ފ.ނިލަންދޫ ކައުންސިލުން ފ.ނިލަންދޫ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
ފ. ނިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ފ.ނިލަންދޫ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 04 ޖަނަވަރީ 2018 ވަނަ ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ފ.ނިލަންދޫ ކައުންސިލުން 2017 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ފ.ނިލަންދޫ ރައްޔިތުންގެ މާލިއްޔަތާބެހޭ މަޢުލޫމާތާއި އަދި މިނޫންވެސް ރައްޔިތުންނާއި ޙިއްޞާ ކުރަންޖެހޭ މަޢުލޫމާތުތައް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވޭތުވެދިޔަ 07 މަސްދުވަހުގެ ތެރޭގައި ނިލަންދޫ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ 49 ޙަރަކާތެއްގެ މަޢުލޫމާތާއި، އެކަންކަމަށް ރައްޔިތުންގެ މާލިއްޔަތުން ޚަރަދު ކޮށްފައިވާ ފައިސާގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާ ކުރިއެވެ.
ކައުންސިލުން އެންމެބޮޑު އިސްކަމެއް ދެއްވައިގެން ކޮށްފައިވާ މަސައްކަތަކީ، ކައުންސިލުން ޤާއިމް ކޮށްފައިވާ ޚިދުމަތްތައް ދެމެހެއްޓުމުގެ މަސައްކަތްތައް ކަމަށާއި، އެގޮތުން ރައްޔިތުންގެ މާލިއްޔަތުން އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ރައްޔިތުންގެ އިންޖީނުގެއާއި، ނަރުދަމާ ނިޒާމާއި ތެލުގެ ވިޔަފާރި ހިންގުމަށް ކަމަށާއި، އެގޮތުން އިންޖީނުތަކަށް ދިމާވެފައިހުރި މައްސަލަތަކާއި، ނަރުދަމާ ނިޒާމަށް ދިމާވަމުން ދިޔަ މައްސަލަތައް އެއްކޮށް ޙައްލުވެފައިވާ ކަމުގެ މަޢުލޫމާތުވެސް ރައްޔިތުންނާއި ޙިއްޞާ ކުރިއެވެ.
ނިލަންދޫ ކައުންސިލުން ވޭތުވެދިޔަ 07 މަސް ދުވަހުގެ ތެރޭގައި ހިންގާފައިވާ ޙަރަކާތްތަކަށް ރައްޔިތުންގެ މާލިއްޔަތުން ޚަރަދު ކޮށްފައިވާ ފައިސާގެ މަޢުލޫމާތާއި، މިހާރުގެ ކައުންސިލުން ކައުންސިލާއި ހަވާލުވިއިރު ރައްޔިތުންގެ މާލިއްޔަތުގައި ހުރި ފައިސާގެ މަޢުލޫމާތާއި، 2018 ވަނަ އަހަރު ނިމުނުއިރު ރައްޔިތުންގެ މާލިއްޔަތުގައި ބާކީހުރި ފައިސާގެ މަޢުލޫމާތުވެސް ރައްޔިތުންނަށް ސާފުކޮށް ދެއްވިއެވެ.
އެގޮތުން މިހާރުގެ ކައުންސިލުން ކައުންސިލާއި ޙަވާލުވިއިރު ރައްޔިތުންގެ މާލިއްޔަތުގައި ހުރީ 4,630,479/90 ރުފިޔާ ކަމަށާއި، 2018 ވަނައަހަރު ނިމުނުއިރު ރައްޔިތުންގެ މާލިއްޔަތުގައި ބާކީހުރީ 3,483,172/47 ރުފިޔާ ކަމަށާއި، ކައުންސިލުން ހިންގާފައިވާ ޕްރޮގްރާމްތަކަށް ރައްޔިތުންގެ މާލިއްޔަތުން ޚަރަދު ކޮށްފައިވަނީ 834,838/88 ރުފިޔާ ކަމުގައި ހާމަ ކުރެއްވިއެވެ.
މިކަންކަމުގެ އިތުރުންވެސް ނިލަންދޫ ކައުންސިލުން ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތުތައް ރައްޔިތުންނާއި ޙިއްޞާ ކުރައްވައި، ރައްޔިތުން ސާފު ކުރުމަށް ބޭނުންވި މަޢުލޫމާތުތައް ސާފުކޮށް ދެއްވިއެވެ. މި ބައްދަލުވުމުގައި ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލުގެ އިތުރުން ނައިބްރައީސް އަލްފާޟިލް ޢަލީ މުޙައްމަދާއި، މެންބަރު އަލްފާޟިލް ޢަބްދުއްލަޠީފް މުޙައްމަދާއި، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަލީ އަޙްމަދު ވާހަކަ ދެއްކެވިއެވެ.