ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

09 ނޮވެންބަރ 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ސުނޯ އަޙްމަދު އިބްރާހީމް 08 ނޮވެންބަރ 2021 ދުވަހު ހަމަޖައްސަވައިފިއެވެ.

އަޙްމަދު އިބްރާހީމް މި މަޤާމަށް ހަމަޖައްސަވާފައިވަނީ 08 ނޮވެންބަރ 2021 އިން ފެށިގެން 05 އަހަރު ދުވަހުގެ މުއްދަތަށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސެކެރެޓަރީ ޖެެނެރަލްގެ މަޤާމަށް ހަމަޖެއްސެވި އަޙްމަދު އިބްރާހީމް 08 ނޮވެންބަރ 2021 ދުވަހު އޮފީހަށް ނުކުމެވަޑައިގަތުމުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި ކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް އައްޔަން ކުރައްވާ ސެކްރެޓަރީ ޖެނެރަލުންނަނީ ކައުންސިލްތަކުގެ އިދާރީ ކަންތައްތައްތަކާއި މާލީ ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ އިދާރީ މުވައްޒަފެވެ. ކައުންސިލް ހިންގުމުގެ ހުރިހާ ކަމެއްގައި ކައުންސިލަށް ޖަވާބުދާރީވާނީ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވާ ބޭފުޅެކެވެ.

އަޙްމަދު އިބްރާހީމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަޙްމަދު އިބްރާހީމް މިކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހަމަޖެއްސެވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ އޮޑިޓަރ ޖެެނެރަލްގެ އޮފީހުގައެވެ.