ފިނޭންސް މިނިސްޓްރީން "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާޙް ކޮށްފި

07 ޖަނަވަރީ 2018


ބަޖެޓް އިންޕްލިމެންޓް ކުރުމާބެހޭ މުޢާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމަށް "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް ފިނޭންސް މިނިސްޓްރީން އިފްތިތާޙް ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސީނިއާ އެޑްވައިޒާ ޓު ދަ މިނިސްޓަރ މުހައްމަދު ޖަލީލްއެވެ. "ބަނޑޭރި ޕޯޓަލް" އަކީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ތަންފީޒުކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް ތައާރަފްކުރެވުނު ޕޯޓަލްއެކެވެ.

މިޕޯޓަލް މެދުވެރިކޮށް ތިން ބާވަތެއްގެ ރިކުއެސްޓް އޮފީސްތަކުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. އެއީ ބަޖެޓްގެ އެއް ކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރުން، އެޑްވާސްން ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރުކުރުމުގެ، އިތުރުން ޚިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް، ވަކި ފަރާތަކާއި ހަވާލުކުރުމަށް އެދި ހުށަހަޅާ ރިކްއެސްޓް އެވެ. .އަދި ހަމައެއާއި އެކު، ދަޢުލަތުގެ ދަތުރުތައް، އެއްވިޔުގައަކުން ގުޅާލައި މެނޭޖްކޮށް ބެލެހެއްޓުމަށް، ދަތުރުތަކުގެ ހުއްދަދިނުންވެސް މި ޕޯޓަލްއަށް ވަނީ ބަދަލުކުރެވިފައެވެ.

ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރި "ބަނޑޭރި ޕޯރޓަލް" އާއި އެކު، ދަޢުލަތުގެ މާލީ، ނިޒާމު އިތުރަށް ހަރުދަނާވެ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށްވުރެ ހަލުވި ވެގެންދާނެ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވެމުންދާ މުއާމަލާތްތައް އަވަސްކުރެވި ޖުމްލަކޮށް މުޅި ދައުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް ބަޖެޓާ ގުޅޭގޮތުން ހުށަހެޅޭ ރިކުއެސްޓްތައް ފުރިހަމަ މައުލޫމާތާއެކު ޕޯޓަލް މެދުވެރިކޮށް އައުމުން އެކަމާމެދު ގޮތް ނިންމުމަށް ފަސޭހަވެ އަވަސްވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބަނޑޭރި ޕޯޓަލް ބޭނުންކުރަން ފެށުމާއެކު، މިހާރު ފިނޭންސް މިނިސްޓްރީއާއެކު ބަދަލު ކުރެވެމުންދާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރެވިގެން ދިއުމުން ބޭނުންކުރެވޭ ކަރުދާސް އެތައް ގުނައެއް މަދުކުރެވި، ތިމާވެއްޓާ އަހުލުވެރި ނިޒާމެއް ގާއިމްވެގެންދާނެ ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.