އޭޒޯން ލައިސަންސްގެ ޓްރެކް ހެދުމަށް ބޭނުންވާބިން ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މޭ 2022


ނިލަންދެއަތޮޅު އުތުރުބުރީގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި މިއަތޮޅު ނިލަންދޫގައި ޤާއިމްކުރާ ޓްރެކްގެބިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ޙަވާލުކުރުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި ދެމެދު ވެވުނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ލައިސަންސް ދޫކުރުމުގެ ޓްރެކްޓް ހެދުމަށް ބޭނުންވާ 14،400 އަކަފޫޓްގެބިން، މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔަކާނުލައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ދޫކުރުމަށާއި، 15 އަހަރުވުމުން އެއްބަސްވުން ރިވިއު ކުރުމާއި މުއްދަތު ހަމަވުމުން އަތޮޅުކައުންސިލުން އިތުރު މުއްދަތު ބޭނުންވާނަމަ، ދެފަރާތް އެއްބަސްވާ ގޮތަކަށް ނިންމުމަށް މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޤަވާޢިދުތަކާ އެއްގޮތަށް ލައިސަންސް ދޫކުރުމުގެ ޓްރެކްހެދުމާއި، ޓްރެކާގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ނިލަންދެއަތޮޅު އުތުރުބުރީގެ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޓްރެކްގެ ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޒިންމާއެކެވެ.