ފ.އަތޮޅުކައުންސިލްގެ ވޮލީމުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ނިލަންދޫ ކައުންސިލުން ހޯދައިފި

16 އޮގަސްޓް 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން ނިލަންދޫގައި މިހާރު ކުރިއަށްދާ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްގައި ވާދަކޮށް، މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން ހޯދައި ފ.އަތޮޅުގެ ވޮލީގެ ތާރީޚްގައި ނިލަންދޫން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

2023 އޮގަސްޓް 16 ވަނަ ދުވަހުގެ ހަވީރު 4.30 ގައި ނިލަންދޫ ވޮލީކޯޓުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ޓީމާއި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ޓީމެވެ. ދެ ޓީމުގެ ސަޕޯޓަރުންނާއި މެޗްބަލަން އައިސްތިބި އެތައްބައެއްގެ ކުރިމަތީގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިލަންދޫ ކައުންސިލްގެ ޓީމުން ކާމިޔާބުކުރީ ސީދާ 03 ސެޓުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ކައުންސިލްގެ ޓީމުގެ އިންޑިޔާގެ ކުޅުންތެރިޔާ ގަގަންގީތު ސިންގ އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދި ނިލަންދޫ ކައުންސިލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހުށަހަޅާފައިވާ -/20،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި، ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ މި މެޗްގެ ޝަރަފްވެރި މެހުނާނު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް މުޙުސިނު ޙަމީދެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ރަނަރަޕް ޓީމަށް ހޮވުނު ފީއަލީ ކައުންސިލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި، ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ޓީމެވެ.

ފިރިހެން ޑިވިޜަންގެ ޗެންޕިއަންޓީމު: ނިލަންދޫ ކައުންސިލްގެ ޓީމު
ފިރިހެން ޑިވިޜަންގެ ރަނަރަޕްޓީމު: ފީއަލީ ކައުންސިލްގެ ޓީމު
ފިރިހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން
ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމު: މަގޫދޫ ކައުންސިލްގެ ޓީމު

ފިރިހެން ޑިވިޜަންގެ އެންމެމޮޅު 06 ކުޅުންތެރިން:

01- ޝިރުހާން ޢަބްދުއްސައްތާރު ނިލަންދޫ ކައުންސިލްގެ ޓީމު

02- ޢާލިމް އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

03- ފަރުހާދު އިސްމާޢީލް ނިލަންދޫ ކައުންސިލްގެ ޓީމު

04- މުޙައްމަދު ޢަރީފު މަގޫދޫ ކައުންސިލްގެ ޓީމު

05- އިބްރާހީމް ނަދީމު ނިލަންދޫ ކައުންސިލްގެ ޓީމު

06- ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

ފިރިހެން ޑިވިޜަންގެ އެހެން ވަނަތައް:

އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ގަގަންގީތު ސިންގ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: މުޙައްމަދު އާދަމް ފީއަލީ ކައުންސިލްގެ ޓީމު

21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ކޯޗް: މުޙައްމަދު ރިޝްވާން ނިލަންދޫ ކައުންސިލްގެ ޓީމު