ކުނި މެނޭޖް ކުރުމާބެހޭ ގޮތުން ތައްޔާރުކުރި ލީފްލެޓްތަައް ރަށު ކައުންސިލް ތަކާއި ޙަވާލުކޮށްފި
ނިލަންދެއަތޮޅު އުތުރުބުރިއަކީ އެންމެ ސާފު އަތޮޅު ކަމުގައި ހެދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖް ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ތައްޔާރުކުރި ލީފްލެޓްތައް ރަށު ކައުންސިލް ތަކާއި ޙަވާލުކޮށްފިއެވެ.
ލީފްލެޓްތައް ރަށު ކައުންސިލް ތަކާއި ޙަވާލު ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި މިއަދު (21 ސެޕްޓެންބަރ 2022) ބޭއްވި ރަސްމިއްޔާތުގައި ލީފްލެޓްތައް ރަށު ކައުންސިލްތަކާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ލީފްލެޓްތަކާއި ޙަވާލުވެފައިވަނީ ކައުންސިލް ތަކުން ކަނޑައަޅާފައިވާ ބޭފުޅުންނެވެ.
މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މިއަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ރަށު ކައުންސިލް ތަކުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި އަތޮޅުކައުންސިލުން ވެދެވެން އޮންނަ އެހީތެރިކަމެއް ވެ ދެއްވާނެ ކަމަށާއި، ކުނި މެނޭޖްކުރުމަށް އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި ރަށުކައުންސިލް ތަކުގެ އެއްބާރުލުން ދެއްވުމަށާއި، ލީފްލެޓްތައް ގޭބިސީތަކާއި އިދާރާތަކާއި ޙަވާލުކޮށް ދެއްވުމަށް ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމަށް މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުން ހޭލުންތެރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ފުރަތަމަ ފަހަރަށް ތައްޔާރުކޮށް ރަށު ކައުންސިލްތަކާއި ޙަވާލުކުރި ލީފްލެޓްތަކަކީ ރަށްރަށުގެ ގޭބިސީތަކާއި އެ ރަށެއްގައިހުރި ސަރުކާރުގެ އިދާރާ ތަކާއި ޙަވާލުކުރުމަށް ޙަވާލު ކުރެވުނު ލީފްލެޓް ތަކެކެވެ. ލީފްލެޓްތައް ޙަވާލު ކުރެވުނު ގޮތަކީ؛
01- ފީއަލި 210 ލީފްލެޓް
02- ބިލެއްދޫ 210 ލީފްލެޓް
03- މަގޫދޫ 150 ލީފްލެޓް
04- ދަރަނބޫދޫ 100 ލީފްލެޓް
05- ނިލަންދޫ 360 ލީފްލެޓް
ޖުމްލަ: 1030 ލީފްލެޓް
ރަށްރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރި ވުމުގެ ގޮތުން ބަގީއެއް ގަތުމަށް މިއަތޮޅުގެ ކޮންމެ ރަށުކައުންސިލަކަށް ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން -/35,000 ރުފިޔާ ދޫކޮށް، ނިލަންދޫ ކައުންސިލް ފިޔަވައި ކޮންމެ ކައުންސިލަކަށް 120 ލީޓަރުގެ 20 ޑަސްބިން، ނިލަންދޫ ކައުންސިލަށް 30 ޑަސްބިން ޖުމްލަ 110 ޑަސްބިން ދެވިފައި ވެއެވެ.