މާލީބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް އަތޮޅުކައުންސިލުން ހިންގައިފި

09 ފެބްރުވަރީ 2022



ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މާލީބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް 2022 ފެބްރުވަރީ 06 އިން 08 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހިންގައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވަމުން އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރުމަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ވަރަށްމުހިންމު ޕްރޮގްރާމެއް ކަމަށާއި، މި ތަމްރީނު ޕްރޮގްރާމުން ލިބޭ މަޢުލޫމާތުގެ އަލީގައި ރަށުކައުންސިލް ތަކުގެ މާލީބަޔާން ފުރިހަމައަށް ތައްޔާރު ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުކައުންސިލްގެ މަޤްޞަދަކީ ރަށުކައުންސިލް އިދާރާ ތަކުގެ ވީހާގިނަ މުވައްޒަފުން މިކަމަށް ތަމްރީނު ކުރުންކަމަށް ވިދާޅުވިއެވެ.

މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދޭ މިތަމްރީނު ޕްރޮގްރާމްގައި ރަށުކައުންސިލް އިދާރާތަކުން 04 މުވައްޒަފުން އަދި އަތޮޅުކައުންސިލްގެ އިދާރާއިން 05 މުވައްޒަފުންނާއެކު ޖުމްލަ 09 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. ތަމްރީނު ފުރިހަމަކުރި މުވައްޒަފުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިކަމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި 08 ފެބްރުވަރީ 2022 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔާރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ރަށުކައުންސިލް ތަކުގެ މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ރަށުކައުންސިލް ތަކުންވެސް މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާ އުޞޫލްތަކާއެއްގޮތަށް މާލީބަޔާން ތައްޔާރު ކުރުމަށް މަގުފަހި ކުރުމެވެ.

ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް 2019 ވަނަ އަހަރުވެސް އަތޮޅުކައުންސިލުން ހިންގާފައި ވެއެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ 2019 ޖޫން 16 އިން 18 އަށެވެ.