ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

25 ސެޕްޓެންބަރ 2022


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ މަލަކު ޙައްވާ އަނޫޝާ މިއަދު (25 ސެޕްޓެންބަރ 2022 ދުވަހު) ހަމަޖައްސައިފިއެވެ.

ލީގަލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޙައްވާ އަނޫޝާއަށް މަރުޙަބާ ދެންނެވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި މިއަދު ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މި ޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ލީގަލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖެހިގެން ދިއުމަކީ އަތޮޅުކައުންސިލަށާއި، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށާއި، ލީގަލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖެހިގެން މި ދިޔައީ އަތޮޅުކައުންސިލުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ. ލީގަލް އޮފިސަރގެ މަޤާމަށް ހަމަޖެހުނު ޙައްވާ އަނޫޝާގެ ފަރާތުން އަތޮޅުކައުންސިލަށާއި، ރަށުކައުންސިލް ތަކަށް ރަގަނޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ޢަލީ މުޙައްމަދުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމަށް އެންމެ ފުރަތަމަ މުވައްޒަފަކު ހަމަޖެހިފައިވަނީ 10 މޭ 2015 ގައެވެ. އެ މަޤާމުގައިހުރި މުވައްޒަފު 20 ޖޫން 2016 ގައި މިނިސްޓްރީ އޮފް ހެލްތަށް ބަދަލުވުމުން 24 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް އެ މަޤާމުއޮތީ ހުސްކޮށެވެ. ޙައްވާ އަނޫޝާއަކީ އެ މަޤާމަށް ހަމަޖެހުނު ދެވަނަ މުވައްޒަފެވެ.