ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހެއް ފާހަގަ ކުރައްވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިފި

03 ޖަނަވަރީ 2018


2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ހަމަޖައްސަވައިފިއެވެ.

މިދުވަސް ފާހަގަ ކުރުމަށް ނިންމެވި ގޮތާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެނެވުގައިވަނީ މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު [ތަރިކަ] މަޝްރޫޢު އިފްތިތާޙް ކުރެއްވި ދުވަސް ކަމަށާއި، މިދުވަސް ފާހަގަ ކުރައްވާ ގޮތަށް ހަމަޖެއްސެވީ، އެމަޝްރޫޢުއަކީ ދިވެހި ޤައުމިއްޔަތާއި ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމުގައި ވާތީކަމުގައެވެ.

މި ދުވަސް ފާހަގަ ކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި [ތަރިކަ] ކޮމިޓީ ގުޅިވަޑައިގެން ކަމަށް ކަނޑައަޅުއްވައި، މިކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.