުކުރި ކޮންމެ މަަސައްކަތެއްވެސް ވަރަށް ރަގަނޅަށް ކުރައްވަމުން ގެންދަވާ މުވައްޒަފެއް ކަމަށާއި އަޙްމަދު ރަފީޢު މެދުނުކެނޑި 40 އަހަރު ޚިދުމަތުގައި ދެމިހުރުމަކީ އަޙްމަދު ރަފީޢުގެ އިޚްލާޞްތެރި މަސައްކަތުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

އަޙްމަދު ރަފީޢު އެންމެ ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވާފައިވަނީ 29 ސެޕްޓެންބަރ 1981 ގައެވެ. ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާ (ކުރީގެ އަތޮޅުއޮފީސް) ގައި ޚިދުމަތްކުރަން ފައްޓަވާފައިވަނީ 25 އޮކްޓޯބަރ 1988 ގައެވެ.

ސަރުކާރުގެ ޚިދުމަތުގައި އަޙްމަދު ރަފީޢު ހޭދަކުރެއްވި 40 އަހަރު ދުވަހުގެ ތެރޭގައި އެންމެގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައެވެ. އެގޮތުން އަޙްމަދު ރަފީޢުގެ ޚިދުމަތަށް 40 އަހަރުވިއިރު، 31 އަހަރު ޚިދުމަތް ކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިތުރުން އަޙްމަދު ރަފީޢު ޚިދުމަތް ކުރައްވާފައިވާ ތަންތަނުގެ ތެރޭގައި މިނިސްޓްރީ އޮފް ޓުރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި، އޮޑިޓަރޖެނެރަލްގެ އޮފީހާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނެއެވެ.

އަޙްމަދު ރަފީޢު އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ވަގުތީ ކާތިބުކަމާއި، ކާތިބުކަމާއި، އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އެކައުންޓެންޓް ކަމާއި، ސެކްރެޓަރީކަމާއި، ސީނިއަރ ސެކްރެޓަރީކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަން ހިމެނެއެވެ. ސަރުކާރުގެ ޚިދުމަތަށް 40 އަހަރު ފުރުނުއިރު އަޙްމަދު ރަފީޢު ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމުގައެވެ.

އަޙްމަދުރަފީޢު ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި، މިދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްތަކެވެ. އަޙްމަދު ރަފީޢުއަކީ ވަރަށް ހިވާގިކަމާއި މުރާލިކަމާއެކު ކަމަކަށް ކަމޭހިތައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރި މުވައްޒަފެކެވެ.