ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

13 ފެބްރުވަރީ 2022



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމުގައި ހުންނެވި ފ.ނިލަންދޫ ސީނިއަރވިލާ ޒަހީރާ އިސްމާޢީލް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް 08 ފެބްރުވަރީ 2022 ގައި ހަމަޖައްސަވައިފިއެވެ.

ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޒަހީރާ އިސްމާޢީލަށް މަރުޙަބާ ދެންނެވުންއޮތީ 13 ފެބްރުވަރީ 2022 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މިޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޒަހީރާ އިސްމާޢީލްގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް އަތޮޅުކައުންސިލަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންވެސް އެމުވައްޒަފެއްގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާކުރައްވައި ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.