ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޑަސްބިންތައް ރަށުކައުންސިލް ތަކާއި ޙަވާލުކޮށްފި

12 ސެޕްޓެންބަރ 2022


ނިލަންދެއަތޮޅު އުތުރުބުރިއަކީ އެންމެ ސާފު އަތޮޅު ކަމުގައި ހެދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށުކައުންސިލް ތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޑަސްބިންތައް ޙަވާލުކޮށްފިއެވެ.

ޑަސްބިންތައް ރަށުކައުންސިލް ތަކާއި ޙަވާލު ކުރުމަށް މިއިދާރާގެ ކޮންފަރެންސް ހޯލްގައި 11 ސެޕްޓެންބަރ 2022 ގައި ބޭއްވި ރަސްމިއްޔާތުގައި ރަށުކައުންސިލް ތަކާއި ޑަސްބިން ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ޑަސްބިންތަކާއި ޙަވާލުވެފައިވަނީ ކައުންސިލް ތަކުން ކަނޑައަޅާފައިވާ ބޭފުޅުންނެވެ.

ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ރަށުކައުންސިލް ތަކަށް ދޫކުރެވުނު 90 ޑަސްބިނަކީ 120 ލީޓަރގެ ޑަސްބިން ތަކެކެވެ. ޑަސްބިންތައް ރަށުކައުންސިލް ތަކަށް ދޫކުރެވިފައިވާ ގޮތަކީ ފީއަލި، މަގޫދޫ، ދަރަނބޫދޫ މިއިން ކޮންމެ ރަށަކަށް 20 ޑަސްބިން، ނިލަންދޫއަށް 30 ޑަސްބިންއެވެ. މީގެ ކުރިން މިމަސައްކަތަށް ހޯދި 20 ޑަސްބިން ބިލެއްދޫ ކައުންސިލާއި ވަނީ ޙަވާލު ކުރެވިފައެވެ.