ފ.އަތޮޅުކައުންސިލްގެ ވޮލީމުބާރާތުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން މަގޫދޫ ކައުންސިލުން ހޯދައިފި

16 އޮގަސްޓް 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލުން ހޯދައިފިއެވެ.

2023 އޮގަސްޓް 16 ވަނަ ދުވަހުގެރޭ 20.30 ގައި ނިލަންދޫ ވޮލީކޯޓުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ އަންހެން ޑިވޜަންގައި ހިމެނޭ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ޓީމާއި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ޓީމެވެ.

ދެ ޓީމުގެ ސަޕޯޓަރުންނާއި މެޗްބަލަން އައިސްތިބި އެތައްބައެއްގެ ކުރިމަތީގައި ބަލާހިތްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު މަގޫދޫ ކައުންސިލްގެ ޓީމުން ކާމިޔާބުކުރީ 03 ސެޓް 02 ސެޓުންނެވެ. މިއީ މިމުބާރާތުގައި އެންމެގިނަ ސެޓްތައް ކުޅުނު މެޗެވެ. އަދި މި މެޗްގެ ފުރަތަމަ ސެޓަކީ މިމުބާރާތުގައި ކުޅުނު އެންމެ ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ސެޓްކަން ފާހަގަ ކޮށްލެވެއެވެ. ދެޓީމުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ކޮންމެ ޓީމަކަށްވެސް ސެޓް ނިންމާނެ އެތައް ފުރުޞަތެއް ލިބުނު ނަމަވެސް ސެޓް ދިގުލައިގެން ގޮސް މަގޫދޫ ކައުންސިލްގެ ޓީމުން ސެޓް ކާމިޔާބު ކުރީ 35 – 33 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަގޫދޫ ކައުންސިލްގެ ޓީމުގެ ކިއުބާގެ ކުޅުންތެރިޔާ ޔަނިލަދިސް ސަންޗޭޒް އެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދި މަގޫދޫ ކައުންސިލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހުށަހަޅާފައިވާ -/20،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި، ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ މި މެޗްގެ ޝަރަފްވެރި މެހުމާނު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް މުޙުސިނު ޙަމީދެވެ.

އަންހެން ޑިވިޜަންގެ ރަނަރަޕް ޓީމަށް ހޮވުނު ފީއަލީ ކައުންސިލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑެލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބުދޫ ކައުންސިލްގެ ޓީމެވެ.

އަންހެން ޑިވިޜަންގެ ޗެންޕިއަންޓީމު: މަގޫދޫ ކައުންސިލްގެ ޓީމު
އަންހެން ޑިވިޜަންގެ ރަނަރަޕްޓީމު: ފީއަލީ ކައުންސިލްގެ ޓީމު
އަންހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން
އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމު: ދަރަނބޫދޫ ކައުންސިލްގެ ޓީމު

އަންހެން ޑިވިޜަންގެ އެންމެމޮޅު 06 ކުޅުންތެރިން:

01- ޢާއިޝަތު ރީމާ ފީއަލީ ކައުންސިލްގެ ޓީމު

02- ޢާއިޝަތު ޒުނީތާ މަގޫދޫ ކައުންސިލްގެ ޓީމު

03- ފާޠިމަތު ޠަހޫރާ ދަރަނބޫދޫ ކައުންސިލްގެ ޓީމު

04- އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

05- ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

06- ރިފްދާ އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

އަންހެން ޑިވިޜަންގެ އެހެން ވަނަތައް:

އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ޔަނިލަދިސް ސަންޗޭޒް މަގޫދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: ޝަހީބާ ޢަބްދުއްލަޠީފް ދަރަނބޫދޫ ކައުންސިލްގެ ޓީމު

21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

އެންމެމޮޅު ކޯޗް: ޝުޢައިބު އަޙްމަދު މަގޫދޫ ކައުންސިލްގެ ޓީމު