ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް މަރުޙަބާ ކިޔައިފި

17 މާރިޗް 2022


ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން 2021 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރި ތަމްސީލްކޮށް މުބާރާތުން ފަޚްރުވެރި ވަނަތަކެއް ހޯދާފައިވާ ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސްނަގައިގެން ނިލަންދޫގައި ހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތް އޮތީ 17 މާރިޗް 2022 ދުވަހު ނިލަންދޫ އިރުމަތީ ބަދަނރު ސަރަޙައްދުގައެވެ. މިޙަރަކާތުގައި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ކީރިތި ޤުރުރާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި މިއަތޮޅުން ބައިވެރިކުރި މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން 04 ދަރިވަރަކަށް މުބާރާތުގެ ވަނަތައް ލިބިފައި ވެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި އަތޮޅުކައުންސިލް ތަކުގެ ބައިންނާއި، މުބާރާތުގައި ބައިވެރިވި ހުރިހާ މުވައްސަސާތަކުގެ ބައިން ފަޚްރުވެރި 01 ވަނަ މިއަތޮޅު އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

މި މުބާރާތުގައި އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 01 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 03 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ހިޔާ އަމަތުﷲ ޢަބްދުﷲ އަޙްމަދެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން 12 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލުއެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ނުބަލައި ކިޔެވުމުން 02 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމް ހޯދާފައިވާއިރު، އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 03 ވަނަ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދު ހޯދާފައި ވެއެވެ.