ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ފަޚްރުވެރި ވަނަތަކެއް ފ.އަތޮޅަށް ލިބިއްޖެ

17 މާރިޗް 2022


ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ފަޚްރުވެރި ވަނަތަކެއް ފ.އަތޮޅަށް ލިބިއްޖެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް 16 މާރިޗް 2022 ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިއަތޮޅުން ބައިވެރިކުރި މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން 04 ދަރިވަރަކަށް މުބާރާތުގެ ވަނަތައް ލިބިފައި ވެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި އަތޮޅުކައުންސިލް ތަކުގެ ބައިންނާއި، މުބާރާތުގައި ބައިވެރިވި ހުރިހާ މުވައްސަސާތަކުގެ ބައިން ފަޚްރުވެރި 01 ވަނަ މިއަތޮޅު އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

މި މުބާރާތުގައި އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 01 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 03 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ހިޔާ އަމަތުﷲ ޢަބްދުﷲ އަޙްމަދެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން 12 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލުއެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ނުބަލައި ކިޔެވުމުން 02 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމް ހޯދާފައިވާއިރު، އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 03 ވަނަ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދު ހޯދާފައި ވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި ޙަވާލުވެލެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހުސްވި 2021 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ކުރިޔަށް ގެންދިޔައީ ވަރޗުއަލް ކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިޔަށް ގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑްކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑް ކޮށްގެންނެވެ. ނުބަލާ ކިޔެވުމުގެ ބައި ކުރިޔަށް ގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ. މުބާރާތް ކުރިޔަށް ގެންދިޔައީ 6 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ސްކޫލް މަދަރުސާތަކުން ބައިވެރި ކުރި ދަރިވަރުން ބައިވެރިކޮށްފައިވަނީ ކޮންމެ އަތޮޅެއްގެ އަތޮޅުކައުންސިލްގެ ނަމުގައެވެ.