ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

15 ސެޕްޓެންބަރ 2022
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ "ފ.އަތޮޅު ޤުރުއާން މުބާރާތް 2022" އަންނަ އޮކްޓޯބަރ މަހުގެ 26 އިން 29 އަށް މިއަތޮޅު ނިލަންދޫގައި ބާއްވާ ގޮތަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ނިންމަވައި، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ޤުރުއާން މުބާރާތް އަމާޒު ކޮށްފައިވަނީ ހަމައެކަނި ނިލަންދެއަތޮޅު އުތުރުބުރީ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުންނަށެވެ.

ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވާދަކުރާ މި މުބާރާތުގައި ޢުމުރުފުރާގެ ބަދަލުގައި މިއަހަރު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް ތަކުގެ ބައިންނެވެ. ކީ ސްޓޭޖް ތަކުގެ ބައިތަކުން ކޮންމެ ގޮތްޕަކުން ބައިކުރެވެނީ ދެ ދަރިންވަރުން ކަމަށާއި، އެއް ދަރިވަރަކަށް ދެ ގޮފީގައި ބައިވެރި ނުވެވޭގޮތަށްވަނީ ނިންމާފައެވެ.

މިއަހަރު މާލޭގައި ބާއްވާ 35 ވަނަ ޤައުމީ މުބާރާތުގައި މިއަތޮޅުން ވާދަކުރާނެ ދަރިވަރުން ހޮވާގޮތަށް ހަމަޖެހިފައިވަނީ މި މުބާރާތުގެ ތެރެއިންނެވެ. ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ތެރެއިން ކޮންމެ ކީ ސްޓޭޖަކުން އެންމެ މަތިން މާކްސްހޯދާ ދެ ދަރިވަރުން ޤައުމީ މުބާރާތުގައި ވާދަކުރާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި ތަކެތި 2022 ސެޕްޓެންބަރ 15 އިން 26 ގެ ނިޔަލަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ހުށަހަޅަންޖެހެއެވެ. ފޯމް ހުށަހަޅަންޖެހެނީ އޮންލައިންކޮށެވެ.

މި މުބާރާތުގެ ޤަވާޢިދާއި އުޞޫލް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

* ފ.އަތޮޅު ޤުރުއާން މުބާރާތް 2022 ގެ ޤަވާޢިދު

* ފ.އަތޮޅު ޤުރުއާން މުބާރާތް 2022 ގެ އުޞޫލް