ޕާކިސްތާނަށް އެހީވުމުގެ ފަންޑަށް ފައިސާ ހޯދުމުގެ ޙަރަކާތް ތަކެއް ކުރިއަށް ގެންގޮސްފި

04 އޮކްޓޫބަރު 2022


ޙާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ފަންޑަށް ފައިސާ ހޯދުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން 03 އޮކްޓޯބަރު 2022 ގައި ޙަރަކާތް ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި، ފ.އަތޮޅު ޕޮލިސްސްޓޭޝަނާއި ނިލަންދޫ ޑޭލައިޓް ކުލަބުންވެސް ބައިވެރިވެ ފަންޑަށް ފައިސާ ހޯދުމުގެ ޙަރަކާތް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ފައިސާ ހޯދުމަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދޫގެ ލޮބުވެތި ރައްޔިތުންވެސް ބައިވެރިވެ ފަންޑަށް ފައިސާ ހަދިޔާ ކޮށްފައި ވެއެވެ.

އެ ދުވަހުގެ ހަވީރު 4:00 ގައި ޙަރަކާތް ފަށައި އިރުއޮއްސި 6.00 ގައި ނިންމާލައި، އަދި ރޭގަނޑުގެ 8.30 ގައި ފަށައި 11:00 އަށް ނިންމާލިއިރު، ޕާކިސްތާނަށް އެހީވާފަންޑަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފާފު ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން ކުރެވުނު މަސައްކަތުންވެސް -/31,120 ރުފިޔާ ހޯދާފައި ވެއެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން ގެންދިޔަ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ޙާދިސާތައް ކުރިމަތިވެ އެތައް ބައެއްގެ ގެދޮރުގެއްލި ޙާލުގައި ޖެހި ބޮޑަތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.