ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

24 ފެބްރުވަރީ 2023



ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުވެސް މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔާރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ކައުންސިލް ތަކުންވެސް މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާ އުޞޫލްތަކާއެއްގޮތަށް މާލީބަޔާން ތައްޔާރު ކުރުމަށް މަގުފަހި ކުރުމެވެ.ް

މީގެކުރިން މާލީ ބަޔާން ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރަށުކައުންސިލް ތަކުގެ މުވައްޒަފުން އަތޮޅުކައުންސިލަށް ގެނެސްގެން ނަމަވެސް ބައިވެރިންގެ ޢަދަދު އިތުރު ކުރުމުގެ ގޮތުންނާއި މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިއަހަރުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅުކައުންސިލުން ރަށުކައުންސިލް ތަކަށް ގޮސްގެންނެވެ.

މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށް ދިނުމުގެ މިތަމްރީނު ޕްރޮގްރާމްގައި ހުރިހާ ކައުންސިލް ތަކުން ޖުމްލަ 15 ބައިވެރިން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. އެއީ ފީއަލީ ކައުންސިލުން 04 މުވައްޒަފުން، ބިލެއްދޫ ކައުންސިލުން 02 މުވައްޒަފުން، މަގޫދޫ ކައުންސިލުން 03 މުވައްޒަފުން، ދަރަނބޫދޫ ކައުންސިލުން 03 މުވައްޒަފުން އަދި ނިލަންދޫ ކައުންސިލުން 03 މުވައްޒަފުންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސް ނަގައިގެން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ހިންގަންފެށީ 2019 ވަނަ އަހަރުގައެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެން 2020 ވަނައަހަރާއި، 2021 ވަނައަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ނުވިނަމަވެސް 2022 ވަނަ އަހަރު ކުރިއަށް ގެންދެވިފައި ވެއެވެ. މި ތިންއަހަރު ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމުން ގިނަ މުވައްޒަފުންތަކެއް ތަމްރީނު ކުރެވިފައި ވެއެވެ.

މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގެޒެކެޓިވް އަޙްމަދު ރަފީޢު އެވެ.

މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށް ދިނުމަށް ކުރިއަށް މިޕްރޮގްރާމްގެ މަޤްޞަދު ޙާޞިލްވެ މިއަހަރަކީ ހުރިހާ ރަށެއްގެ ރަށުކައުންސިލްތަކުން މާލީ ބަޔާން އަތޮޅުކައުންސިލަށް ފޮނުވި ފުރަތަމަ އަހަރެވެ.