މިއަހަރުގެ މިނިވަން ދުވަހުގައި އަތޮޅުކައުންސިލްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖުލައި 2022


މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ހެނދުނު 6.00 ގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މިރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާންކިޔެވީ ފ.ނިލަންދޫ ބަގީޗާގޭ ޒާމިން ޢަބްދުﷲ ޚަލީލެވެ. ރަސްމިއްޔާތު ތަޢާރަފުކޮށް، ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ދުވަހާ ގުޅޭގޮތުން ރައީސް ޢަލީ މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް ބައެއް ކަމަށާއި، ދިވެހިންނާ ބެހޭގޮތުން އެނގެން އޮތް އެންމެ ދޮށީ ތާރީޚަކާ ހަމަޔަށް ވެސް ދިވެހީންނަކީ އަމިއްލަ މުސްތަގިއްލު ވެރިކަމެއް ކުރަމުން އައި ބައެއްކަމަށް ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމުގެ ތާރީޚު ކިތަންމެ ދިގު ކަމަށް ވިޔަސް އެ މިނިވަންކަމަށް ކޮންމެ ވެސް ވަރެއްގެ ކިލަނބުކަމެއް އައި ދުވަސްތަކެއް މާޒީގެ ސަފުހާތަކުގެ ތެރެއިން ފެންނަން އެބައޮތްކަމާއި، ކޮންމެ ފަހަރަކު ވެސް ދިވެހިންގެ މިނިވަންކަން ގެއްލިފައި ވަނީ ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވެސް ބޭރު ބައެއްގެ އެހީތެރިކަން ހޯދުމުންކަމަށް ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ މިނިވަން ދުވަހަކީ ވަރަށް ފަޚުރުވެރި ދުވަހެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ އަމާޒަކަށް ވާންވާނީ މި ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެއެވެ. މި ދުވަހަކީ ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގައި އޮތުމަށްފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެވެ.