ގެސްޓު ހައުސް ރޭނުމަށް ގައު އެޅުމުގެ މަސައްކަތް ކައުންސިލްގެ އިދާރާގެ މުވައްޒަފުން ކޮށްފި
ފ.އަތޮޅު ސްޓޭޓް ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓް ހައުސް ރޭނުމަށް ގައު އެޅުމުގެ މަސައްކަތް ފ.އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުން މިއަދު ކޮށްފިއެވެ. މި މަސައްކަތުގައި އަތޮޅު ކައުންސިލްގެ އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ. ގައު އެޅުމަށް މިއަދު މުވައްޒަފުންކުރި މަސައްކަތުން 1082 ގައު އެޅިފައި ވެއެވެ.
ފ.އަތޮޅު ސްޓޭޓްހައުސް ގޯތީގައިއޮތް ހުސްބިމުގައި ޢިމާރާތްކުރާ ގެސްޓް ހައުސް ޢިމާރާތަކީ އަތޮޅު ރައްޔިތުންނަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި އަތޮޅު ކައުންސިލުން ނިންމައިގެން ކުރަމުން ގެންދާ 2 ކޮޓަރީގެ 8 ބުލޮކުގެ ޢިމާރާތެކެވެ. ޖުމްލަ 16 ކޮޓަރި ހިމެނޭގޮތަށް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ރޭވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮއެގޮތުން ފުރަތަމަ ފޭހުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ކޮޓަރީގެ 4 ބުލޮކުގެ ތެރެއިން 2 ކޮޓަރީގެ 2 ބުލޮކުގެ ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި ފުރަތަމަ ބުލޮކުގެ ޕައުންޑޭޝަން އަޅައި ތަބުތައްޖަހައި، ދެވަނަ ބުލޮކުގެ ޕައުންޑޭޝަންވަނީ އަޅާފައެވެ.
މިހާރު މަސައްކަތް ކުރިއަށްދާ 2 ކޮޓަރީގެ 2 ބުލޮކް ޢިމާރާތް ރޭނުމަށް 7000 ގައު ބޭނުންވާއިރު، 3 ދުވަހުގެ މަސައްކަތުން ގާތްގަނޑަކަށް 3500 ގައު އެޅިފައިވެއެވެ. ރޭވިފައިވާ ގޮތަށް މަސައްކަތް ދަނީނަމަ، 2018 ފެބްރުވަރީ މަސް ނިމުމުގެ ކުރިން 4 ކޮޓަރި ރޭނުމަށް ބޭނުންވާ ގައު އަޅައި ނިންމާ ލެވޭނެ ކަމުގައި އަތޮޅުކައުންސިލުން ބުނެއެވެ.
ގައު އެޅުމަށް އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންކުރި މަސައްކަތުގައި ފ.ނިލަންދޫ ކައުންސިލްގެ އިދާރާގެ މަސައްކަތްތައް ކުރުމަށް ގެނެސްފައިތިބި ބިނދޭސީ 5 މީހުންގެ އެހީތެރިކަން ލިބިފައި ވެއެވެ. އަދި މީގެ ކުރިން ގައުއެޅި ދުވަހުގައިވެސް ނިލަންދޫ ކައުންސިލުންވަނީ އެމީހުންގެ އެހީތެރިކަން ދެއްވާ ފައެވެ. އަތޮޅު ކައުންސިލްގެ އިދާރާއިން ކުރަމުން ގެންދާ މިފަދަ މަސައްކަތް ތަކުގައި ފ.ނިލަންދޫ ކައުންސިލްގެ އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދާކަން ފާހަގަ ކުރެވެއެވެ.
އަތޮޅު ގޯތީގައި ޢިމާރާތްކުރާ ގެސްޓް ހައުސް ޢިމާރާތުގެ މަސައްކަތް އެސްޓިމޭޓް އުޞޫލުން ކޮށްދޭނޭ ފަރާތެއް ހޯދުމަށް ދެފަހަރު އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުގެ ސަބަބުން މި ޢިމާރާތުގެ މަސައްކަތް ކުރަނީ އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންނެވެ. މުވައްޒަފުން މަސައްކަތް ކުރަނީ އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށެވެ.