ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

23 ސެޕްޓެންބަރ 2022


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ބިންގާ 2022 ސެޕްޓެންބަރ 22 ގައި އަޅައިފިއެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ، މިސްކިތްއަޅާ ބިމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑޮކްޓަރ އަޙްމަދު ޒާހިރުއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.

ދައުލަތުގެ ބަޖެޓުން 11.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މި މިސްކިތުގައި މުންނާރަކާއި ވުޟޫކުރާ ބަޔަކާއި ފާޚާނާއާއި ގުދަނެއްގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެއެވެ.

މާލާ ހައިރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށް ގެންދާ މި މިސްކިތުގެ މަސައްކަތް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް 17 ޖަނަވަރީ 2022 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރެވެ. މާލާ ހައި ރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢީލެވެ.

ނިލަންދޫގައި މިހާރުވެސް 04 މިސްކިތް ހުރެއެވެ. މީގެތެރެއިން އެއް މިސްކިތަކީ އާސާރީ މިސްކިތެކެވެ. އާސާރީ މިސްކިތް ފިޔަވައި އަނެއް 03 މިސްކިތަކީ ހުކުރު ކުރަމުން ގެންދާ މިސްކިތްތަކެކެވެ.