ޕާކިސްތާނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކުރުމަށް ހޯދި ފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފި

06 އޮކްޓޫބަރު 2022


ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން 03 އޮކްޓޯބަރު 2022 ގައި ކުރި މަސައްކަތުން ލިބުނު ފައިސާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފިއެވެ.

މިފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލު ކުރުމަށް 05 އޮކްޓޫބަރ 2022 ދުވަހުގެރޭ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލާއި ފައިސާ ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ މުޙައްމަދެވެ. ފައިސާއާއި ޙަވާލުވެ ލެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ މުވައްޒަފުންގެ ފަރާތުން ޕާސްކިސްތާނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފައިވަނީ -/31,120 ރުފިޔާއެވެ.

މިފައިސާ ޙަވާލު ކުރުމުގެ ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ނިލަންދޫ ކައުންސިލާއި، ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.