ރެކްރިއޭޝަން ކުލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހޯދި ފައިސާ ކުލަބާއި ޙަވާލުކޮށްފި

07 އޮކްޓޫބަރު 2022


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރެކްރިއޭޝަން ކްލަބުން ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުލަބުގެ މުވައްޒަފުން ހޯދި -/135,000 ރުފިޔާ ކުލަބާއި ޙަވާލުކޮށްފިއެވެ.

ކުލަބާއި ފައިސާ ޙަވާލުކުރުމަށް 06 އޮކްޓޫބަރު 2022 ދުވަހުގެރޭ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި ކުލަބާއި ފައިސާ ޙަވާލުކުރީ ދެ ގުރޫޕްގެ ދެ ވެރިން ކަމުގައިވާ އަޙްމަދު އިބްރާހީމާއި، އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ. ކުލަބުން ފައިސާއާއި ޙަވާލުވީ ކުލަބުގެ ރައީސް އިބްރާހީމް މޫސާއާއި، ނައިބްރައީސް ޢަބްދުއްރައްޒާޤް އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ހުސްވި ސެޕްޓެންބަރ މަހުގެ 07 ވަނަ ދުވަހުން ފެށިގެން މިމަހުގެ 06 ދުވަހުގެ ނިޔަލަށް 01 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފައިސާ ހޯދުމުގެ މި ޕްރޮގްރާމްގައި އެއްގުރޫޕުން -/60,000 ރުފިޔާ ހޯދާފައިވާއިރު އަނެއް ގުރޫޕުން ހޯދާފައިވަނީ -/75,000 ރުފިޔާއެވެ.

މިފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކޮންފަރެންސް ހޯލްގެ މަސައްކަތަށާއި، އަދަބީ އަދި ކުޅިވަރު ޙަރަކާތްތައް ބޭއްވުމަށާއި، އެކިއެކި އިޖްތިމާޢީ ޙަރާކާތްތައް ހިންގުމާއި، ދުވަސްތައް ފާހަގަ ކުރުމަށެވެ.