ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް 2023 ގައި ސްކޫލް މަދަރުސާތަކުން ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފަނީ ހޭންޑް ބޯލާއި، ފުޓްސަލް އެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދާނީ ސްކޫލް މަދަރުސާ ތަކުގައި ހިމެނޭ އަންހެން ދަރިވަރުންނަށެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދާނީ ސްކޫލް މަދަރުސާ ތަކުގައި ހިމެނޭ ފިރިހެން ދަރިވަރުންނަށެވެ.
ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް މަދަރުސާ ތަކުގައި ކިޔަވަމުން ގެންދާ ގްރޭޑް 01 އިން 10 ގައި ހިމެނޭ ދަރިވަރުންގެ މެދުގައި 2023 އޮކްޓޯބަރ 08 އިން 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުޅިވަރު މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްކޫލް މަދަރުސާތަކުން 2023 ސެޕްޓެންބަރ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް މަދަރުސާ ތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅިވަރު މުބާރާތް ހޯސްޓްކުރުމަށް އެދި ހުށަހަޅާ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން އެންމެ ރަގަނޅު ޕްރޮޕޯސަލެއް ހުށަހަޅާ ސްކޫލް މަދަރުސާ ހިމެނޭ ރަށެއްގައެވެ. ކުޅިވަރު މުބާރާތް ހޯސްޓް ކުރުމަށްޓަކައި ހުރިހާ ސްކޫލްތަކަށް މިހާރުވަނީ ހުޅުވާލެވިފައެވެ.
ހޭންޑްބޯލް މުބާރާތުގެ ޓީމް ލިސްޓުގައި ހިމެނޭނީ ގިނަވެގެން 14 އަންހެން ކުޅުންތެރިންނާއި، 05 އޮފިޝަލުން ކަމަށާއި، ފުޓްސަލް މުބާރާތުގެ ޓީމު ލިސްޓްގައި ހިމެނޭނީ ގިނަވެގެން 12 ފިރިހެން ކުޅުންތެރިންނާއި 05 އޮފިޝަލުންކަމަށާއި، ދެ މުބާރާތުގައިވެސް އޮފިޝަލުންގެ ގޮތުގައި އެއްބައެއް ހިމެނިދާނެ ކަމަށާއި، އޮފިޝަލުންގެ ގޮތުގައި ހިމެނުމަށް އެދެވިގެންވަނީ ސްކޫލް މަދަރުސާ ތަކުގެ މުވައްޒަފުން ކަމަށާއި، ކޯޗާއި ފަސްޓްއެއިޑްގެ ގޮތުގައި ސްކޫލް މަދަރުސާތަކުގެ މުވައްޒަފުންނޫން ފަރާތެއްވެސް ހިމެނިދާނެކަމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އެކުލަވާލާފައިވާ މި ކުޅިވަރު މުބާރާތުގެ ޤަވާޢިދުގައި ބަޔާންކޮށްފައި ވެއެވެ.
މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލާއި، ފުޓްސަލް މުބާރާތުގެ ޗެންޕިއަން ކޮންމެ ޓީމަކަށް -/10000 ރުފިޔާ، ރަނަރަޕް ކޮންމެ ޓީމަކަށް -/7000 ރުފިޔާ ދިނުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކަނޑައަޅާފައި ވެއެވެ. އަދި ކުޅިވަރު މުބާރާތް ބާއްވާ ރަށެއްގެ އިންތިޒާމްތައް ހަމަޖެއްސުމަށް -/20000 ރުފިޔާ އަތޮޅު ކައުންސިލުން ދިނުމަށްވަނީ ނިންމާފައެވެ.
މި ދެމުބާރާތަކީވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ދެ މުބާރާތެވެ.